އިންޑިއާގެ ވެރިރަށް ނިއުދިއްލާގައި ޝްރައްދަ ވަލްކާ މަރާލި މައްސަލަ ތިލަވުމާއި އެކު އޭނާގެ ލޯބިވެރިޔާ އާފްތާބް އަމީން ޕޫނަމްވާލާގެ އާއިލާ ފިލައިފި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އާފްތާބު ވަނީ ދެމީހުން އުޅުނު އެޕާޓްމެންޓުތެރޭގައި ޝްރައްދާ މަރާލުުމަށް ފަހު35 ބަޔަށް ބުރިކޮށް، ހަށިގަނޑުގެ18 ބައެއް ޖަންގިލަތަކަށް އުކައި، ބާކީ ބައިތައް ޑީފްރިޖެއްގައި ބަހައްޓާފައި އެވެ. މިދިޔަ މެއި18 ވަނަ ދުވަހު މަރާލި ޝްރައްދާގެ މައްސަލަ ފަޅާއެރީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ.
މި މައްސަލައިގަ ކޮންމެ ދުވަހަކުވެސް އާ ކަންތައްތަކެއް ތިލަވަމުންދާއިރު އެންމެ ބޮޑަށް ދެކެވެމުންދާ ވާހަކަ އަކީ އާފްތާބު، ޝްރައްދާއަށް ލައިންސާނީ އަނިޔާ ދެމުން ދިޔަ ވާހަކަ އެވެ. އެ ވާހަކަތައް ޝްރައްދާގެ ބައްޕަ އާއި އެކުވެރިން މީޑިއާގައި ދައްކާފައިވާއިރު ޝްރައްދާ ވަނީ އެތައް ފަހަރު ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުންވެސް ފަރުވާ ހޯދާފައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޝްރައްދާ ވަނީ އާފްތާބާއި ދެކޮޅަށް ފުލުހަށް މައްސަލަ ހުށަހަޅަން މަސައްކަތް ކޮށްފައި އެވެ. އޭނާގެ އޮފީހުގައި މަސައްކަތް ކުރި އެކުވެރިއެއްގެ އެދުމަށް މައްސަލަ ހުށަހަޅަން ނިންމި ނަމަވެސް ފަހުވަގުތު ދެކޮޅު ހެދީ އާފްތާބުގެ މަންމަ އާއި ބައްޕަގެ އެދުމަށް ކަމަށް ބުނެފައިވާ ކަމަށް އެ އެކުވެރިޔާ ބުނެފައިވެ އެވެ.
އެގޮތުން ދެމީހުން މުމްބާއީގައި ކުއްޔަށް ހިފައިގެން އުޅުނު އެޕާޓްމެންޓުން އާފްތާބު ނެރޭނެ ކަމުގެ ޔަގީންކަން އެ ދެމަފިރިން ޝްރައްދާއަށް ދިން ކަމަށް އެކުވެރިޔާ ބުންޏެވެ. އެކަމަކު އެމީހުންނަށް އެކަން ހުއްޓުވިފައި ނުވާއިރު ބައެއް ދުވަސް ދުވަހު އެނދުން ނުތެދުވެވޭވަރަށް އަނިޔާކޮށްފައިވާތީ އޮފީހަށް ސަލާމް ބުނެ މެސެޖު ކުރާ ކަމަށް އެކުވެރިޔާ ބުންޏެވެ.
އެ އެކުވެރިޔާ ވަނީ ޝްރައްދާ، އޭނާ އާއި ހިއްސާ ކުރި މެޑިކަލް ރިޕޯޓެއްގައި ހުރި މައުލޫމާތުތަކެއްވެސް މީޑިއާގައި ހާމަކޮށްފައި އެވެ. އޭގެ ތެރޭގައި ކަރާއި މައިބަދައަށް ބޮޑެތި ގެއްލުންތައް ލިބިފައި ހުރިކަމަށް ދައްކައެވެ.
ޝްރައްދާގެ ބައްޕަ ވިކާސް ވަލްކާ ބުނީ ޝްރައްދާގެ މަންމަ2020 ވަނަ އަހަރު މަރުވުމުގެ ކުރިން އަނިޔާގެ ވާހަކަ މަންމައަށް ކިޔައިދިން ކަމަށެވެ. އެކަމަކު ބަލިހާލަތު ގޯސްކަމުން އިތުރު ހިތްދަތިކަމެއް ލިބެން ބޭނުން ނުވާތީ މަންމަ ވަނީ ޝްރައްދާއަށް މަޖުބޫރުކޮށްގެން އެއްވެސް ކަމެއް ނުކުރުމަށް އެދިފައި ކަމަށެވެ. އެކަމަކު މަންމަ މަރުވި ދުވަހު ޖަނާޒާއަށް ގޮސް އަނިޔާގެ ވާހަކަ ކިޔައިދިނުމުން އެނބުރި ގެއަށް ދިއުމަށް އާދޭސް ކުރުމުންވެސް ޝްރައްދާ ނިންމީ އާފްތާބާއި އެކު އުޅެން ކަމަށް ބައްޕަ ބުނެފައިވެ އެވެ.
މި މައްސަލައިގަ ފުލުހުން ދަނީ އަނިޔާ ފޮރުވި މައްސަލައިގަ އާފްތާބުގެ މަންމަ އާއި ބައްޕަ އަދި ފިރިހެން ކޮއްކޮ ހޯދަން މަސައްކަތް ކުރަމުންނެވެ. މުމްބާއީގެ ވަސައިއަށް ނިސްބަތްވާ އެއާއިލާ ވަނީ މައްސަލަ ފެންމަތިވުމުން އަމިއްލަ ގެ ދޫކޮށް އެހެން ސަރަހައްދަކުން އެޕާޓްމެންޓެއް ކުއްޔަށް ހިފައިގެން އުޅެފައި އެވެ.
އެކަމަކު ފަހުން ވަނީ އެތަންވެސް ދޫކޮށް ފިލާފައި އެވެ. އެމީހުން ފިލިކަން ފުލުހުން ހާމަ ކުރުމުން ޝްރައްދާގެ ބައްޕަ ބުނީ އޭނާގެ ދަރިފުޅު އާފްތާބާއި ވަކި ނުވާނެކަން އެނގުމުން ކައިވެނި ކުރަން އާއިލާއަށް ހުށަހެޅި ކަމަށެވެ. އެކަމަކު އާފްތާބުގެ އާއިލާއިން ވަނީ ޝްރައްދާއަކީ މުސްލިމަކަށް ނުވާތީ ކައިވެނި ނުކުރެވޭނެ ކަމަށް ބުނެފައި ކަމަށެވެ.
އޭނާ ބުނީ އެ ދުވަހު ކައިވެންޏަށް އެއްބަސްވި ނަމަ މިއަދު ފެންނަން ޖެހުނު މަންޒަރު ދެކެން ޖެހޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
އާފްތާބު ފުލުހުންގެ ތަހުގީގުގައި ބުނީ ޝްރައްދާ މަރާލެވުނީ ދިއްލީއަށް ދިރިއުޅުން ބަދަލު ކުރިތާ ހަތަރު ވަނައަށް ވީދުވަހު ވަސައިގަ އުޅުނު އެޕާޓްމެންޓުން އެއްޗެހިތައް ގެންނާނެ މީހަކު ނުނިންމިގެން ހިނގި ޒުވާބެއްގައި ކަމަށެވެ.
އެކަމަކު އޭގެ ކުރިން އެތައް ފަހަރަކު އޭނާ، ޝްރައްދާ މަރާލަތް މަސައްކަތް ކުރި ކަމަށާއި ކޮންމެ ފަހަރަކު ހުއްޓާލަނީ ޒުވާބުގެ ތެރެއިން ޝްރައްދާ ރޯން ފެށުމުން ދެރަވެގެން ކަމަށެވެ. ޝްރައްދާ މަރާލުމުގެ ހިޔާލު އައީ މާގިނައިން ކައިވެނި ކުރަން ބުނާތީ ކަމަށްވެސް އާފްތާބު ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް