ޕޯސްޓްމޯޓަމް ހަދަން ނިޝާމާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިފި

ހދ. ނޮޅިވަރަމްގައި މަރުވެފައި އޮއްވަ ފެނުނު އުމުރުން28 އަހަރުގެ ނިޝާމާ މުހައްމަދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވައިފި އެވެ. ނިޝާމާ މަރުވެފައި އޮއްވަ ފެނުނީ މިމަހުގެ10 ވަނަ ދުވަހު އ...

21 Dec 2022 | 08:00

ހދ. ނޮޅިވަރަމްގައި މަރުވެފައި އޮއްވަ ފެނުނު އުމުރުން28 އަހަރުގެ ނިޝާމާ މުހައްމަދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވައިފި އެވެ.

ނިޝާމާ މަރުވެފައި އޮއްވަ ފެނުނީ މިމަހުގެ10 ވަނަ ދުވަހު އޭނާ ދިރިއުޅޭ ގޭގެ ކޮޓަރީގައި އެވެ. އެ ރަށު ސިއްހީ މަރުކަޒުން ބުނީ އެތަނަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށެވެ.

ނިޝާމާގެ މަރުގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރި ކަމަަށް އާއިލާއިން ބުނެ އޭނާގެ މަރާލިކަމުގެ ތުހުމަތު ކުރީ ނިޝާމާގެ ފިރިމީހާ އަބޫބަކުރު ފައިސަލަށެވެ. އެ މައްސަލައިގަ ފައިސަލް އެ ދުވަހު ހައްޔަރު ކުރިނަމަވެސް ފުލުހުންގެ ބަންދުގައި ހުއްޓަ އޭނާ ވަނީ ދަންޖެހިފައި އެވެ. އަދި ފަރުވާ ދެމުން ދަނިކޮށް މިމަހުގެ19 ވަނަ ދުވަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މަރުވެފައި އެވެ.

ނިޝާމާގެ މަރާއި ގުޅިގެން ފުލުހުން ވަނީ އޭނާގެ މަރުގެ ހަގީގަތް ދެނެގަތުމަށް ޕޯސްޓްމޯޓަމް ހަދަން ނިންމާފައި އެވެ. އަދި މިއަދު ހެނދުނު ނިޝާމާގެ ހަށިގަނޑު އިންޑިއާގެ ޓްރިވެންޑްރަމަށް ފޮނުވާފައިވާ ކަމަށް ފުލުހުން މިއަދު މީޑީއާގައި ބުންޏެވެ.

މި މައްސަލައިގަ ފައިސަލްގެ މައްޗަށް ތުހުމަތު ކުރެވޭ އެއްވެސް ކަމެއް އޮތް ކަމެއް މިހާތަނަށް ފުލުހުން ހާމައެއް ނުކުރެ އެވެ.

ހޯމް މިނިސްޓްރީން ބުނީ ފައިސަލް މަރުވި ނަމަވެސް ނިޝާމާގެ މަރުގެ ތަހުގީގު ކުރިޔަށް ގެންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް