ރ. އަތޮޅާއި އައްޑޫ ސިޓީ އަދި ހުޅުމާލޭގައި އަމާން ހިޔާ ޤާއިމް ކުރަން ނިންމާ އެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި މަސައްކަތް ކުރަނީ ސްޓްރެންތަނިންގ ޖެންޑަރ އިންކްލޫސިވް އިނީޝިއޭޓިވްސް މަޝްރޫޢުގެ ދަށުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި، އަދި ޖަޕާން ސަރުކާރުން ދޭ ހިލޭ އެހީގެ ދަށުންނެވެ.
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން މިއަދު ބުނީ މި އެއްބަސްވުމުގައި ދިވެހި ސަރުކާރާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ފަރާތުން ސޮއިކޮށްފައިވަނީ މިކަމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސްގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ކަމަށެވެ.
ޖެންޑާ މިނިސްޓްރީން ބުނީ އޭޑީބީގެ އެހީގައި ހިންގާ މި މަޝްރޫޢަކީ މައިގަނޑު ފަސް ނަތީޖާއެއް ޙާސިލްކުރުމަށް އަމާޒުހިފައިގެން 05 އަހަރަށް ބަހާލައިގެން ކުރިއަށްގެންދާ މަޝްރޫޢުއެއް ކަމަށެވެ.
މި މަޝްރޫޢުގެ ލަނޑުދަނޑިތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ފަސް ކަމަކީ މިންތީގެ ދާއިރާއާ ގުޅޭ ތަފާސްހިސާބުގެ ކަންކަން ބެލެހެއްޓުން ހަރުދަނާކުރުމާއި، ޖެންޑަރ ރެސްޕޮންސިވް ބަޖެޓިންގ ތަޢާރަފްކޮށް، ބަޖެޓް އެކުލަވާލާއިރު ބަޖެޓް ރެސްޕޮންސިވް ބަޖެޓެއް ތައްޔާރުކުރަން މުވައްޒަފުން، ތަމްރީނުކުރުމާއި، ޢިޖުތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތް ފޯރުކޮށްދޭ ދާއިރާގެ ޤާބިލްކަން އިތުރުކުރުމާއި، ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލަތައް މަދުކޮށް އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިވުމުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމާއި، އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ ވަގުތީ ރައްކާތެރިކަން ފޯރުކޮށްދޭ ތިން އަމާން ހިޔާ ޤާއިމު ކުރުން ހިމެނޭކަމަށް ޖެންޑާ މިނިސްޓްރީން ހާމަކުރެއެވެ.
މީގެ އިތުރުން ޖެންޑާ މިނިސްޓްރީން ބުނީ މި ތިން އަމާން ހިޔާ ޤާއިމު ކުރުމަށް ހަމަޖެހިފައި ވަނީ ރ. އަތޮޅާއި، އައްޑޫ ސިޓީގެ އިތުރުން ހުޅުމާލޭގައި ކަމަށެވެ.
އެޑީބީ ބޭންކުން ދޭ 7.5 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި ޖަޕާނު ސަރުކާރުން ދޭ 2.5 މިލިއަން ޑޮލަރުގެ ފަންނީ އެހީގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރެވެ. އޭޑީބީ ބޭންކުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ ޑރ. ތިއާމް ހީ އެން.ޖީއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އޭޑީބީގެ ހިލޭ އެހީގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ސަބަބުން ގެވެށި އަނިޔާގެ ޝިކާރައަށްވާ އަންހެނުންނާއި ޢާއިލާތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެކަން ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގައި އަންހެނުންނަށް ކުރާ އަނިޔާގެ މިންވަރު ދަށްކުރުމަށާއި، އިޖުތިމާޢީ އަދި އިޤްތިޞާދީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް އެހީތެރިކަން ލިބިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މިނިސްޓަރ ވަނީ މި ޚާއްސަ މަޝްރޫޢުގެ އެކި މަސައްކަތްތަކުގައި ޝާމިލުވާ އޭޝިއަން ޑިވެލޮޕްމަންޓް ބެންކާއި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފް ރާސްޓްރަކްޗަރ، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މުވައްޒަފުންގެ މަސައްކަތް ފާހަގަކުރައްވައި އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް