ސުރުހީގައި އެ ވަނީ ކޮން ސަލީމެއްތޯ ކިޔުންތެރިން ހިތަށް އަރާނެކަމާއިމެދު ޝައްކެއް ނެތެވެ. އެއީ ގަތަރުގައި ފުޅާ ދާއިރާއެއްގައި އާއިލީ ވިޔަފާރިއެއް ކުރަމުން އަންނަ އަހްމަދު އަލް ސަލީމް އެވެ. މި ލިޔުމުގައި ނަޒަރު ހިންގައިލަން މި ޖެހެނީ ސަލީމް އާއި އޭނާގެ "ބިސްތު" ވިޔަފާރިއަށެވެ.
އަހްމަދު އަލް ސަލީމަކީ ގަތަރުގައި އެންމެ ފުޅާ ދާއިރާއެއްގައި ބިޝްތު ފެހުމާއި ބިޝްތުގެ ވިޔަފާރިކުރާ އެއް ފަރާތެވެ.
އޭނާ ބުނެފައިވާގޮތުގައި ވޯލްޑްކަޕްގެ ފައިނަލްގެ ކުރިން އޭނާއަށް އެ ގައުމުގެ ސަރުކާރުގެ ފަރާތުން ދެ އޯޑަރެއް ލިބުނެވެ. އެއީ އާޖެންޓީނާގެ ކެޕްޓަން މެސީގެ ސައިޒަށާއި ފްރާންސްގެ ކެޕްޓަން ހޫގޯ ލޮރިސްގެ ސައިޒަށެވެ.
ދެ ސައިޒަށް ދެ "ބިސްތު" ފެހުމަށްފަހު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ އެ "ބިޝްތު" ހަވާލުކުރިއިރުވެސް ސަލީމްގެ ވިޔަފާރިއަށް ކުއްލި ބޮޑު ކުރިއެރުމެއް ލިބޭނެކަމުގައި އޭނާ ހިއެއް ނުކުރެއެވެ.
އެހެންނަމަވެސް ވޯލްޑްކަޕުގެ ފައިނަލުން އާޖެންޓީނާ މޮޅުވެ، ގަތަރުގެ އަމީރު މެސީ އަށް "ބިސްތު" ހަދިޔާކުރި ހިސާބުން ސަލީމްގެ އާއިލީ ވިޔަފާރީގެ ނަން އެގޮތް މިގޮތުން ސޯޝަލް މީޑިއާގައި ދައުރުވެ ވިޔަފާރީގެ ބޮޑު ކުރިއެރުމެއް ސަލީމްގެ އާއިލާއަށް ލިބުނެވެ.
އަރަބި ބައެއް މީޑިއާތަކަށް މައުލޫމާތުދެމުން ސަލީމް ބުނެފައިވާގޮތުގައި އާއްމުގޮތެއްގައި ހާއްސަ ހަފްލާތަކުގައި އަރަބިން ލައި އުޅޭ "ބިޝްތު" އޭނާގެ ވިޔަފާރީގައި މީގެ ކުރިން ވިކެމުންދިޔައީ ދުވާލަކު ގިނަވެގެން ދިހަ "ބިޝްތު"ގެ މަގުންނެވެ. ނަމަވެސް ވޯލްޑްކަޕް ފައިނަލަށްފަހު ޖެހިގެން އައި ދުވަހު އެކަނިވެސް 150 އަށްވުރެ ގިނަ "ބިސްތު" ވިކުނު ކަމުގައި ސަލީމް ބުނެފައިވެއެވެ. އަދި މިހާރުވެސް އޯޑަރުތައް އެތައް ގުނައެއް އިތުރުވެ ޑިމާންޑު ވަރަށް ބޮޑުވެފައިވާކަމުގައިވެސް ސަލީމް ބުނެފައިވެއެވެ.
އޭގެ ބިޝްތެއް ސަލީމްގެ ވިޔަފާރިން ވިއްކަމުން އަންނަނީ 2200 ޑޮލަރަށެވެ. އެ ބިޝްތުތައް ފެހުމުގައި ބޭނުންކޮށްފައިވާ ރަން ރޮއްޖަކީ ޖަރުމަނުން އެތެރެކޮށްފައިވާ ރޮދި ކަމަށާއި އޭގައި ބޭނުންކޮށްފައި ފޮތި އިމްޕޯޓްކޮށްފައިވަނީ ޖަޕާނުން ކަމުގައިވެސް ސަލީމް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް