ރާއްޖޭގެ ރިސޯޓަކަށް ވަޒީފާއަށް ގެނެސް ހާލުގައި ޖެއްސި އިންޑިއާ ރައްޔިތަކު ސަލާމަތްކޮށްފި !

އޮޅުވާލައިގެން ރާއްޖެ ގެނެސް ރިސޯޓެއްގައި މަސައްކަތްކުރުވަމުންދިޔަ އިންޑިއާ ރައްޔިތަކު ސަލާމަތްކޮށްފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ. އެގޮތުން އިންޑިއާގެ ނޫސްތަކުގެ މިއަދުގެ އަދަދުގައި ބުނ...

21 Nov 2024 | 18:32

އޮޅުވާލައިގެން ރާއްޖެ ގެނެސް ރިސޯޓެއްގައި މަސައްކަތްކުރުވަމުންދިޔަ އިންޑިއާ ރައްޔިތަކު ސަލާމަތްކޮށްފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.

އެގޮތުން އިންޑިއާގެ ނޫސްތަކުގެ މިއަދުގެ އަދަދުގައި ބުނެފައިވާގޮތުގައި ރެކްރޫޓްމަންޓް އޭޖެންސީއަކުން، އިންޑިއާއަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ މުން ޕަރޭކް ނަމަކަށްކިޔާ މީހަކު ރާއްޖޭގެ ރިސޯޓެއްގެ ވަޒީފާއަށް ގެނައީ ބޮޑު މުސާރައަކާއި އިތުރު އިނާޔަތްތަކެއް ދޭނެކަމުގެ ވައުދާއެކުގައެވެ.

ނަމަވެސް ރާއްޖެ ގެނެސް ރިސޯޓަށް ގެންދިއުމަށްފަހު އެ ރިސޯޓުން އޭނާއާއިމެދު އަމަލުކުރީ ވަރަށް އިހާނެތިކޮށް ކަމަށާއި، އެއްބަސްވި އަދަދާއި ގާތްކުރާ އަދަދަށްވެސް މުސާރަ ނުދޭ ތާނގައި ރަނގަޅަށް ކާންވެސް ނުދޭތީ ވަރަށް ބޮޑަށް އަނަރޫފަވެފައިވާކަމުގައިވެސް ރިޕޯޓްކޮށްފައިވެއެވެ.

އޭނާ ރާއްޖެ އައިކަމަށްވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އޭނާ އުޅޭ ހާލު އޭނާގެ މަންމައަށް އެންގުމުން އޭނާގެ މަންމަ ކޮންމެވެސް ގޮތަކުން ރިސޯޓުގެ އޯނަރާއި ގުޅައި އޭނާގެ ދަރިފުޅު އިންޑިއާއަށް ފޮނުވައިދިނުމަށް ތަކުރާރުކޮށް އެދުނު ކަމަށާއި އަދި އެކަމަށް އިތުރަށް ފައިސާދޭން އެ އާއިލާއިން ތައްޔާރަށް ތިބިކަމަށް ބުނުމުންވެސް އެ ރިސޯޓް އޯނަރު ދިނީ ބީރުކަންފަތެއް ކަމުގައި ބުނެފައިވެއެވެ.

މުން ޕަރޭކްގެ މަންމަ އެންމެ ފަހުން އެ މައްސަލައިގ ދިޔައީ އިންޑިއާގެ ތާނޭ ޑިސްޓްރިކްޓްގެ މީރާ ބަޔަންދަރު ޕޮލިސް ސްޓޭޝަނަށެވެ. އެ ސްޓޭޝަންގައި ގާއިމްކޮށްފައިވާ ބަރޯސާ ޓްރަސްޓް ސެލް ނަމަކަށްކިޔާ ޓީމަކުން މުން ޕަރޭކް ސަލާމަތް ކުރުމުގެ މަސައްކަތް ފެށީ މި މަހުގެ 11 ވަނަ ދުވަހު ކަމަށް ބުނެފައިވެއެވެ.

އެ ސެލްގެ އެސިސްޓަންޓް ޕޮލިސް އިންސްޕެކްޓަރ ތެޖާޝްރީ ޝިންދޭގެ ބެލުމުގެ ދަށުން އެކުލަވާލި ޓީމަކުން ކުރި މަސައްކަތުން ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީ މެދުވެރިކޮށް އެ ރިސޯޓްގެ އޯނަރާއި ތެޖާޝްރީ ޝިންދޭއާއި ދެމެދު ފޯނު ކޯލުގެ މުއާމަލާތްތަކެއް ހިންގި ކަމަށާއި މުން ޕަރޭކް އިންޑިއާއަށް ފޮނުވައިދޭން ރިސޯޓް އޯނަރު އެއްބަސްވީ އެ ފޯނުކޯލު މުއާމަލާތްތަކުގެ ސަބަބުން ކަމަށްވެސް ބުނެފައިވެއެވެ.

އިންޑިއާ މީޑިއާއަށް މައުލޫމާތުދެމުން ތެޖާޝްރީ ޝިންދޭ ބުނެފައިވަނީ އެންމެ ފުރަތަމަ އެ ރިސޯޓް އޯނަރު އެކަންކަން ދޮގުކުރި ކަމަށާއި ނަމަވެސް ފަހުން އެކަންކަމަށް އެއްބަސްވެ މުން ޕަރޭކް އިންޑިއާއަށް ފޮނުވަދޭނެކަމަށްބުނެ އިންޑިއާ އެމްބަސީއާއި ގުޅިގެން އެކަން މިހާރު ފަށާފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް