އިޒްރޭލް ޕާސްޕޯޓް މަނާކުރާ ބިލުގެ މަސައްކަތް ލަސްކުރަނީ އިޒްރޭލުގެ އެންގުމަކަށް: މެމްބަރު ޒިޔާދު

އިޒްރޭލް ޕާސްޕޯޓް މަނާކުރާ ބިލުގެ މަސައްކަތް ލަސްކުރަމުން ދަނީ އިޒްރޭލުގެ އެންގުމަކަށް ކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެ އެވެ. އިޒްރޭލު ފަތުރުވެރިންނަށް ރާއްޖެ ނާދެވޭ ގޮ...

21 Nov 2024 | 05:01

އިޒްރޭލް ޕާސްޕޯޓް މަނާކުރާ ބިލުގެ މަސައްކަތް ލަސްކުރަމުން ދަނީ އިޒްރޭލުގެ އެންގުމަކަށް ކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

އިޒްރޭލު ފަތުރުވެރިންނަށް ރާއްޖެ ނާދެވޭ ގޮތަށް އެ ގައުމުގެ ޕާސްޕޯޓު މަނާކުރަން އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ބިލެއް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް ނަސީމް ހުށަހެޅީ މިދިޔަ ޖޫން 10 ގަ އެވެ. ނަމަވެސް އެ ބިލު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީގައި އޮންނަތާ މިހާރު ވަނީ 100 އަށް ވުރެ ގިނަ ދުވަސް ވެފަ އެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް ދަންމާލަން 241 ކޮމިޓީން ދާދިފަހުން ވަނީ ފާސްކޮށްފަ އެވެ.

މިކަމާ ގުޅިގެން ރޭ "ރާއްޖެޓީވީ"ގައި ވާހަކަދައްކަމުން ފިއްޓޭ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ ކަމަށްވާ، ޕީއެންސީގެ މެމްބަރުން ގާނޫނު އަސާސީ އަށް ބަދަލު ގެނެސް އިއްޔެ ނިންމާލީ "އޯވަނައިޓަކުން" ކަމަށާއި އިޒްރޭލު ޕާސްޕޯޓު މަނާކުރަން ފަސް މަސް ނަގަންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ.

"މިއީ ހަމަ ސީދާ އިޒްރޭލުގެ އެންގުމަށް ބާއްވާފައި އެ އޮތީ. އެހެން ނޫންނަމަ ބުނަންވީއެއްނު ސަރުކާރުން، މި ބާއްވާފައި މިއޮތީ މި ސަބަބާއި ހުރެއޭ މަޖިލިސް ކޮމިޓީގައި،" ފިއްޓޭ ވިދާޅުވި އެވެ.

އިޒްރޭލު ޕާސްޕޯޓު މައްސަލައަކީ ސީދާ ރައްޔިތުންނާއި ގުޅިފައި އޮތް ކަމެއް ކަމަށާއި ކޮމިޓީގައި މި މައްސަލަ ބާއްވާފައި ބޭއްވުމުގެ ބަދަލުގައި ކޮންމެވެސް އެއްގޮތަކަށް މި މައްސަލަ ނިންމުން މާ މުހިއްމު ކަމަށްވެސް ފިއްޓޭ ވިދާޅުވި އެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބިލު އަވަސްކުރުމަށް ބާރުއެޅުމަށް ސަރުކާރަށް ގޮވާލާ އެމްޑީޕީން މަޖިލީހުގެ އިއްޔެ ޖަލްސާއަށް ހުށަައެޅި ގަރާރު ސަރުކާރަށް ތާއީދުކުރާ މެމްބަރުންގެ ތާއީދާއެކު ވަނީ ބޭރުކޮށްލާފަ އެވެ.

އެކަމާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވުމުން ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ގަރާރު ބަލައިނުގަތުމަށް އެ ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުން ނިންމީ އިއްޔެ މަޖިލީހުގައި ކުރަން ހުރި މަސައްކަތްތަކުގެ ވަގުތު ނަގާލުމުގެ ބޭނުމުގައި ހެޔޮ ނިޔަތެއް ނެތި މަޖިލީހަށް ވެއްދި ގަރާރެއް ކަމަށް ދެކޭތީ ކަމަށެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބިލުގެ މަސައްކަތް، އެކަމާ ގުޅޭ މާހިރުންގެ ލަފަ އާއި އިރުޝާދާ އެކު ކުރިއަށް ގެންގޮސް، ތާވަލާ އެއްގޮތަށް ނިމޭނެ ކަމާމެދު ޝައްކެއް ނެތް ކަމަށްވެސް ޕީއެންސީން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް