ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީ ފޯރުކޮށްދިނުމުގައި އަމަލުކުރާނެ އުސޫލެއް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އާންމުކޮށްފިއެވެ.
ގްރާންޓަށް ޝަރުތު ހަމަވާނީ ރަޖިސްޓްރީކޮށްގެން ހިންގާތާ އެއް އަހަރު ފުރިފައިވާ މީޑިއާތަކަށް ކަމަށް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ. ބްރޯޑްކާސްޓް މީޑިއާއެއް ނަމަ ލައިސަންސް އޮތުން ވެސް ލާޒިމުވެއެވެ. މީގެ ކުރިން ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ މިނިސްޓްރީން ފައިސާ ދޫކުރާނެ މީޑިއާތައް ކަނޑައެޅުމުގައި ކަންބޮޑުވުންތައް ހުރުމުން، އެ މަސައްކަތް ކޮމިޝަނާ ހަވާލުކޮށް، ކުރީގެ އުސޫލު ވަނީ ބާތިލްކޮށްފައެވެ.
އައު އުސޫލުގެ ދަށުން އެދޭ މީޑިއާތަކުން ކޮމިޝަނުގެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމެއް ލާންޖެހެއެވެ. ކޮންމެ މީޑިއާއަކަށް ހުށަހެޅޭނީ އެއް އެޕްލިކޭޝަނެވެ. އެ ހުށަހެޅުމުގައި ގިނަވެގެން ދެ މީޑިއަމް ނުވަތަ ދެ މަންސައެއް އިހްތިޔާރުކުރެވޭނެއެވެ. އެއް ފަރާތެއްގެ ދަށުގައި ސަބްސިޑިއަރީ ކުންފުނިތައް ހިމެނޭ ގޮތަށް ބައެއް މީޑިއާ ހިންގި ނަމަވެސް، ގްރާންޓް ލިބޭނީ އެ ފަރާތުން ހިޔާރުކުރާ އެންމެ މީޑިއާއަކަށެވެ. އަންނަ އަހަރުން ފެށިގެން މުވައްޒަފުންނަށް މުސާރަ ޖަމާކުރާ ކަމުގެ ބޭންކް ސިޓީއެއް ހުށަހަޅަންޖެހޭއިރު، ކުރިން ގްރާންޓުން ފައިސާ ލިބިފައިވާ ނަމަ އެ ހަރަދުކުރި ގޮތުގެ މާލީ ބަޔާނެއް ވެސް ހުށަހެޅުން ލާޒިމެވެ.
މީޑިއާތައް ވަޒަންކުރާނީ ހިންގި މުއްދަތާއި، މުވައްޒަފުންގެ އަދަދާއި ތައުލީމާއި ތަޖުރިބާއާއި، ބިޒްނަސް ޕްލޭނާއި، ކޮންޓެންޓުގެ ބާވަތަށް ބެލުމަށް ފަހު މާކްސް ދީގެންނެވެ. ގްރާންޓް ލިބޭނީ 50 މާކްސް އިން މައްޗަށް ދާ ފަރާތްތަކަށެވެ. ފާއިތުވި ދެ އަހަރެއްގެ ތެރޭގައި ކޮމިޝަނުން ފިޔަވަޅެއް އަޅައި އާންމުކޮށްފައިވާ ނަމަ ކޮންމެ ފިޔަވަޅަކަށް ތިން މާކްސް އުނިކުރެވެއެވެ. ޕޯޓަލް މެދުވެރިކޮށް މާކްސް ލިބުނު ގޮތް ބެލޭނެ ކަމަށާއި، ހިތްހަމަނުޖެހޭ ނަމަ މުރާޖާއަކަށް ހުށަހެޅުމުގެ ފުރުސަތު ވެސް ދެވޭނެ ކަމަށް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ގްރާންޓް ލިބޭ މީޑިއާތަކުގެ ލިސްޓު ކޮމިޝަނުން ދާހީލީ މިނިސްޓްރީ މެދުވެރިކޮށް މާލީ މިނިސްޓްރީއަށް ފޮނުވައި، ފައިސާ ޖަމާކުރާނީ އެ މީޑިއާގެ ނަމުގައިވާ ބޭންކް އެކައުންޓަށެވެ. ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތަ މީޑިއާ ގްރާންޓުގެ ގޮތުގައި ކޮންމެ އަހަރަކު ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް