ލ. ކުނަހަންދޫ ބެލެނިވެރިން ނިކުމެ އެ ރަށު ސްކޫލުގައި މިއަދު ތަޅު އަޅުވައިފިއެވެ.
"ދުވަސް" ނޫހަށް މައުލޫމާތު ހިއްސާކުރި ބެލެނިވެރިއަކު ބުނީ ބެލެނިވެރިން ނިކުމެ ސްކޫލު ބަންދުކުރާ ހާލަތަށް ކަންކަން ދިޔައީ ސްކޫލުގައި ކިޔަވައިދިނުމުގެ ފެންވަރު އަހަރެއް އަހަރަކަށް ދަށްވަމުންދިޔުމާއި ޓީޗަރުން ހަމަނުވުމާއި އަދި ސްކޫލުގެ ޕްރިންސިޕަލްގެ ދޯދިޔާކަން އިންތިހާއަށް ދިއުމުން ކަމަށެވެ.
ބެލެނިވެރިން ތަޅު އެޅުވުމުން މިއަދު އެ ސްކޫލުގައި ކިޔަވައިދީފައެއް ނުވެއެވެ.
އެއާއެކު ރަށުގެ ކައުންސިލުން ވަނީ ސްކޫލާއި ބެލެނިވެރިން ހިމެނޭހެން މިއަދު ބައްދަލުވުންތަކެއް ކުރިއަށްގެންގޮސް ދެ ފަރާތުގެ ކަންބޮޑުވުން އަޑުއެހުމަށްފަހު ވަގުތީ ހައްލެއް މައްސަލައަށް ހޯދައިދީ ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެކަމުގެ ތަސައްލީ ދީފައެވެ.
އެގޮތުން "ދުވަސް" ނޫހަށް މައުލޫމާތުދެއްވަމުން ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު އަސްލަމް ވިދާޅުވީ ވަގުތީ ހައްލެއްގެ ގޮތުން އަތޮޅު ހިތަދޫ ޕްރިންސިޕަލް ދެ ހަފްތާގެ މުއްދަތަށް ކުނަހަންދޫ ސްކޫލުގެ ހިންގެވުމާއި ހަވާލުވާގޮތަށް އިންތިޒާމުތައް މިހާރު ހަމަޖައްސަމުން އަންނަ ކަމަށާއި ޓީޗަރުން މަދުވުން ފަދަ އެހެން މައްސަލަތައް އާ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓްރީއާއި ގުޅިގެން ހައްލުކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް މިއަދު ކުރެވުނު މަޝްވަރާތަކުން ނިންމާފައިވާކަމަށެވެ. އަދި މިކަންކަމަށް ރަނގަޅު ހައްލުތަކެއް ލިބިގެންދާނެކަމުގެ އުންމީދު ކުރައްވާކަމުގައިވެސް ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.
ކަންބޮޑުވުންތައް ހިއްސާކުރި އެހެން ބެލެނިވެރިއަކު ބުނީ ސްކޫލުގައި އިތުރު ހަރަކާތްތައް ހިންގާއިރުވެސް ޕްރިންސިޕަލްގެ ބައިވެރިވުން އެއްވެސްގޮތެއްގައި ނުލިބޭ ކަމަށާއި ދަރިވަރުންގެ މެދުގައި ކުޅެވޭ މުބާރާތްތަކުގައިވެސް ޕްރިންސިޕަލްގެ އެއްވެސް ބައިވެރިވުމެއް ނޯންނަ ކަމަށެވެ. އަދި ޓީޗަރުން މަދުވުމާއި ހިންގުމުގެ ކަންކަން ސްކޫލުގައި ބޮއްސުންލާފައި އޮތުމުން ގެއްލުންވަނީ އެ ރަށު ސްކޫލުގައި ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުންގެ ތައުލީމީ ހާލަތަށްކަން އެ ބެލެނިވެރިޔާވެސް ފާހަގަކުރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް