ހދ. ކުޅުދުއްފުށި ސިޓީ ހިމެނޭ ސަރަހައްދަށް ތޫފާނެއް އަރާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ.
މޫސުމުގެ މައުލޫމާތު ފޯރުކޮށްދޭ ބައެއް އެޕްލިކޭޝަންތަކުގައި ބުނެފައިވާ ގޮތުގައި މިމަހުގެ 27 ވަނަ ދުވަހު އެ ސަރަހައްދަށް ތޫފާނެއް އަރާނެ އެވެ. އަދި އާދަޔާ ހިލާފަށް ވަޔާއި ކަނޑު ގަދަވާނެ ކަމަށް ބުނެފައިވެ އެވެ.
މިކަމާއި ގުޅިގެން މެޓް އޮފީހުގެ މީޓްރޮލޮޖިސްޓް މުހައްމަދު ސައުދް މިއަދު ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވިދާޅުވީ އެ އިދާރާއިން އެއްކުރަމުންދާ މައުލޫމާތަކަށް ބަލާއިރު ކުޅުދުއްފުއްޓާއި ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ތޫފާނެއް ނާރާނެ އެވެ. އެކަމަކު މިމަހުގެ 27 ވަނަ ދުވަސް ހިމެނޭހެން އޭގެ ކުރިޔާ ފަހުގެ ދުވަސްތަކުގައި އުތުރަށް މޫސުން ގޯސްވާނެ އެވެ.
އެއީ ސްރީލަންކާގެ އިރުން އުފެދިފައިވާ ތޫފާނު، ކޮޅިގަނޑަކަށް ބަދަލުވާތީ ކަމަށާއި އޭގެ ނުސީދާ އަސަރު އުތުރުގެ ސަރަހައްދުތަކަށް ކުރާނެ ކަމަށެވެ. ތޫފާނުގެ އަސަރު ކުރަން ފެށުމުން ގަދަ ވަޔާއި އެކު ކަނޑުތައް ގަދަވާނެ ކަމަށް ސައުދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވިޔަސް މިހާރު ދައްކާގޮތުން އެ ތޫފާނު ދާނީ ލަންކާ މަތިން އަރަބި ކަނޑަށެވެ. އެހެން ކަމުން ތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް އެއްވެސް ވަރަކަށް ނުކުރާނެ ކަމަށް ވިދާޅުވި އެވެ.
ސައުދު ވިދާޅުވީ ކުރިޔަށް އޮތް ހަފްތާގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ކަނޑާއި ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް