ރާއްޖެ ބަނގުރޫޓުވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ ސިޔާސީ ބޭނުމުގައި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ރާއްޖެ މިއޮތީ ބަނގުރޫޓުވުމާއި ދިމާލުގައި ކަމަށެވެ. އެ ހާލަތު ކުރިމަތިވަމުންދާއިރު މަޖިލީހުގެ ރިޔާސަތުގައި އިންނެވުމަކީ ވެސް ލަދުވެތި ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެ ވާހަކަފުޅަށް ރައްދު ދެއްވައި މިނިސްޓަރު އަމީރު ވިދާޅުވީ މާތްاللهގެ އިރާދަފުޅާ އެކު, ކޯވިޑުން ވެސް ރާއްޖެއަށް އަރައިގަނެވިފައިވާ ކަމަށެވެ. އަދި އެންމެ އަވަހަށް ކުރިއަރަމުންދާ އިގްތިސާދުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ.
2020 ވަނަ އަހަރު ކޯވިޑާއެކު ރާއްޖެ ކުރިމަތިލީ މިއަދު މިތިބި ހާލަތަށް ވުރެ މާ ދަތި ގޮންޖެހުންތައް ބޮޑު ހާލަތަކާ ކަމަށާއި އަބަދުވެސް ފާހަގަކުރަނީ ދަތިތަކާއި ގޮންޖެހުންތައް މިހާރު ވެސް ހުރި ވާހަކަ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެކަން ފޮރުވަން ނޫޅޭ ކަން ފެންނަން ހުރި ތަފާސް ހިސާބުތަކުން އެނގޭނެ ކަމަށެވެ.
އަމީރު ވިދާޅުވި ގޮތުގައި ދަތިތަކާއި ގޮންޖެހުންތަކާ އެކުގައި ވެސް ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާ އެކު އިގްތިސާދީ އުނދަގޫތައް އަންނަނީ ގިރާކުރަމުންނެވެ. ރަޝިޔާ-ޔޫކުރެއިން ހަނގުރާމައާ އެކު ދިމާވަމުންދާ ގޮންޖެހުންތައް ވެސް މެނޭޖްކުރުމަށްޓަކައި ސަރުކާރުން ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ މި ދަނޑިވަޅުގައި އިގްތިސާދާ މެދު ނުރަނގަޅު ތަސައްވުރެއް އުފައްދައިި ބިރުވެރިކަން އުފެއްދުމަށްޓަކައި ޒިންމާދާރު މަގާމްތަކުގައި ތިބެގެން ކުރެވޭ މަސައްކަތަކީ ސިޔާސީ ބޭނުމަކަށް ކުރެވޭ ވަރަށް ހިތާމަހުރި ކަމެއް ކަމަށެވެ.
ނަޝީދު ވަނީ މީގެ ކުރިންވެސް ރާއްޖޭގެ އިގްތިސޯދު ދަތުރު ކުރަމުންދަނީ ލަންކާދާ މަގުން ކަމަށް ވިދާޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް