ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި އަލުން ގަދަކުރުމުގެ އަމާޒުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް 2024 ގައި ކުޅުނު ފުރަތަމަ މެޗުން ފުވައްމުލައް ސިޓީ މޮޅުވެއްޖެއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު ގްރޫޕް އޭގެ މެޗުން ފުވައްމުލައް މޮޅުވީ ދ. ކުޑަހުވަދޫ އަތުން 3-1 ގެ ނަތީޖާއަކުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ފުވައްމުލަކުންނެވެ. މެޗުގެ 38 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މީގެ ކުރިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ދެވަނަ ޑިވިޝަނުގައި ކުޅެދިން ބިދޭސީ ފޯވާޑް ކޯފީ އޮވޫސޫއެވެ.
ފުވައްމުލަކުން ލަނޑެއް ޖަހައި މެޗުގެ ލީޑު ނެގިނަމަވެސް، ފަހު ހާފަށް ކުޅެން އަރައި ކުޑަހުވަދޫން ވަނީ މޮޅު ކުޅުމެއް ދައްކައި، ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. އެގޮތުން މެޗުގެ 68 ވަނަ މިނެޓުގައި ކުޑަހުވަދޫން ނަތީޖާ އެއްވަރުކުރީ ހާފުގެ މެދަކާ ހިސާބުން ފޮނުވާލި ހަމަލާއަކުން މި ލަނޑުޖަހައިގެންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު މުއާދެވެ.
ދެޓީމުން ވެސް ފޯރިގަދަ ކޮށްް ކުޅެމުން ދަނިކޮށް މި މެޗުގައި ކުޑަހުވަދޫއަށް މައްސަލަ ދިމާވީ އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމުންނެވެ. އެގޮތުން ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން އެ ޓީމުގެ ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ މުޙައްމަދު ސާއިފާއި އަޙްމަދު ރިލްވާނަށް ވަނީ ރަތް ކާޑު ދައްކާފައެވެ.
އެއާއެކު ކުޑަހުވަދޫގެ ދެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި، ފުވައްމުލަކުން ވަނީ މެޗުގެ ފަހުކޮޅު ދެ ލަނޑު ޖަހަހައި، މެޗުން މޮޅުވެފައެވެ. އެގޮތުން އެ ޓީމުން އަލުން ލީޑު ނަގާފައިވަނީ އަލީ ޝަމާލް އަބްދުﷲ ކާމިޔާބުކުރި ލަނޑުންނެވެ. އަދި ލީޑު ފުޅާކޮށްދިން ލަނޑު ޖަހައިދިނީ މޫސާ އަޒީމް ހަސަނެވެ.
ހަތަރު ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި17 ޓީމަކުން ވާދަކުރެއެވެ. އެގޮތުން ރޭގެ މެޗުގައި ބައްދަލުކުރި ކުޑަހުވަދޫ އަދި ފުވައްމުލައް ހިމެނެނީ ގުރޫޕު އޭގައެވެ. މި ގުރޫޕުގައި ދެން ހިމެނެނީ ގދ. ފަރެސްމާތޮޑާ ދ. މީދޫ އާއި ހއ. ދިއްދޫއެވެ.
ގުރޫޕް ބީގައި ހިމެނެނީ މާލެ ސިޓީ އާއި، ތ. ތިމަރަފުއްޓާއި، ބ. އޭދަފުށި އަދި ބ. ތުޅާދޫއެވެ. ގުރޫޕް ސީގައި އައްޑޫ ސިޓީ އާއި، ޅ. ކުރެންދޫ އާއި، ކ. ހުރާ އަދި ކ. ގުރައިދޫ ހިމެނޭއިރު، ގުރޫޕް ޑީގައި ހިމެނެނީ ޅ. ނައިފަރާއި، ކ. މާފުއްޓާއި، ރ. އަލިފުށި ބ. ކެންދޫއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް