ދުނިޔޭގެ ސުލްހަމަސަލަސްކަމާއި ހަމަޖެހުމަށް ގެއްލުންވާ ގޮތަށް ޗައިނާއިން ހިންގާކަމަށްބުނާ ދޮގު މައުލޫމާތު ކެމްޕެއިން !

2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ޗައިނާގެ އިންތިޚާބާއި ދިމާކޮށް ޗައިނާއިން އެހެން ގައުމުތަކުގެ ރައްޔިތުންގެ ޚިޔާލަށް ނުފޫޒު ފޯރުވުމަށް މައުލޫމާތު އޮޅުވާލާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކުގެ އަޑު އަ...

20 Dec 2023 | 19:28

2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ޗައިނާގެ އިންތިޚާބާއި ދިމާކޮށް ޗައިނާއިން އެހެން ގައުމުތަކުގެ ރައްޔިތުންގެ ޚިޔާލަށް ނުފޫޒު ފޯރުވުމަށް މައުލޫމާތު އޮޅުވާލާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކުގެ އަޑު އަނެއްކާވެސް ވަނީ ގަދަވެފައެވެ. ޗައިނާގެ ފަރާތުން ދޮގު މައުލޫމާތު ދިނުމުގެ ކެމްޕެއިނެއް ހިންގަމުންދާކަމަށް ޓައިވާނުންވެސް ވަނީ ތުހުމަތުކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ. ޗައިނާއިން ހިންގާ ދޮގު މައުލޫމާތު ކެމްޕޭނަށް ގިނަ ގައުމުތަކަކުން ފާޑުކިޔަމުން އަންނައިރު، އެކަމުގެ ސަބަބުން ދުނިޔޭގެ ސުލްހަ މަސަލަސްކަމާއި ހަމަޖެހުމަށް ބުރޫ އަރާފާނެ ކަމުގެ ބިރު އެބައޮތްކަމަށް ގައުމުތަކުން ބުނެއެވެ.

ޓައިވާނުގެ އިތުރުން އެހެން ބައެއް ގައުމުތަކުންވެސް ވަނީ ޗައިނާއިން އާންމުންގެ ހިޔާލަށް ނުފޫޒު ފޯރުވައި، އިންތިހާބުގެ ނަތީޖާ އޮޅުވާލައި، ޗައިނާއަށް ތާއީދު އިތުރުކުރުމަށް ހަގީގަތާއި ހިލާފު ވާހަކައާއި ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ. ދާދި ފަހުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަނީ ޔޫކްރޭންގެ މައްސަލާގައި ދޮގު މައުލޫމާތު ދިނުމާއި ސައިބާ ހަމަލާތައް ދޭ ކަމަށް ބުނެ ޗައިނާއަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. ދާދި ފަހުން ޗެކިއާ އިން ވަނީ ޗައިނާއިން އެގައުމުގެ ރައްޔިތުންނަށް އަމާޒުކޮށް ދޮގު މައުލޫމާތު ދިނުމުގެ ހަރަކާތްތައް ހިންގަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާގެ ގްލޯބަލް އިންފޮމޭޝަން އެންވަޔަރަމަންޓުން ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ބެއިޖިންއިން މިކަމަށް އަހަރަކު އެތައް ބިލިއަން ޑޮލަރެއް ޚަރަދުކުރާ ކަމަށެވެ.

ޗައިނާއިން ހާރިޖީ ކަންކަމާއި ގުޅޭ މައުލޫމާތު އޮޅުވާލުމާއި ގުޅޭގޮތުން އެ ރިޕޯޓުގައި ބުނެފައިވަނީ "ޕީއާރުސީ އާއި ޗައިނާގެ ކޮމިއުނިސްޓް ޕާޓީ (ސީސީޕީ) އަށް ތާއިދު އިތުރުކޮށް ހަގީގަތް އޮޅުވާލުމަށް ބެއިޖިން އިން ބޭނުންކުރަނީ ދޮގު ނުވަތަ ވަކިކޮޅަކަށް ޖެހިފައިވާ މައުލޫމާތުކަމަށާއި ހަމައެއާއެކު، ޓައިވާނު މައްސަލައާއި، އިންސާނީ ޙައްޤުތަކުގެ ޢަމަލުތަކާއި، ދެކުނު ޗައިނާ ކަނޑުގެ މައްސަލަތަކާއި، އެޤައުމުގެ ދާޚިލީ އިޤްތިޞާދާއި، ބައިނަލްއަޤްވާމީ އިޤްތިޞާދީ ބައިވެރިވުން ފަދަ ކަންކަމުގައި ޗައިނާއިން މައުލޫމާތު ސިއްރުކުރުމާއި އޮޅުވާލަމުން ދާކަމަށެވެ

ޗައިނާއިން ދޮގު މައުލޫމާތު ފަތުރާ ކަމަށް ކުރެވޭ ތުހުމަތުގައި މިހާރު ވަނީ ޑީޕްފޭކް ވީޑިއޯތައް އުފައްދާ ހިސާބަށް ގޮސްފައިކަމަށް ރިޕޯޓްތައް ބުނެއެވެ. ދާދި ފަހުން ޓައިވާނުގެ ރައީސް ޗައިނާގެ ކާމިޔާބީތަކަށް ތައުރީފްކުރާ ޑީޕްފޭކް ވީޑިއޯއެއްވަނީ އާއްމު ކޮށްފައެވެ. ޓައިވާނުގެ ޖާސޫސީ އިދާރާތަކުން ގަބޫލުކުރާގޮތުގައި ޗައިނާ ކޮމިއުނިސްޓް ޕާޓީ (ސީސީޕީ)ގެ ލީޑަރު ވަންގް ހުނިންގް ވަނީ އެއްވެސް ސައްކެއް ނުކުރެވޭ ފެންވަރަށް ދޮގު މައުލޫމާތު ބޭނުންކޮށްގެން ޓައިވާނުގެ އިންތިހާބަށް ނުފޫޒު ފޯރުވޭނެ ގޮތަކާބެހޭ ގޮތުން ސިއްރު ބައްދަލުވުމެއް ބާއްވައިފަ އެވެ. މަގްސަދަކީ ޓައިވާން ބަދުނާމުކޮށް، ބެއިޖިންއަށް ތާއީދުކުރާ އިންތިހާބީ ކެނޑިޑޭޓުންނަށް ވޯޓް އިތުރުކުރުމެވެ.
ޖަޕާނުން ޓްރީޓްކޮށްފައިވާ ފެން ދޫކުރުމަށް ނިންމި ނިންމުމަށް އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) އިން ތާއީދުކޮށްފައި ވަނިކޮށް ފުކުޝީމާ ނިއުކްލިއާ ޕަވާޕްލާންޓުން ތަޣައްޔަރުވެފައިވާ ފެން މޫދަށް ދޫކުރާ މަންޒަރުކަމަށް ބުނެ ހަދާފައިވާ ފޮޓޯއެއް ޗައިނާގެ އިސް ޑިޕްލޮމެޓް ލިޖަން ޒާއޯ ހިއްސާކޮށްފައިއެވެ. މިކަމުގެ ސަބަބުން ޖަޕާނަށްވަނީ ގެއްލުންތަކެއް ވެފައެވެ.
"ކާބޯތަކެތީގެ ރައްކާތެރިކަމުގެ ރޭޑިއޯއެކްޓިވް ކޮންޓެމިނޭޝަން"ގެ ނުރައްކާތަކާ ބެހޭ ގޮތުން ޗައިނާއިން ފަތުރަމުންދާ ޕްރޮޕެގެންޑާގެ ސަބަބުން 2023 ވަނަ އަހަރުގެ އޮގަސްޓް މަހު ޖަޕާނުގެ ސީފުޑް އިމްޕޯޓް ކުރި މިންވަރު 67.6 އިންސައްތަ ދަށަށް ގޮސްފައިވެއެވެ. ލޮޖިކަލް އޭއައިގެ ސަބްޖެކްޓް މެޓާ އެކްސްޕާޓެއް ކަމަށްވާ ހަމްސީނީ ހަރިހަރަން ބުނެފައިވަނީ މިއީ ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ކަމެއް ނޫން ކަމަށާއި ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ޗައިނާއިން އަމިއްލައަށް ވެސް ބޮޑެތި ހިޔާނާތްތަކެއް ހިންގާފައިވާ ކަމަށެވެ. މިއީ ސިޔާސީ މަގްސަދެއްގައި ކުރާ ކަމެއްކަން ވަރަށް ސާފުކޮށް އެނގޭކަމަށް އޭނާ ބުނެފައިވެއެވެ.
ދޮގު މައުލޫމާތު ފަތުރާ ޕްރޮޕެގެންޑާގައި ޗައިނާއިން އިސްކަންދޭ ލިސްޓުގައި އެމެރިކާ ހިމެނެއެވެ. އިޒްރޭލާއި ހަމާސްގެ ހަމަނުޖެހުން މުޅި ދުނިޔޭގައި ހަލަބޮލިވެފައިވާއިރު، އެމެރިކާގެ އެކްސެންޓެއް ހިމެނޭ އޭއައި ޖެނެރޭޓެޑް ވީޑިއޯއެއް ޔޫޓިއުބަށް އަޕްލޯޑްކޮށްފައިވެއެވެ. އަދި ޗައިނާ ފަދައިން މެދުވެރިއެއްގެ ދައުރު އަދާކުރުމުގައި އެމެރިކާ ފެއިލްވެފައިވާ ކަމަށް އެ ވީޑިއޯގައި ބުނެފައިވެއެވެ.
އޮސްޓްރޭލިއަން ސްޓްރެޓެޖިކް ޕޮލިސީ އިންސްޓިޓިއުޓްގެ އެނަލިސްޓެއް ކަމަށްވާ ޖަސިންތާ ކީސްޓް ބުނެފައިވަނީ ޗައިނާގެ ދޮގު މައުލޫމާތު ކެމްޕޭނުން އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ވަރަށް ކުޑަ އަގެއްގައި ނުރައްކާތެރި ކޮންޓެންޓް އުފައްދަމުން އަންނަ ކަމަށެވެ. އަދި މި ކެމްޕޭނަކީ މިހާތަނަށް ސޯޝަލް މީޑިއާގައި ޗައިނާއާ ގުޅުންހުރި އެންމެ ކާމިޔާބު ނުފޫޒު ފޯރުވުމުގެ އޮޕަރޭޝަން ކަމަށްވެސް ބުނެފައިވެއެވެ.
ފޭސްބުކް، އިންސްޓަގްރާމް ފަދަ އެޕްލިކޭޝަންތަކުގެ ކުންފުނި މެޓާއިން ބުނީ އެމެރިކާގެ އިންތިހާބާ ދިމާކޮށް ސިޔާސީ ކޮންޓެންޓް ޕޯލަރައިޒް ކުރަން މަސައްކަތް ކުރުމުން ޗައިނާގައި އުފެއްދި އެތައް ހާސް ފޭކް އެކައުންޓެއް ޑިލީޓްކޮށްފައިވާ ކަމަށެވެ. ވޮޝިންޓަން ޑީސީގެ ފްރީޑަމް ހައުސްގެ ސީނިއާ އެޑްވައިޒަރު ސާރާ ކުކް ވިދާޅުވީ ބެއިޖިން މިހާރު ވަނީ އިތުރު ޕްލެޓްފޯމްތަކާއި ޖިއޮގްރަފިކް އޯޑިއަންސްގައި ފެތުރިފައި ކަމަށެވެ. "ސައިބާ ބުލީން އާއި ފޭކް ސޯޝަލް މީޑިއާ އެކައުންޓްތައް ބޭނުންކުރުމާއި ޓާގެޓެޑް ޑިސްއިންފޮމޭޝަން ކެމްޕޭންތަކަކީ 2019 ވަނަ އަހަރުން ފެށިގެން އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރަމުން އަންނަ އުކުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެއް،" އޭނާ ވިދާޅުވިއެވެ.
އިންޑިއާ، މެލޭޝިއާ، ފިލިޕީންސް، ދެކުނު ކޮރެއާ ފަދަ ގައުމުތަކަކީ ޗައިނާގެ ދޮގު މައުލޫމާތު ދިނުމުގެ ކެމްޕޭނުގެ އާންމު ޓާގެޓްތަކެވެ. ޗައިނާގެ އޮޅުވާލާ ދޮގު މައުލޫމާތު ފެތުރުމާއި ދެކޮޅަށް ދެކުނު ކޮރެއާއިން އެމެރިކާއާއެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. ނަމަވެސް ހުރިހާ ގައުމަކަށް ވެސް އެކަމަށް ދެކޮޅު ހެދުމުގެ ގާބިލުކަން ނެތުމުން އެ ގައުމުތައް ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ކުކް ވިދާޅުވި އެވެ. ގްލޯބަލް އިންފޮމޭޝަން އެންވަޔަރަމަންޓް ރިޕޯޓުގައި ބުނެފައި ވަނީ "ޗައިނާއިން ބެލުމެއް ނެތި  ދޮގު ހަބަރު ފެތުރުމުގެ ސަބަބުން ދުނިޔޭގެ އިންފޮމޭޝަން ލޭންޑްސްކޭޕް އަލުން ބައްޓަންވެގެންދާނެ ކަމަށެވެ. ޗައިނާގެ މި އަމަލުތަކުގެ ސަބަބުން ޤައުމުތަކުގެ އިޤްތިޞާދާއި ސަލާމަތީ މަޞްލަޙަތުތަކަށް ބުރޫ އެރުމާއި ބެއިޖިންގއަށް ގެއްލުންވާފަދަ ނިންމުންތައް ނިންމުމަށް މަޖުބޫރުވާނެ ފަދަ ހާލަތްތަކާއި ކުރިމަތި ވުމަކީ އެކަށީގެން ވާކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް