މާލެއިން ފުރައިގެން ރ.ފުރަވެރިއަށް ސިމެންތި ބަރުކޮށްގެން ދަތުރުކުރަމުންދިޔަ "މަދޫ 2" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއްގެ އިންޖީން ރޫމްގައި ރޭ ދަންވަރު ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ކޮންޓްރޯލްކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ މި ދޯނީގެ އިންޖީން ރޫމްގައި އަލިފާން ރޯވެފައިވަނީ ކ.ޒިޔާރަތްފުށި ކައިރިން ރޭ ދަންވަރު 3:10 ހާއިރު ކަމަށެވެ. މިކަމުގެ މައުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އަށް ލިބުމާއި އެކު އެސަރަހައްދަށް އެމްއެންޑީއެފް ހާބަރ ކްރާފްޓުގައި ފަޔަރ ފައިޓަރުންގެ ޓީމެއް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ކަމަށާއި މިގޮތުން ކުރެވުނު މަސައްކަތުން އިންޖީން ރޫމްގައި ރޯވެފައިވާ އަލިފާން މިއަދު ހެނދުނު 6:13 ހާއިރު ވަނީ ކޮންޓްރޯލް ކޮށްފައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ 100 ފޫޓުގެ މި ދޯނީގައި ތިބީ މުޅިއެކު ހަތަރު ފަޅުވެރިން ކަމަށާއި މި ހާދިސާއާއި ގުޅިގެން އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިފައެއްނުވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް