ފީފާ ވޯލްޑް ކަޕް 2022 ގައި، އިންގްލެންޑް ކުޅުނު ފުރަތަމަ މެޗުން އިރާންގެ މައްޗަށް ތަފާތު ބޮޑު މޮޅެއް ހޯދައިފިއެވެ. ވޯލްޑް ކަޕަށް އައުމުގެ ކުރިން، އެންމެ ފަހުން ކުޅުނު 6 މެޗުގެ ތެރެއިން އެންމެ މެޗަކުން ވެސް މޮޅެއް ނުހޯދި އޮތް އިންގްލެންޑް މި މެޗު ކާމިޔާބުކުރީ 6-2 ގެ ނަތީޖާއިންނެވެ. ގްރޫޕް ބީ ގައި ދެން ހިމެނޭ ދެ ޓީމު ކަމުގައިވާ ވޭލްސް އާއި ޔޫއެސްއޭގެ ކުރިމަތިލުން މިރޭ ރާއްޖެ ގަޑިން 12:00 ގައި އޮންނާނެވެ.
މިރޭގެ މެޗު ފެށިގެން 8 ވަނަ މިނިޓުގައި އިންގްލެންޑްގެ ހެރީ ކޭން އިރާންގެ އޭރިޔާތެރެއަށް ހުރަސްކޮށްލި ބޯޅައެއް ދިފާއުކުރަން އިރާންގެ ގޯލްކީޕަރު އެރިއިރު، އެ ޓީމުގެ ކުޅުންތެރިޔަކާ ޖެހި އޭނާގެ ނޭފަތް ފަޅައިގެންދިޔައެވެ. އިރާންގެ ގޯލްކީޕަރ ބެއިރަންވާޑަށް ގިނަ އިރުތަކެއް ވާންދެން ފަރުވާދިނުމަށްފަހު، އަލުން ކުޅުން ފެށި ނަމަވެސް، އޭނާއަށް މެޗުގައި އިތުރަށް ކުރިޔަށްދެވޭގޮތް ނުވެ، 19 ވަނަ މިނިޓުގައި ވަނީ ބަދަލުކޮށްފައެވެ.
ފުރަތަމަ ހާފުގައި އިންގްލެންޑަށް ފުރަތަމަ ހުސް ފުރުސަތެއް ލިބުނީ މެޗުގެ 29 ވަނަ މިނިޓުގައެވެ. ސަކާ އޭރިޔާތެރެއަށް ދުއްވާލި ބޯޅައަށް އަރައި، މައުންޓް ފޮނުވާލި ހަމަލާ އަމާޒުވީ އަރިމަތީ ދާގަނޑަށެވެ. އޭގެ އިރުކޮޅެއްގެ ފަހުން ޓްރިޕިއާ ނަގައިދިން ކޯނަރަކުން ހެރީ މެގުއަޔާ ބޮލުން ފޮނުވާލި ނުރައްކާތެރި ބޯޅަ އަމާޒުވީ ހުރަސް ދަނޑިއަށެވެ.
އިންގްލެންޑަށް މެޗުގައި ފުރަތަމަ ލަނޑު ޖަހައިދިނީ އެ ޓީމުގެ ޒުވާން ތަރި ޖޫޑް ބެލިންގހަމް އެވެ. މިއީ އޭނާ އިންގްލެންޑަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. އަދި މިއީ އޭނާ ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ ފަހަރު ވެސްމެއެވެ. މެޗުގެ 35 ވަނަ މިނިޓުގައި ބެލިންގްހަމް މި ލަނޑު ޖެހީ ލޫކް ޝޯ ނަގައިދިން ކޯނަރަކުން ބޮލުންނެވެ.
ބެލިންގހަމްގެ ލަނޑަށް ގިނައިރުތަކެއްނުވެ، ކައިރިކައިރީގައި ޖެހި ދެ ލަނޑުން އިންގްލެންޑް 3 ލަނޑުގެ ލީޑެއް ނެގިއެވެ. 43 ވަނަ މިނިޓުގައި ސަކާ ލަނޑު ޖެހިއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި 3 ވަނަ ލަނޑު ޖެހީ ރަހީމް ސްޓާލިން އެވެ.
އިރާންއިން 2 ވަނަ ހާފު ފެށީ 3 ބަދަލާއެކުގައެވެ. މި ހާފުގެ ކުރީކޮޅު އިންގްލެންޑްގެ އެޓޭކިންގ ދަށް ކަމަށް ފެނުނު ނަމަވެސް، 65 ވަނަ މިނިޓުގައި ސަކާ ވަނީ އިތުރު ލަނޑެއް ޖަހާ އިންގްލެންޑް ލީޑް 4 ލަނޑަށް ފުޅާކޮށްފައެވެ. މިއީ ސްޓާލިން ދިން ބޯޅައަކުން އޭނާ ޖެހި ލަނޑެކެވެ.
އިރާނުން މެޗުގައި ޖެހި ހަމައެކަނި ލަނޑު ފެނިގެން ދިޔައީ މެޗުގެ 65 ވަނަ މިނިޓުގައެވެ. މޮހަރާމީ ނަގައިދޭން އުޅުނު ހުރަސް ފުރަތަމަ ބްލޮކްވި ނަމަވެސް، އަލުން ބޯޅަ ހޯދާ ގޮލިޒަޑޭއަށް ދިނުމުން، އޭނާ އޭރިޔާތެރެއަށް ދިން ޕާހަށް އަރާ ޓަރޭމީ ފޮނުވާލި ބާރު ހަމަލާ ގޯލަށް ވަނީ މަތީ ދަނޑީގައި ޖެހިފައެވެ.
އިރާނުން ގޯލު ޖެހިތާ ގިނަ އިރެއް ނުވެ، އިންގްލެންޑުން 4 ބަދަލު ގެނައިއިރު، ބަދަލުގައި ކުޅެން އެރި ރަޝްފޯޑް ވަނީ މިނިޓެއްގެ ތެރޭގައި ލަނޑެއް ޖަހާފައެވެ. މި ލަނޑު ޖެހުމަށް މަގުފަހިކޮށްދިނީ ހެރީ ކޭންއެވެ. ރަޝްފޯޑުގެ ލަނޑަށްފަހު މެޗުގެ 90 ވަނަ މިނިޓުގައި އިންގްލެންޑަށް 6 ވަނަ ލަނޑު ޖަހައިދިނީ ވެސް ބަދަލުގައި ކުޅެން ނުކުތް ކުޅުންތެރިއެއް ކަމުގައިވާ ޖެކް ގްރީލިޝް އެވެ.
އިރާންގެ ދެ ވަނަ ލަނޑަކީ މެޗުގެ އިތުރު ވަގުތުގެ ވެސް ފަހު މިނިޓުގައި، އިންގްލެންޑްގެ ކުޅުންތެރިއަކު އޭރިޔާގެ ތެރެއިން އިރާންގެ ކުޅުންތެރިއަކަށް ކުރި ފައުލްއަކާ ގުޅިގެން ރެފްރީ ދިން ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ. މި ލަނޑު ޖަހައިދިނީ މެހްދީ ޓަރޭމީއެވެ.
ތަފާތު ބޮޑު ބައްޔަކާއެކު މުބާރާތް ފަށަން ޖެހުނުއިރު، އިރާނަށް ދެން މި ގްރޫޕްގައި ހުރި މެޗުތައް ވެސް ފަސޭހަ ވާނެކަމަކަށް ނުބެލެވެއެވެ.
މެޗުގެ ތަފާސް ހިސާބުތައް:
| އިންގްލެންޑް | އިރާން | |
| 6 | ލަނޑު | 2 |
| 69% | ބޯލް ޕޮޒިޝަން | 19% |
| 7 | ޝޮޓް އޮން ޓާގެޓް | 3 |
| 3 | ޝޮޓް އޮފް ޓާގެޓް | 4 |
| 796 (90%) | ޕާސްތައް (ކާމިޔާބު މިންވަރު) | 214 (66%) |
| 0 | ރީނދޫ ކާޑު | 2 |
| 0 | ރަތް ކާޑު | 0 |
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް