ޒިދާން ޔުވެންޓަސްގެ ކޯޗުކަމާއި ހަވާލުވެދާނެ

ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު އަދި ފްރާންސް ފުޓްބޯޅަ ލެޖެންޑް ޒައުނުއްދީން ޒިދާން އިޓަލީގެ ޔުވެންޓަސްގެ ކޯޗުކަމާއި ހަވާލުވެދާނެ ކަމަށް މާކާއިން ރިޕޯޓް ކޮށްފިއެވެ. ޒިދާން ރެއާލް މެޑްރިޑްގެ ކޯޗުކަމުން 2...

21 Dec 2022 | 18:09

ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު އަދި ފްރާންސް ފުޓްބޯޅަ ލެޖެންޑް ޒައުނުއްދީން ޒިދާން އިޓަލީގެ ޔުވެންޓަސްގެ ކޯޗުކަމާއި ހަވާލުވެދާނެ ކަމަށް މާކާއިން ރިޕޯޓް ކޮށްފިއެވެ.

ޒިދާން ރެއާލް މެޑްރިޑްގެ ކޯޗުކަމުން 2021 ވަނަ އަހަރު ވަކިވި ފަހުން އަދި ހުރީ ކޯޗިން ދާއިރާއާއި ދުރުގައެވެ. އޭގެ ފަހުން އެއްވެސް ޓީމަކަށް ޒިދާން ކޯޗުކޮށްދީފައި ނުވާއިރު، އޭނާ އެންމެ ބޮޑަށް ބޭނުން ވީީ ފްރާންސް ގައުމީޓީމުގެ ކޯޗުކަމާއި ހަވާލުވުމަށް ކަމަށް މާކާއިން ރިޕޯޓުކޮށްފައިވެއެވެ.

އެންމެ ފަހުން ގަތަރުގައި ބޭއްވުނު ފީފާ ވޯލްޑް ކަޕަށް ފަހު ފްރާންސް ޓީމާއި ޒިދާން ހަވާލުވެދާނެ ކަމަށް ބެލެވުނު ނަމަވެސް ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ޑިޑިއެ ޑިޝޯމްޕް އެ މަޤާމުގައި އިތުރަށް ބެހެއްޓުމަށް މަޝްވަރާ ކުރުމަށް ނިންމާފައެވެ. އެގޮތުން 2026 ވަނަ އަހަރު ބޭއްވޭ ވޯލްޑް ކަޕު ފުޓްބޯޅަ މުބާރާތުގެ ނިޔަލަށް ޑިޝޯމްޕް މަޤާމުގައި ދެމިހުންނާނޭ ކަމަށް ވަނީ ބެލެވިފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން އަންނަ ޖެނުއަރީ މަސްތެރޭ ޑިޝޯމްޕް އާއި އެކު ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން މަޝްވަރާތައް ކުރިޔަށް ގެންދާނެއެވެ.

އެންމެ ފަހުން ގަތަރުގައި ނިމުނު ވޯލްޑް ކަޕަށް ފަހު ޑިޝޯމްޕް ފްރާންސް ޓީމާއި އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ވަނީ ނިމުމަކަށް އައިސްފައެވެ. ނަމަވެސް އެ މަޤާމު އިތުރަށް ދަމަހައްޓަން ޑިޝޯމްޕް މަސައްކަތް ކުރާއިރު، އޭނާ އިތުރު ހަތަރު އަހަރު ދުވަހު ޓީމުގައި މަޑުކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކަން މިހެން ހުރިއިރު، ފްރާންސް ޓީމުގެ ކޯޗުކަން ޒިދާން ބޭނުންވި ނަމަވެސް އޭނާއަށް އެ ފުރުސަތު ލިބުން ވަނީ ނާދިރުކަމަށް ވެފައެވެ. އެހެން ކަމުން ޒިދާންގެ ވިސްނުން މިހާރު ހުރީ އަނެއްކާވެސް ކުލަބު ފުޓްބޯޅައާއި ދިމާއަށް ކަމަށް މާކާއިން ވަނީ ރިޕޯޓުކޮށްފައެވެ.

ޒިދާންގެ ވިސްނުން މިހާރު ހުރީ އޭނާގެ ކުރީގެ ކުލަބު އިޓަލީގެ ޔުވެންޓަސް އަށް ކަމަށާއި ދާދި އަވަހަށް އެ ކުލަބުގެ ކޯޗުކަމާއި ޒިދާން ހަވާލުވެދާނޭ ކަމަށް ވަރަށް ބޮޑަށް ބެލެވިފައިވާ ކަމަށް މާކާގެ ރިޕޯޓުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް