ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން ދ. މީދޫ އިން ތަފާތު ބޮޑު ނަތީޖާއަކުން ގދ. ފަރެސްމާތޮޑާ ބަލިކޮށްފިއެވެ.
ގުރޫޕް އޭގެ ދެވަނަ މެޗުގައި ދ. މީދޫ އިން ފަރެސްމާތޮޑާ ބަލިކުރީ 1-4 ގެނަތީޖާއިންނެވެ.
ގްރޫޕް އޭގެ ފުރަތަމަ މެޗު ރޭގައި ކުޅެފައިވާއިރު، މި މެޗުގައި ބައްދަލުކުރީ ޏ. ފުވައްމުލައް އަދި ދ. ކުޑަހުވަދޫއެވެ. މި މެޗު 3-1 ކާމިޔާބުނީ ފުވައްމުލަކުގެ ޓީމެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި، ފަރެސްމާތޮޑާ އަތުން މީދޫ މޮޅުކޮށްދިނުމުގައި ތަފާތު ދެއްކީ މީދޫ ޓީމަށް މޮޅު ކުޅުމެއް ދެއްކި، މުޒްދާން ހަަސަން އާއި އިބްރާހިމް އިމްރާން (އިންމި) އެވެ. މެޗުގައި، މީދޫން ލީޑުނެގީ ފުރަތަަަމަ ހާފުގައި، މީގެ ކުރިން ޓީސީ ސްޕޯޓްސް ކުލަބަށް ކުޅެފައިވާ ންމި ޖެހި ގޯލުންނެވެ.
އިންމި ދިން ބޯޅައަކުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މީދޫގެ ލީޑުފުޅާކުރީ 20 އަހަރުން ދަށުގެ ގައުމީ ޓީމަށް މޮޅު ކުޅުމެއް ދެއްކުމުގެ އިތުރުން އެންމެ ފަހުން ނެގި ސީނިއާ ގައުމީ ޓީމުގައި ވެސް ހިމެނުނު މުޒްދާން އެވެ.
ދެ ވަނަ ހާފުގައި މުޒްދާނަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ އަކުން އިންމި ވަނީ މީދޫގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. މީދޫގެ ފަހު ގޯލު ޖެހީ، ހަންމާމު ރަޝާދު އެވެ.
މެޗުގައި ފަރެސްމާތޮޑާ އަށްވެސް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބުނެނެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެޓީމަށް ނުހިފި ބަލިވީއެވެ. އެ ޓީމުގެ ހަމައެކަނި ލަނޑު ޖަހާފައިވަނީ، ޝައިސުﷲ އަޝްރަފް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް