އަފްގާނިސްތާނުގައި އަންހެން ދަރިވަރުން ޔުނިވާސިޓީތަކަށް ދިއުން އެ ގައުމު މިހާރު ހިންގަމުން އަންނަ ތާލިބާނުން މަނާކޮށްފިއެވެ.
ތާލިބާނުން މިކަން މަނާކުރީ ތާލިބާނުންގެ އެޑިއުކޭޝަން މިނިސްޓްރީން އެ ގައުމުގެ ސަރުކާރު އަދި އަމިއްލަ ޔުނިވާސިޓީތަކަށް ފޮނުވި ސިޓީއެއްގައެވެ.
އެ ސިޓީގައި ބުނެފައިވަނީ އިއްޔެއިން ފެށިގެން އެ ގައުމުގެ އެއްވެސް ޔުނިވާސިޓީއަކަށް އެއްވެސް އަންހެން ދަރިވަރަކު ވަނުމުގެ ހުއްދަ ދީގެން ނުވާނެ ކަމަށެވެ.
ތާލިބާނުންގެ މި ނިންމުން އައިސްފައިމިވަނީ ތާލިބާނުން އަންހެނުންނާއިމެދު ގެންގުޅޭ ހަރުކަށި އުސޫލުތަކާއިމެދު އދ ގައި އިއްޔެ ފުޅާދާއިރާއެއްގައި މަޝްވަރާތަކެއްވެސް ކުރިއަށްދިޔަ ދަނޑިވަޅެއްގައެވެ.
ތާލިބާނުންގެ މި ނިންމުން އެމީހުން ދިފާއު ކުރެއެވެ. އެގޮތުން މި ނިންމުމާއި ގުޅޭގޮތުން ތާލިބާނުން ބުނެފައިވަނީ މި ނިންމުން ނިންމާފައިވަނީ ގައުމީ މަސްލަހަތާއި އަންހެނުން ރައްކާތެރިކުރުމުގެ ގޮތުން ކަމަށެވެ.
އެމެރިކާގެ އަސްކަރީ އެހީއާއެކު އެ ގައުމުގައި ކުރިން ގާއިމުކޮށްފައިވާ ސަރުކާރުގެ މައްޗަށް ތާލިބާނުން ވެރިވީ ފަހުން މިއީ މިފަދަ ވަރުގަދަ ނިންމުމެއް ނިންމި ދެވަނަ ފަހަރެވެ. ކުރިން ނިންމީ އެ ގައުމުގައި އަންހެން ކުދިންނަށް ކިޔަވައިދޭ މަދަރުސާތައް ބަންދު ކުރުމަށެވެ. އެގޮތުން އެ ނިންމުމަށްވެސް ތާލިބާނުން އަންނަނީ އަމަލުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް