މި ސަރުކާރުން އިޒްރޭލް ޕާސްޕޯޓު މަނާ ކުރަން ބޭނުން ނުވޭ: މެންބަރު ނާޒިލް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން އިޒްރޭލް ޕާސްޕޯޓު މަނާކުރަން ބޭނުންނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ. ބުދަ ...

21 Nov 2024 | 07:05

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން އިޒްރޭލް ޕާސްޕޯޓު މަނާކުރަން ބޭނުންނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ރާއްޖޭގެ މީޑިއާއަކަށް ދިން ބަސްދީގަތުމެއްގައި އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު ނާޒިލް ވިދާޅުވީ އިޒްރޭލް ޕާސްޕޯޓު މަނާ ކުރުމުގެ ބިލު އަވަސް ކުރުމަށް ރައްޔިތުން މަޖިލީހުގެ ތެރެއިން މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް މަސައްކަތްތަކަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށެވެ.

އަދި މި މަސައްކަތަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަހައްމިއްޔަތުކަން ނުދެއްވާ ކަމަށާއި ޕޯސްޕޯޓު މަނާކުރުމުގެ މަސައްކަތްތައް ހޯލްޑް ކުރެވިފައިވަނީ މަޖިލިސް މެންބަރުންގެ އިހުމާލު ކަމަށް ތުހުމަތު ކުރަމުންދާ ކަމަށް ވެސް ނާޒިލް ވިދާޅުވިއެވެ.

އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމުގެ ބިލު އަވަސް ކުރަން ހުށަހެޅި ގަރާރު ޕީއެންސީ މެންބަރުން ބޭރުކޮށްކޮށްލާފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި މެންބަރު ނާޒިލް ވިދާޅުވީ ޕީއެންސީގެ ދެ މެންބަރުން ފިޔަވައި ހުރިހާ މެންބަރުން އެ ގަރާރު ބޭރުކޮށްލުމަށް ވޯޓު ދެއްވި ކަމަށެވެ. އެހެންކަމުން މިސަރުކާރުން އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމުގެ ބިލު ފާސްކުރުމަށް ބޭނުންނުވާކަން ޔަގީންވާ ކަމަށް މެންބަރު ނާޒިލް ވިދާޅުވިއެވެ.

މެންބަރު ނާޒިލް ވިދާޅުވީ ޕަލަސްތީނަށް އިޒްރޭލުން ދޭ ހަމަލާތަކާ ގުޅިގެން އެކަމާ ދެކޮޅަށް ދިވެހި ރައްޔިތުން މަސައްކަތް ކުރަމުން ދާއިރު، އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމަށް ގިނަ ރައްޔިތުން އެދޭ ކަމަށެވެ. އަދި އެކަމަށް ރައްޔިތުން އެދި ގޮވަމުންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ.

އެހެން ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޕީއެންސީގެ މަޖިލިސް މެންބަރުން ބެލުމެއްނެތް ކަމަށާއި، ސުޕަ މެޖޯރިޓީގެ ބާރު ސަރުކާރުން ބޭނުންވާ ގޮތަށް ހިފަމުންދާ ކަމަށް މެންބަރު ނާޒިލް ވިދާޅުވިއެވެ.

20 ނޮވެންބަރު 2024 ގައި މަޖިލީހުގައި ބޭއްވި ޖަލްސާއަށް އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އައުން މަނާ ކުރުމަށް މަޖިލިހަށް ހުށަހަޅާފައިވާ ބިލުގެ މައްސަލަ އަވަސް ކުރުމަށް ގޮވާލާ މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 15 މެންބަރުންނެވެ. ގަރާރު ބޭރުކޮށްލަން 63 މެންބަރުން ވޯޓު ދެއްވި އެވެ.

ގަރާރު ބޭރުކޮށްލުމާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 12 މެންބަރުންނާއި އެމްޑީއޭއަށް ނިސްބަތްވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އާއި އަމިއްލަ މެންބަރު އައްޑޫ މީދޫ ދާއިރާ ތަމްސީލު ކުރައްވާ އަބްދުއްރަހްމާން އަދި މަހިބަދޫ ދާއިރާގެ މެމްބަރު ޕީއެންސީ އަށް ނިސްބަތްވާ އަހްމަދު ތޯރިގު (ޓޮމް) އެވެ.

ގަރާރު ބޭރުކޮށްލުމަށް ވޯޓު ދިނީ ރައީސް މުއިއްޒުގެ ޕީއެންސީގެ މެންބަރުންގެ އިތުރުން އެމްއެންޕީގެ މެމްބަރެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް