ރ. އިނގުރައިދޫ ނެރުގައި ބޭރުތޮށި ލުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ
ޝާހިދު ޙުސައިން މޫސާއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ
ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، ފާތުމަތު ޝާނާ ފާރޫޤެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، 6744.50 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 145 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 150 މީޓަރުގެ ސަރަޙައްދެއްގައި މިހާރު ހުރި ބޭރުތޮށި ރީޕްރޮފައިލް ކުރުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭކަމަށް އެކުންފުނިން ހާމަކުރެއެވެ.
މި މަޝްރޫޢުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓެއް ހެދުމަށް ފަހު ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫޢަކީ 17.18 މިލިއަން ރުފިޔާއަށް 180 ދުވަސް ތެރޭ ނިންމުމަށް ހަވާލުކުރެވިފައިވާ މަޝްރޫޢުއެއް ކަމަށެވެ.
ރާ އަތޮޅު އިނގުރައިދޫއަކީ ގާތްގަނޑަކަށް 2082 މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެކެވެ.
ރަށުގެ މީހުންނަކީ މަސްވެރިކަންކުރާ އަދި ވަޑާމުގެ މަސައްކަތް ތަކުގައިވެސް މަސްޢޫލުވެ އުޅޭ ބައެކެވެ. އިނގުރައިދޫގެ ނެރުގައި މިހާރު ލާފާއޮތް ބޭރުތޮށީގެ ސަބަބުން ކަނޑުގަދަ ދުވަސްވަރު އުޅަނދުފަހަރު ވަންނަން މަސައްކަތް ކުރާ ވަގުތު ފަޅުތެރޭގައި ރާޅުބޮޑުވާ ގޮތްވެ އުނދަގޫތައް ދިމާވެއެވެ.
އެމްޓީސީސީން ބުނީ މިއަދު ސޮއިކުރެވޭ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު މި މައްސަލަ ހައްލުވެގެން ދާނެ ކަމަށެވެ.
ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980
ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ
ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް