އިއްޔެ މުޅި ދުނިޔެ އިންތިޒާރުކުރަމުންދިޔައީ ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ދުނިޔޭގެ ވާދައިގެ ތައްޓަށް ކުޅެވޭ ފީފާ ވޯލްޑް ކަޕް ފެށުމުގެ ރަސްމިއްޔާތަށެވެ. މުޅި ދުނިޔޭގެ ނަޒަރު ހުއްޓިފައިއޮތީ ޤަތަރަށެވެ.
ރާއްޖޭ ގަޑިން ރޭ ގާތްގަނޑަކަށް 07:40 ހާއިރު އެ ރަސްމިއްޔާތު ފެށީ ކީރިތި ޤުރުޢާނުގެ ބަރަކާތުންނެވެ. އެ ރަސްމިއްޔާތުގައި ޤުރްއާން ކިޔެވުމުގެ ފުރުސަތު ދީފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތެއް ކަމުގައިވާ ޢާނިމް އަލް މުފްތާޙް އަށެވެ. ރޭގެ އެ ރަސްމިއްޔާތުގައި އޭނާ ކިޔެވީ އަލް ޙުޖުރާތު ސޫރަތުގެ 13 ވަނަ އާޔަތެވެ.
މި ވޯލްޑްކަޕް ހޯސްޓްކުރާ ޤައުމު ކަމުގައިވާ ޤަތަރުން ރޭގައި މުސްލިމުންނަށް ކީރިތި ޤުރްއާނުގެ މުހިންމުކަން މުޅި ދުނިޔެއަށް ދައްކާލާފައިވާއިރު އިސްލާމީ ރިވެތި ސިފަތަކުގައި މުޅި ދުނިޔެއާއި ދެކޮޅަށް ނަމޫނާތަކެއް އަންނަނީ ދައްކަމުންނެވެ. ސްޓޭޑިއަމްތައް ހިމެނޭ ސަރަހައްދުތަކާއި ޤަތަރުގެ ފޭން ޒޯންތަކުގައި ރާ ބުއިން، އެންމެ ފަހުވަގުތުގައި މަނާކުރި ކުރުމަކީވެސް އެކަމަށް ބާރުދޭ ކަމެކެވެ.
ކޮންމެއަކަސް އިސްލާމްދީނާއި ދީނުގެ އަސާސްތަކަށް މިވަރުގެ ސަމާލުކަމެއް ލިބިގެންދާއިރު ހުޅަނގަށް މި ކަންކަމަކީ ހަޖަމުވާވަރުގެ ކަމަކަށް މިވަނީ ނުވެފައެވެ. އެކަން އެންމެ ބޮޑަށް ފެނިގެންދަނީ ހުޅަނގުގެ މީޑިއާތަކުން ރޭގައި ގެނެސްދީފައިވާ ހަބަރުތަކުންނެވެ.
ހުޅަނގުގެ ބޮޑެތި މީޑިއާތަކުން ރޭގައި ގިނަ ސުރުހީތައް ގެނެސްފައިވަނީ ވޯލްޑްކަޕަށް ޤަތަރުގެ އިންތިޒާމުތައް ދޯހަޅިކަން ދެއްކުމުގެ މަސައްކަތް ކުރަމުންނެވެ. ގިނަ ސުރުހީތަކުގައި މި ވޯލްޑްކަޕަށާއި ޤަތަރަށް ފާޑުކިޔުންތައް އިންތިހާއަށް އަމާޒުކޮށްފައިވާތަން ފެނިގެންގޮސްފައިވެއެވެ.
ރޭގެ އެ ރަސްމިއްޔާތަކީ ފަހުގެ ތާރީހުގައިވެސް މިވަރުގެ ބޮޑު ހަފްލާއެއްގައި، މުޅި ދުނިޔޭގެ ލޯ އެ ކަމަކަށް އަމާޒުވެފައިވާ ބޮޑު އިވެންޓެއް ކީރިތި ޤުރްއާނުގެ ބަރަކާތުން ފެށި ބިޔަ، ބޮޑު ރަސްމިއްޔާތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް