ރާއްޖެ ބަނގުރޫޓުގެ މަގަށްދާއިރު ރިޔާސަތުގައި އިންނަން ލަދުގަނޭ: ރައީސް ނަޝީދު

ރާއްޖެ މިދަނީ ބަނގުރޫޓުގެ މަގަށް ކަމަށާއި އެމަގަށްދާއިރު ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވަން ލަދުފުޅު ގަންނަވާކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސ...

21 Nov 2022 | 10:00

ރާއްޖެ މިދަނީ ބަނގުރޫޓުގެ މަގަށް ކަމަށާއި އެމަގަށްދާއިރު ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވަން ލަދުފުޅު ގަންނަވާކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ސައިފޮދުގެ ވަގުތަށް މެދުކަނޑާލުމުގެ ކުރިއަށް ދެއްކެވި ވާހަކަފުޅެއްގައެވެ.

"އަޅުގަނޑުމެންގެ ވިސްނުން ބަހައްޓަންޖެހޭނެ މިވަގުތު މި ދުވަހާ މި ހަފްތާގައި އަޅުގަނޑުމެންގެ ރިޒާވް ފޮރިން ކަރަންސީ ބޭރު ރިޒާވް ހުރި މިންވަރަކީ ކޮބައިތޯ ދެނެގަނެ އަދި ކުރިއަށް މި އޮތް ހަފްތާތަކުގައި އެއީ މި އަންނަ ހަފްތާއާ އޭގެއަނެއް  ހަފްތާގައި ދައުލަތުން ދައްކާންހުރީ ކިހާ ފައިސާއެއްތޯ، ތެލަށް ދައްކަންޖެހޭ ފައިސާ އެބަހުރިތޯ ރިޒާވްގަ ކާޑަށް ދައްކަންހުރި ފައިސާ އެބަހުރިތޯ ރިޒާވްގަ" ރައީސް ނަޝީދު ސުވާލު އުފެއްދެވިއެވެ.

އެއަށްފަހު ވިދާޅުވީ އެމަނިކުފާނުގެ ކަންބޮޑުވުމަކީ މިކަންކަމާ ގުޅޭގޮތުން އެމަނިކުފާނަށް ޝައްކު އުފެދުން ކަމަށެވެ.

ދާދި ފަހުން ސިލޯން ސަރުކާރާއި ގާނާ ސަރުކާރާއެކު މަސައްކަތް ކުރެއްވިކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ފާހަގަކުރެއްވީ އެ ދެ ގައުމުވެސް އެ ދިޔައީ ހަމަ ބަނގުރޫޓުގެ މަގަށް ކަމަށެވެ.

"އަޅުގަނޑުމެން އެ މަގަށްދާއިރު މި ރިޔާސަތުގައި އަޅުގަނޑު އިދެއްޖެނަމަ އެއީ އަޅުގަނޑަށްވެސް ވަރަށް ލަދުވެތި ކަމަކަށޭ ވެގެންދާނީ" ރައީސް ނަޝީދު ވިދާޅުވިއެވެ.

އިތުރަށް ވިދާޅުވީ ރާއްޖެ އެމަގަށް ދިޔަ ދީގެން ނުވާނެ ކަމަށާއި މިވަގުތު ހާއްސަ ގޮތެއްގައި ދައުލަތުގެ މާލިއްޔަތު ހުރި ގޮތް ސާފުކުރުން ވަރަށް ބޭނުންތެރި އަދި އެ މައުލޫމާތު އާއްމުކޮށް އެނގުންވެސް ވަރަށް ބޭނުންތެރިކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް