މިހާރު ކުރިޔަށް ދާ އިންޑިއާގެ މަޝްހޫރު ރިއަލިޓީ ޝޯ “ބިގް ބޮސް 16” ގެ ބައިވެރިންގެ ތެރެއިން އެންމެ އަގުބޮޑު އެކްޓްރެސް ސުމްބުލް ތައުޤީރު ހާންގެ ފީ ކުޑަކުރަން ނިންމައިފި އެވެ.
މި ޝޯ ފެށިގެން އައި އިރު ސުމްބުލް އަކީ އެންމެ ހިޓުވާނެ މީހާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރި މީހާއެވެ. އެހެންވެ ބިގް ބޮސްގެ ޕްރޮޑަކްޝަން ޓީމުން އޭނާ ޝޯގައި ބައިވެރި ކުރީ އެންމެ އަގުބޮޑު ބައިވެރިޔާގެ ގޮތުގައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އޭނާ އެ ޝޯގައި ބައިވެރިވީ ހަފްތާއަކަށް 12 ލައްކަ އިންޑިއަން ރުޕީސްއަށެވެ. އެކަމަކު ޝޯ ފެށިގެން ތިން މަސް ވާން ކައިރިވެފައިވާއިރު ޝޯ ބަލާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާއިރު އެންމެ ގިނަ ބަޔަކު ފޫހިވަނީވެސް ސުމްބުލް ދެކެ އެވެ.
ޝޯ ބަލާ މީހުންގެ އަދަދު އިތުރު ކުރުމަށް ބަދަލުތަކަކާއި އެކު ފަސް ހަފްތާ އިތުރު ކުރުމަށް ޕްރޮޑަކްޝަން ޓީމުން ވަނީ ނިންމާފައި އެވެ. އެއާއި އެކު ގިނަ ތަރިންތަކެއްގެ ފީ ކުޑަކުރަން ނިންމާފައިވާ ކަމަށާއި އެންމެ ބޮޑަށް ކުޑަ ކުރަނީ ސުމްބުލްގެ ފީ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެ ޝޯގެ ޕްރޮޑަކްޝަން ޓީމުގައި ހިމެނޭ މީހަކު ބުނީ ސުމްބުލްގެ ފީ ހަފްތާއަކަށް ހަ ލައްކަ ރުޕީސްއަށް ކުޑަކުރާނެކަން އޭނާއަށް އަންގާފައިވާ ކަމަށެވެ. އަދި އޭނާގެ އުޅުމާއި ވާހަކަ ހުންނަ ގޮތުން ޝޯއަށް ސުމްބުލްގެ ފަރާތުން ނޭދެވޭ އަސަރު ކޮށްފައިވާކަން އޭނާވެސް ގަބޫލު ކުރާ ކަމަށް ބުނެފައިވެ އެވެ.
އެމީހާ ބުނީ ޝޯގައި ބޮޑު ފީއެއް ދީގެންވެސް ސުމްބުލް ބައިވެރި ކުރަން ނިންމީ ސްޓާ ޕްލަސްގެ "އިމްލީ" ޑްރާމާ ސިލްސިލާއިން އޭނާ ހޯދި މަޝްހޫރު ކަމުގެ ފައިދާ ބިގްބޮސްއަށް ނެގޭނެ ކަމަށް ބަލައިގެންނެވެ. އެކަމަކު ސުމްބުލްގެ އަސްލު ސިފަ ޝޯ ތެރެއިން ފެނި އެންމެންނަށް އޭނާވީ ސައިބޯނި ބޮތްކަކަށް ކަމަށް ޓީމުގެ މެމްބަރު ބުނެފައިވެ އެވެ.
ސުމްބުލް ދެކެ މީހުން ފޫހިވާން ފެށީ އޭނާގެ ދެ އެކުރިވެރިން ކަމަށްވާ ޝާލިން ބަނޮޓާއި ޓީނާ ދުއްތާ މަކަރު ހެދުމުންވެސް އެމީހުން ވާހަކަ ދައްކާތޯ ދެރަވެ ދެރަވެފައި މަސައްކަތް ކުރުމުންނެވެ. ފާޑުކިޔާ މީހުން ބުނީ މި މައްސަލައިގަ ޝޯ ކުރިޔަށް ދާއިރު އެމީހުންނާއި ވާހަކަ ނުދެއްކުމަށް ސުމްބުލްގެ ބައްޕަވެސް ނަސޭހަތްތެރިވެފައިވާ ކަމަށެވެ.
އެކަމަކު އޭގެ ފަހުންވެސް އޭނާ އެމީހުންނާއި ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރަން އުޅެނީ މީހުންގެ ލޯބި ހޯދުމަށް ކަމަށް ބުންޏެވެ. އަދި ފަހުން "އިމްލީ" ގައި އޭނާގެ ބައިވެރިޔާ ފަހްމާން ހާން ބިގް ބޮސް ހައުސްއަށް ދިއުމުން އޭނާ އުޅެންފެށި ގޮތުންނާއި ބައްޕަގެ ބައިވެރިވުމާއި އެކު އޭނާ ހޯދަންފެށި ސަމާލުކަމަށް މީހުން ފޫހިވީ އެވެ.
މިހާރު އޭނާގެ ބައްޕަވެސް ވަނީ ސުމްބުލް އަމިއްލައަށް މަސައްކަތް ކުރުމަށް ނަސޭހަތްދީ ސުމްބުލްގެ ދިފާއުގައި ވާހަކަ ދެއްކުން ހުއްޓާލާފައި އެވެ.
ސުމްބުލްގެ ނުފޫޒުގައި ޝޯ ކާމިޔާބު ކުރެވުނުކަން އެނގޭނީ ކުރިޔަށް އޮތް ފަސް ހަފްތާގައި އޭނާއަށް ޝޯގައި ހިފަހައްޓާލެވިއްޖެ ނަމަ އެވެ. ޝޯއާއި ބެހޭ ގޮތުން ވާހަކަ ދައްކާ މީހުން ބުނީ ޝުމްބުލްއަށް ގިނަ މީހުން ތާއީދު ނުކުރިޔަސް އޭނާއަށް ކުރިޔަށް ދެވޭނެކަން މިފަހުން ބިގް ބޮސް ހައުސްގެ ކެޕްޓަންކަން ހޯދުމުން އެނގޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް