ސްޓެލްކޯއިން އިސްލާމީ މަރުކަޒު މުންނާރު ތިރީގައިވާ މަސްފެންގަނޑު މަރާމާތުކޮށް މިނިސްޓްރީއާ ހަވާލުކޮށްފި

އިސްލާމީ މަރުކަޒުގެ މުންނާރު ތިރީގައި ހަދާފައިވާ މަސްފެންގަނޑު ސްޓެލްކޯއިން މަރާމާތު ކުރުމަށްފަހު އިސްލާމިކް މިނިސްޓްރީއާއި މިއަދު ހަވާލުކޮށްފިއެވެ. މިއީ ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން މިދިޔަ މ...

21 Nov 2024 | 11:44

އިސްލާމީ މަރުކަޒުގެ މުންނާރު ތިރީގައި ހަދާފައިވާ މަސްފެންގަނޑު ސްޓެލްކޯއިން މަރާމާތު ކުރުމަށްފަހު އިސްލާމިކް މިނިސްޓްރީއާއި މިއަދު ހަވާލުކޮށްފިއެވެ.

މިއީ ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން މިދިޔަ މަހުގެ ތެރޭގައި ކުރަން ފެށި މަސައްކަތެކެވެ.

މި މަސައްކަތުގެ ނިމުން ފާހަގަ ކުރުމަށް މިއަދު ހެނދުނު އިސްލާމީ މަރުކަޒު ގޯތި ތެރޭ ބޭއްވި ހަފްލާގައި މަސައްކަތް ނިމުނުކަމުގެ ލިއުން އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހަވާލުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއެވެ.

މި ހަފްލާގައި މިނިސްޓަރ ޝަހީމް ވިދާޅުވީ، މެނޭޖިންގ ޑިރެކްޓަރ ހުސެން ފަހުމީގެ އިސްނެންގުވުމަށް ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްވުރެ މާރީތިކޮށް ސްޓެލްކޯއިން އެތަން ހަދާފައިވާ ކަމަށާއި އަދި އެ ސަރަހައްދަކީ ގިނަ އަދަދެއްގެ ކުޑަ ކުދިންނާއި މީހުން ޖަމާވާ ސަރަހައްދެއް ކަމުން އެތަނުގެ ރީތިކަން ދެކި، އެ ހިތްހަމަޖެހުން އެ ފަރާތްތަކުން ލިބިގަންނާނެ ކަމަށެވެ.

މީގެ އިތުރުން، 40 އަހަރަށްވުރެ ގިނަ ދުވަސްވީ އެ އިސްލާމީ ބިނާގެ މުންނާރުގެ މަސްފެންގަނޑު ހަލާކުވެފައިވާތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށާއި، ކުރު މުއްދަތެއްގެ ތެރޭގައި ސްޓެލްކޯއިން އެތަން މަރާމާތުކޮށް، އިސްލާމީ މަރުކަޒަށް 40 އަހަރުވުމާއި ގުޅިގެން ބާއްވަން ނިންމަވާފައިވާ ޖަލްސާގެ ކުރިން އެތަން ހުޅުވައިދެއްވި ކަމަށްޓަކައި މިނިސްޓަރު ވަނީ ޝުކުރު ދަންނަވާފައެވެ.

މި ހަފްލާގައި މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، ސައްތައިންސައްތަ ދިވެހިން މަސައްކަތް ކުރަމުންދާ އެކުންފުނީގެ މުވައްޒަފުން ގައުމީ އަދި ދީނީ ތަރިކަތައް ހަލާކުވެގެންދާތަން ބަލަން ބޭނުން ނުވާ ކަމަށާއި، އެތަނުގެ މަރާމާތުގެ މަސައްކަތް ފެށީ އެ ލޭންޑްމާކްގެ ރީތިކަން އަނބުރާ ގެނައުމަށް ކަމަށެވެ. އަދި ދިވެހިންގެ ތަރީހާއި ސަގާފަތާއި ގުޅޭ އެތަން ރައްކާތެރިކަމާއެކު ދެމެހެއްޓުމަކީ އުއްމީދުކަމަށެވެ.

އަދި މި މަސައްކަތް ކުރުމުގެ ފުރުސަތު ސަރުކާރާއި، މިނިސްޓްރީން ދެއްވި ކަމަށްޓަކައި، ޝުކުރު ދަންނަވާ ކަމަށާއި، އަދި އެހާ ފުރިހަމަކޮށް އެ މަސައްކަތް ނިންމާދެއްވި ކަމަށްޓަކައި ކުންފުނީގެ އެ މަސައްކަތުގައި ބައިވެރިވި ހުރިހާ މުވައްޒަފުންނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމުގައިވެސް އެމްޑީ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް