ޕާކިސްތާނުގައި ހަކުރު ބަލީގެ މީހުންނަށް އިންސިއުލިންގެ ދަތިކަން ކުރިމަތިވެފައިވާއިރު ކަރާޗީގެ މެޑިކަލް މާކެޓް ދަނީ ގޯސްވަމުން ކަމަށް ޕާކިސްތާނުގެ ވާނަކިއުލާ މީޑިއާ ޑެއިލީ އެކްސްޕްރެސް އިން ބުނެއެވެ.
އޭގެ އިތުރުން ފުރާނަ ސަލާމަތްކޮށްދޭ އެހެނިހެން ބޭހުގެ ދަތިކަމާއި އެހެން ގައުމުތަކުން އެތެރެކުރާ ބޭހުގެ ދަތިކަން ވެސް ވަނީ ކުރިމަތިވެފަ އެވެ.
ފާމަސޫޓިކަލް ކުންފުނިތަކުން ބޭހެއްގެ އަގު ބޮޑުކުރަން ޖެހިއްޖެ ނަމަ އެ ބޭހުގެ ސަޕްލައި ދަށްކޮށް ނުވަތަ އުފެއްދުން މުޅިން ހުއްޓާލުމުން ބާޒާރުގައި ބޭހުގެ ދަތިކަން ކުރިމަތިވެ އެވެ.
ދަތި ހާލަތުގައި ބޭސް ވިއްކަނީ ބޮޑު އަގުތަކެއްގައި ކަމަށާއި ޑޮމެސްޓިކް ފާމަސޫޓިކަލް ކުންފުނިތައް މިހާރު ކަޅު ބާޒާރުގައި ހަރަކާތްތެރިވަމުން އަންނައިރު، ބޭރުގެ ގިނަ ކުންފުނިތަކުން ޕާކިސްތާނުން ވިޔަފާރި އަނބުރާ ގެންދިޔައީ އިންވެސްޓްމަންޓުން ލިބޭ ފައިދާ ކުޑަވުމުގެ ސަބަބުން ކަމަށް ޑެއިލީ އެކްސްޕްރެސް އިން ބުނެ އެވެ.
ޑްރަގް ޕްރައިސް އެންޑް ކޮލިޓީ މޮނިޓަރިން އެޖެންސީ (ޑީއާރްއޭޕީ) އިން އިސްކަންދޭން ޖެހޭނީ އަގު ބޮޑު ނުކޮށް ބޭހުގެ ކޮލިޓީ ކަށަވަރު ކުރެވޭނެ ގޮތްތަކާއި ވަގު އަދި ފެންވަރު ދަށް ބޭސް އެތެރެކޮށް ވިއްކުން ހުއްޓުވޭނެ ގޮތްތަކަށް ކަމަށް ޑެއިލީ އެކްސްޕްރެސްގައި ބުނެފައިވެ އެވެ.
ޕާކިސްތާނުގައި ފާމަސޫޓިކަލް ކުންފުނިތަކުގެ އެލްސީއެސް ނުހުޅުވުމުގެ ސަބަބުން ބޭސް އުފެއްދުން ހުއްޓިދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ކަމަށް ނަވާއީ ވަގުތު ވިދާޅުވި އެވެ.
ބޭންކުތަކުން އެލްސީ ހުޅުވަން ދެކޮޅު ހެދީ ޑޮލަރު ނެތުމުން ކަމަށާއި ޗައިނާ، އިންޑިއާ، އެމެރިކާ އަދި ހުޅަނގު ޔޫރަޕުގެ އޯޑަރުތައް ވަނީ ހުއްޓިފަ އެވެ.
މުދާ ނުލިބިއްޖެނަމަ 40 ރުޕީސް ނުވަތަ 60ރ ގެ ބޭސް ސަޕްލައި ނުކުރެވޭނެކަމަށް ބުނެ ފާމަސޫޓިކަލް ކުންފުނިތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަދި ކައިރި މުސްތަގުބަލެއްގައި ބޭސް، ހާއްސަކޮށް ޒަރޫރީ އަދި ފުރާނަ ސަލާމަތްކޮށްދޭ ބޭހުގެ ދަތިކަން ކުރިމަތިވެދާނެ ކަމުގެ ބިރު އޮތުމުން، ބޭހަށް ބޭނުންވާ ހަރުމުދާ އެތެރެކުރުމަށް ފާމަސޫޓިކަލް އިންޑަސްޓްރީއަށް ދިމާވެފައިވާ ލެޓާ އޮފް ކްރެޑިޓް (އެލްސީއެސް) ގެ މައްސަލަ ހައްލުކޮށްދިނުމަށް ފެޑެރަލް މިނިސްޓްރީ އޮފް ނޭޝަނަލް ހެލްތު ސާވިސަސް، ރެގިއުލޭޝަންސް އެންޑް ކޯޑިނޭޝަން (އެންއެޗްއެސް، އާރްއެންޑްސީ) އިން ވަނީ ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާފައިއެވެ
ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީ އޮފް ޕާކިސްތާން (ޑީއާރްއޭޕީ) އިން ފެޑެރަލް ހެލްތު މިނިސްޓްރީއަށް އިންޒާރު ދީފައި ވަނީ ބޭހާއި ބޭސް އުފެއްދުމަށް ބޭނުންކުރާ އެހެނިހެން ބާވަތްތަކަށް ބޭނުންވާ ހަރުމުދާ އެތެރެ ނުކުރެވުމުގެ ސަބަބުން ކުރިއަށް އޮތް މަސްތަކުގައި ކުރުވުމުގެ ސަބަބުން ގައުމުގައި ސިއްހީ ބޮޑެތި ކާރިސާއެއް ކުރިމަތިވެދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް