ދަރަނީގެ ބޮޑު ބައެއް މިއަހަރު ދައްކައި، އަންނަ އަހަރު ނަތީޖާ ނެރެވޭނެ - މާލީ ވަޒީރު

މިއަހަރު ދައުލަތުގެ ދަރަނީގެ ބޮޑު ބައެއް އަދާކުރެވޭތީ، އަންނަ އަހަރު ޕީއެސްއައިޕީ ހަރަދު އިތުރުކޮށް ރައްޔިތުންނަށް ނަތީޖާ ފެންނާނެ ކަމަށް މާލީ މިނިސްޓަރު ޒަރީރު ވިދާޅުވެއްޖެއެވެ.

21 Nov 2026 | 14:05
ދަރަނީގެ ބޮޑު ބައެއް މިއަހަރު ދައްކައި، އަންނަ އަހަރު ނަތީޖާ ނެރެވޭނެ - މާލީ ވަޒީރު

މިއަހަރު ތެރޭ ދައުލަތުގެ ދަރަނީގެ ބޮޑު ބައެއް އަދާކުރެވޭތީ، އަންނަ އަހަރު ސަރުކާރުގެ މަސައްކަތްތަކުގެ ނަތީޖާ ރައްޔިތުންނަށް ފެންނާނެ ކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ހަފްތާ 156 ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، ޕޯޓު މަޝްރޫއު ފަދަ ބިޔަ މަސައްކަތްތައް ހިމެނޭ ގޮތުން 3000 އަށް ވުރެ ގިނަ މަޝްރޫއު މިހާރު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގަމުންދާ ކަމަށެވެ. ޕޯޓު މަޝްރޫއު ނިމުމުން ރައްޔިތުންނަށް ހެޔޮ އަގުގައި މުދާ ލިބޭނެ މަގު ފަހިވާނެ ކަމަށް ވެސް ވިދާޅުވިއެވެ. ބޮޑެތި މަޝްރޫއުތަކުގެ އިތުރުން ކުޑަ ހަރަދެއް ހިނގި ނަމަވެސް ބޮޑު އަސަރެއް ކުރާ ފަދަ ކުދި މަޝްރޫއުތައް ވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

Advertisement

ބަޖެޓުގައި ކަނޑައެޅި އަމާޒާ އެއްގޮތަށް، ކުރިއަށްދާ މަޝްރޫއުތަކުގެ 70 އިންސައްތަ މިއަހަރު ނިންމުމަށް އެންމެ ބޮޑު އިސްކަމެއް ދެއްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިކަން ކަށަވަރުކުރުމަށް މާލީ މިނިސްޓްރީ ހިމެނޭ ގޮތުން ހުރިހާ މިނިސްޓްރީއެއްގައި ޕްރޮޖެކްޓް މެނޭޖްމެންޓް ނިޒާމެއް ގާއިމުކޮށް، މަޝްރޫއުތައް ހިނގާ ގޮތް ބެލެމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑު ބަޖެޓުގައިވެސް ފާހަގަކުރިހެން މިއަންނަ އަހަރަކީ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ނަތީޖާ ނެރެވޭނެ ފަދައިން މަސައްކަތް ކުރެވޭނެ އަހަރެއްގެ ގޮތުގައި އަޅުގަނޑުމެން މިބަލަނީ. އަޅުގަނޑުމެންގެ ދަރަނީގެ ވަރަށް ބޮޑު ބައެއް ދެއްކިފައި ހުރުމާއެކު އަޅުގަނޑުމެން، މިއަންނަ އަހަރު ޕީއެސްއައިޕީއަށް ކުރެވޭ ހަރަދުތައްވެސް، ބަޖެޓުގައިވެސް އިންނާނީ ހިމަނާފައި އިތުރަށް. އަދި މީގެ އިތުރަށް ކޮންޓްރެކްޓަރ ފައިނޭންސިން އުސޫލުންވެސް ޕްރޮޖެކްޓައް ހިންގާ. އެ ޕްރޮޖެކްޓައްވެސް މިހާރު ފެއްޓި، އެ ޕްރޮޖެކްޓުތަކުގެ ޕްރޮގްރެސް ފެންނަމުންދޭ."

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.2 ބިލިޔަން ރުފިޔާ ހިމަނާފައިވާ އިރު، އެންމެ ބޮޑު ހަރަދެއް ކަނޑައަޅާފައި ވަނީ އިގުތިސާދީ ތަރައްގީގެ އަސާސީ ވަސީލަތްތައް ބިނާކުރުމަށް ކަނޑައެޅި 3.07 ބިލިޔަން ރުފިޔާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް