އަހަރު ވީއިރުވެސް ކުންފުނި ހެދުމުގެ ހުއްދަ ނުދިނުމުން މާލޭ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި

ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމުގެ ހުއްދައަށް އެދި އެއް އަހަރު ފާއިތު ވީއިރުވެސް ސަރުކާރުން މާލެ ސިޓީ ކައުންސިލަށް ހުއްދަ ނުދިނުމުން އެ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މިކަމާއި ގުޅިގެން މ...

21 Dec 2022 | 17:00

ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމުގެ ހުއްދައަށް އެދި އެއް އަހަރު ފާއިތު ވީއިރުވެސް ސަރުކާރުން މާލެ ސިޓީ ކައުންސިލަށް ހުއްދަ ނުދިނުމުން އެ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިކަމާއި ގުޅިގެން މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ލާމަރުކަޒީ ޤާނޫނުގައިވާ ގޮތަށް ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމަށް ފުރިހަމަ ކުރަންޖެހޭ ހުރިހާ ޢިޖުރާއަތްތަކެއް ފުރިހަމަ ކުރި ފުރަތަމަ ކައުންސިލަކީ މާލެ ސިޓީ ކައުންސިލްކަމުގައިވީނަމަވެސް ޓްރޭޑް މިނިސްޓްރީން މާލެ ސިޓީ ކައުންސިލަށް ހުއްދަ ދީފައި ނުވާކަމަށެވެ. ކުންފުނި އުފެއްދުމަށް މާލެ ސިޓީ އެކައުންސިލުން ހުށައެޅިތާ 8 މަސްދުވަސް ފަހުން ސަރުކާރުން  ޤަވާއިދު ބަދަލުކޮށްފައިވާ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން ޓްރޭޑް މިނިސްޓްރީއާއި ރެޖިސްޓްރާ އޮފް ކޮމްޕެނީސް އާއި ފިނޭންސް މިނިސްޓަރ އަދި ލޯކަލް ގަވާރމެންޓް އޮތޯރިޓީ އާއި  ބައްދަލުކޮށްފައިވާ ކަމަށާއި އަދި އެބޭފުޅުން ވިދާޅުވިގޮތަށް ލިޔެކިއުންތަކަށް ބަދަލުތައް ގެނެސްގެން ހުށަހެޅިކަމަށް މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވިއެވެ.އަދ ކުންފުނި އުފެއްދުމުގެ ހުއްދަ މާލެ ސިޓީ ކައުންސިލަށް ސަރުކާރުން ނުދެއްވަނީ ސިޔާސީ ކަމަކާއި ގުޅިގެން ކަމުގައި ބެލެވޭ ކަމަށް ޑެޕިއުޓީ މޭޔަރު އިތުރަށް ވިދާޅުވިއެވެ. މީގެ އިތުރުން  ވީހާވެސް އަވަހަކަށް ކައުންސިލުން ފަދައިން ލޯކަލް އޮތޯރިޓީ ކުންފުނި ހެދުމަށް ހުއްދަ ދިނުމަށް އެބޭފުޅާ މިއަދުގެ ޖަލްސާގައި ގޮވާލެއްވިއެވެ.

ލޯކަލް އޮތޯރިޓީ ކުންފުނި ހެދުމުގެ ޤަވާއިދަށް ބަދަލު ގެނެސްފައިވަނީ ކުންފުނީގެ މައްޗަށް ކައުންސިލަށް އޮންނަ ބާރު ގެއްލޭ ފަދަ ގޮތަކަށްކަމުގައި މިމައްސަލާގައި ކަންބޮޑުވުން ފާޅުކުރި މެމްބަރުން ފާހަގަކުރައްވާފައެވެ. އަދި މިކަމާއި ގުޅިގެން މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާގައި މޭޔަރާއި ޑެޕިއުޓީ މޭޔަރުގެ އިތުރުން ކައުންސިލް މެމްބަރުންވެސް ވަނީ ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ.

އެގޮތުން ކުންފުނި އުފެއްދުމުގެ ޤަވާއިދު ސަރުކާރުން ބަދަލުކޮށްފައިވާކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރ އަހުމަދު އައިފާން ވިދާޅުވި އިރު ރާއްޖޭގެ 187 ރަށް އޮތްއިރު އޭގެތެރެއިން އެންމެ ރަށެއްގެ ކައުންސިލަށް ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމަށް ފުރުޞަތު ދިނުމަކީ އެއީ ސަރުކާރުން ހާސިލުކުރި މޮޅުކަމެއްގެ ގޮތުގައި ބުނެވެން ނެތްކަމަށާއި ރާއްޖޭގެ އާބާދީގެ 40 އިންސައްތަ ދިރިއުޅެމުންދާ މާލެސިޓީގެ ކައުންސިލަށް ކުންފުނި ރެޖިސްޓްރީ ކުރުމަށް، ސަރުކާރުން ގެނައި ޤަވާއިދުތަކުގެ ބަދަލުތަކުގެ ސަބަބުން ފުރުޞަތު ހަނިވާ ކަމަށް ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރ ސައިފް ފާތިހު ވިދާޅުވެއެވެ.

ސަރުކާރުން ލާމަރުކަޒީ ނިޒާމު ތަންފީޒު ކުރުމަށް މަސައްކަތް ނުކުރާކަމަށް އެގޮތުން މާލޭގައި ހިންގާ ޕްރޮޖެކްޓްތަކުގެ މައުލޫމާތު ސިޓީ ކައުންސިލަށް ނޭންގުމަކީ އެކަން ސާބިތުވާ ލާމަސީލު މިސާލެއްކަމުގައި ސައިފް ފަތުހީ ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް