ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުން ކޮލި އަލި މަނިކުގެ ޖާނާޒާއަށް ހޯމް މިނިސްޓަރު އުމަރު ސިންގަޕޫރަށް

ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ގޮތުން، ކޮލި އަލިމަނިކުގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ. ދުވަހަށް މައުލޫމާތު ދެއްވ...

21 Dec 2015 | 04:07

ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ގޮތުން، ކޮލި އަލިމަނިކުގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ މިއަދު އަސުރު ނަމާދަށްފަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ފުރާވަޑައިގެންނެވީ ރޭ 11:00 ހާއިރު ކަމަށެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަލީ ޢުމަރު މަނިކަކީ 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި، ސަރުކާރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކުރައްވާފައިވާ އަދި ސަރުކާރުގެ ވަރަށް އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ވަނީ ރައީސް އިބްރާހީމް ނާޞިރުގެ ދައުރުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަޤާމު ފުރުއްވާފައެވެ.

ސަރުކާރުގެ ޚިދްމަތް ފެށްޓެވީ، 13 ޖުލައި 1958 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ޚާރިޖިއްޔާގެ ސަފީރު އޮފީހުގެ ވެރިޔާގެ ސެކްރެޓަރީ ކަމުގެ މަޤާމެވެ. އޭގެފަހުން، ވަޒީރުލް އަޢުޡަމްގެ އޮފީހުގެ ޚާއްޞަ ވަކީލު ކަމުގެ މަޤާމާއި، ދިވެހި ދައުލަތުގެ ވިޔަފާރިއާބެހޭ ސަފީރުކަން ކުރައްވާފައިވެއެވެ. އަދި މިނިސްޓަރ އޮފް ޝިޕިންގ ކަމުގެ މަޤާމުވެސް އެމަނިކުފާނު ވަނީ ފުރުއްވާފައެވެ.

ހުޅުލޭގައި ވައިގެ ބަނދަރެއް ހެދުމުގެ ޢަމަލީ މަސައްކަތް ހިންގެވުމުގައި އޭރުގެ ވަޒީރުލްއަޢުޡަމް އިބްރާހީމް ނާޞިރުގެ ބެއްލެވުމުގެ ދަށުން އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ޙަރަކާތްތެރިވެވަޑައިގަތީ ޢަލީ ޢުމަރު މަނިކެވެ.

އަލި މަނިކު އަވަހާރަވީ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށެވެ. އެމަނިކުފާނު އަވަހާރަވި އުމުރުފުޅުން 77 އަހަރުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް