ޑިޓިއުންގެ "ވައި ސޯންގް"، ވައި ފިލުވާލަން މަޖާ ލަވައެއް

ވައި ފިލުވާލަން މަޖާ ލަވައެއް ބަލައިލަން ބޭނުންހެއްޔެވެ!؟ ޑީ ޓިއުންގެ އާ ވީޑިއޯ ލަވަ "ވައި ސޯންގް" އެކަމަށް ހަމަ އެއްވަނަ އެވެ. ޒުވާނުންގެ މެދުގައި މަގްބޫލް ބޭންޑެއް ކަމުގައިވާ ޑިޓިއުން ބޭންޑްގެ ވަންޑ...

21 Dec 2015 | 01:49

ވައި ފިލުވާލަން މަޖާ ލަވައެއް ބަލައިލަން ބޭނުންހެއްޔެވެ!؟ ޑީ ޓިއުންގެ އާ ވީޑިއޯ ލަވަ "ވައި ސޯންގް" އެކަމަށް ހަމަ އެއްވަނަ އެވެ.

ޒުވާނުންގެ މެދުގައި މަގްބޫލް ބޭންޑެއް ކަމުގައިވާ ޑިޓިއުން ބޭންޑްގެ ވަންޑައުން އަލްބަމްގެ ދެވަނަ ވީޑިއޯ ލަވަ "ވައި ސޯންގް"ގެ ވީޑީއޯ ޔޫޓިއުބަށް އަޕްލޯޑް ކުރުމާއެކު ސޯޝަލް މީޑިއާގައި މިހާރުވެސް މި ލަވަ އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. މީގެ ކުރިން އެ ބޭންޑުން ނެރުނު "ނަށާލާ" ލަވަ އަށް ޒުވާނުންގެ ބޮޑު ތަރުހީބެއް ލިބިފައިވާއިރު "ވައި ސޯންގް" އާއިމެދުވެސް ޑިޓިއުން ބޭންޑުން ކުރަނީ ހަމަ އެ އުންމީދެވެ.

"ވައި ސޯންގް" އަށް ބަލާލާއިރު މި ލަވަ އަކީ މިލަވަ ޔޫޓިއުބް އަށް އަޕްލޯޑް ކޮށްފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގަ އެވެ. މި ލަވަ މިހާތަނަށް 6،000 އަށްވުރެ ގިނަ މީހުން ބަލާފައި ވެ އެވެ. ލަވައިގެ ވީޑިއޯއަކީ މިހާތަނަށް ރާއްޖޭގައި އަދި ފެނިފައިނުވާ ކޮންސެޕްޓަކަށް ކޮރެއޮގްރާފް ކޮށްފައިވާ ލަވައެއްކަން ފާހަގަކޮށްލެވެ އެވެ. ލަވައިގެ ސްޓޯރީބޯޑް ހަދާފައިވަނީ އަހުމަދު އަހުސަން އެވެ. ވީޑިއޯ ހަދާފއިވަނީ ވީޑިއޯ ޕްރޮޑަކްޝަންސްތައް އުފެއްދުމުގެ އިތުރުން އިވެންޓް އޯރގަނައިޒް ކުރުމާއި ސިނެމެޓަގްރަފީ އަދި ފޮޓޯގްރަފީގެ ހިދުމެތްދެމުން އަންނަ މިސްޓިފް އިންނެވެ. މިލަވައިގެ މިކްސިންގ އެންޑް މާސްޓަރިންގ ހަދައިފައިވަނީ ރާއްޖޭގެ ފާހަގަ ކޮއްލެވޭ މޮޅު މިއުޒިކް ކޮމްޕޯޒާ އެއްކަމުގައިވާ މުހައްމަދު އިކްރާމްއެވެ.

މިލަވައިގެ ވީޑިއޯގައި ދައްކުވައިދެނީ ބޭންޑްގެ ފިރިހެން ވޯކަލިސްޓް ފޫޖީގެ ވައިދުވަހެއްގައި ފޫޖީއަށް ލިބޭ ލަނޑުތަކުގެ މަންޒަރެވެ. އަދި ލަވައިގެ ވަކި ހިސާބަކުން ބޭންޑްގެ އެހެން ބައިވެރިންނަށް ލަނޑުލިބޭ ވަރަށް މަޖާ މަންޒަރުތަކެއް ދައްކުވައިދެއެވެ. ޔަގީނުންވެސް މިލަވައަކީ ޒުވާނުން އަދި ބޮޑެތިމީހުންނަށްވެސް ވަރަށް ކަމުދާ މަޖާ ލަވައެކަށް ވާނެކަން އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ލަވަޔާ ބެހޭގޮތުން ބޭންޑްގެ ލީޑަރ ފެޒޫ ބުނީ މިލަވަޔަށް ވައި ސޯންގް ކީނަމަވެސް މިލަވައިގެ ވީޑިއޯއަކީ ވަރަށްމަޖާ އާޢިލާއާ އެކުވެސް އެންޖޯއީ ކޮއްލެވޭނެ ވީޑިއޯލަވައެއް ކަމަށެވެ.

ޑިޓިއުން ބޭންޑްގެ ވައި ސޯންގްގެ ވީޑިއޯ ލަވަ ބަލާލަން ބޭނުން ކޮންމެ ބޭފުޅަކަށްވެސް ބޭންޑްގެ ފޭސްބުކް ޕޭޖް  fb.com/detuneband އަދި ބޭންޑްގެ ޔޫޓިއުބް ޗެނަލް youtube.com/detuneband އިންވެސް ބަލާލެވޭނެއެވެ.

https://www.youtube.com/watch?v=SckaWduvf18&feature=youtu.be

ޑިޓިއުން ބޭންޑްއަކީ ފާއިތުވެދިޔަ 10 އަހަރުން ފެށިގެން މިއުޒިކްގެ ދާއިރާގައި ތަފާތު އެކި ވައްތަރުތަކުގެ މިއުޒިކްކުޅެ ތަމްސީލް ކޮއްދެމުން އަންނަ ޒުވާނުންނގެ މަޤުބޫލުކަން ލިބިފައިވާ ބޭންޑެކެވެ. މިއުޒިޝަނުންގެ މަށްޗަށް އުފެދިފައިވާ ޑިޓިއުން ބޭންޑް އެންމެ ފާހަގަ ކޮއްލެވެނީ ރިޒޯރޓް މިއުޒިކް ކުޅޭ ބޭންޑް އެއްގެ ގޮތުގައެވެ.

ޑިޓިއުން ބޭންޑްއަކީ ބައިނަލްއަގްވާމީ ސްޓެޖްތަކުގައި ރާއްޖެ ތަމްސީލުކޮއްދިފައިވާ ހުނަރުވެރި ބޭންޑްއެކެވެ.   އަދި ހަމއެހެންމެ ޑިޓިއުން ބޭންޑްގެ ކޮންމެ މެމްބަރެކީވެސް އެމެރިކާގެ ބާރކްލީ ކޮލެޖް އޮފް މިއުޒިކްއިން ސާރޓިފައިވެފައިވާ މިއުޒިޝަނުންނެވެ. ރާއްޖޭގެ ނަން މަޝްހޫރު ރިޒޯރޓް ތައްކަމުގައިވާ ވަން އެންޑް އޮންލީ ރީތިރަށް، ބަރޮސް އައިލަންޑް ރިޒޯރޓް އަދި ކުރުމްބާ މޯލްޑިވްސްގައި މިހާރުވެސް ރިޒޯރޓް މިއުޒިކް ހުށަހަޅަދެމުންއަންނަ މިބޭންޑް ވަނީ ބޭންޑްގެ ލަވަ އަލްބަމްއެއް ރިލީޒް ކޮއްފައެވެ. 5 އޭޕްރީލް 2014ގައި ޑިޓީއުންގެ ފުރަތަމަ އަލްބަމް "ވަން ޑައުން (ސުން ކެނޑުން)"ވަނީ ރިލީޒް ކޮށްފަ އެވެ.

2015ވަނަ އަހަރުގެ ޖެނުވަރީ މަހު ޑިޓިއުން ބޭންޑްއިން ވަނީ ބޭންޑްގެ ފުރަތަމަ މިއުޒިކް ވީޑިއޯލަވަ "ނަށާލާ" ތަޢާރަފްކޮއްފައެވެ.ނަށާލާ މިލަވަ ވަނީ ސޯޝަލް މީޑިއާ ތަކުގައްޔާ ރާއްޖޭގެ އެކިއެކި ބޮރޫޑްކާސްޓިންގް ޗެނަލްތަކުގައި ގެނެސްދީ ޒުވާނުންގެ ވަރަށްބޮޑު ތަރުޙީބެއް ހޯދާފަ އެވެ.

ޑިޓިއުން ބޭންޑްގެ މެނޭޖަރ އައިޝަތު ވިޝާމަތް ބުނީ ފެށޭއަހަރުގެ ތެރެއަށް ބަހާލެވިގެން ތަފާތުގިނަ އިވެންޓްތަކެއް ރޭވިފައިވާކަމަށެވެ. މިގޮތުން އެންމެ ފާހަގަ ކޮއްލެވޭނެ އެއްކަމަކަށް ވެގެންދާނީ ޑިޓިއުން ބޭންޑްގެ 10ވަނަ އަހަރީ ދުވަސް ފާހަގަ ކުރުންކަމަށެވެ. މި ބޭންޑުން ހާމަކުރާ ގޮތުގައި ބޭންޑަށް 10 އަހަރު ފުރޭނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 18ވަނަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް