މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން ފޯރުކޮށްދެމުންދާ މެރިން އަދި ޕައިލަޓޭޖްގެ ހުރިހާ ޚިދުމަތްތަކަށް ރިކުއެސްޓްކުރުމާއި، އީޓީއޭ ހުށަހެޅުމާއި ފައިސާ ބަލައިގަތުމުގެ ޚިދުމަތް އޮޓަމޭޓްކޮށް، އޮންލައިންކޮށް ޚިދުމަތް ދިނުމަށް ފަށައިފިއެވެ.
އެމްޕީއެލްއިން ބުނެފައިވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް ޒަމާނީކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، " ބަނދަރު ޕޯޓަލް" ޕޯޓަލްގައި މެރިން އަދި ޕައިލަޓޭޖް ސާވިސަސް އަށް ހާއްސަކޮށްފައިވާ "މެރީން މޮޑިއުލް" މެދުވެރިކޮށް، މެރިން އަދި ޕައިލަޓޭޖް އިން ކަސްޓަމަރުން ބޭނުންވާ ހުރިހާ ޚިދުމަތްތަކަކަށް ރިކުއެސްޓްކުރެވޭނެ ކަމަށެވެ.
މި ގެނެވުނު ބަދަލަށް، ޝިޕިން އެޖެންޓުން އަހުލުވެރިކުރުމާއި، "މެރިން މޮޑިއުލް"ގެ މަޢުލޫމާތު ހިއްސާކުރުމުގެ ގޮތުން، މި ކުންފުނީގެ ޕައިލަޓޭޖް އެންޑް މެރީން ސާވިސް ޑިޕާޓްމަންޓާއި އައި.ޓީ ޑިޕާޓްމަންޓް އިން ވަނީ ޝިޕިން އެޖެންޓުންނަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބުރާސްފަތި ދުވަހު ބާއްވައިފަ އެވެ. މި ބައްދަލުވުމުގައި ވަރަށް ގިނަ ޝިޕިން އެޖެންޓުން ބައިވެރިވި އެވެ.
މި ބަދަލާއެކު، މިއަދު، 21 ނޮވެމްބަރު 2021 ވީ އާދިއްތަ ދުވަހުން ފެށިގެން، މެރިން އަދި ޕައިލަޓޭޖްގެ ޚިދުމަތްތަކަށް ރިކުއެސްޓްކުރުމާއި، އީ.ޓީ.އޭ ހުށަހެޅުމާއި ފައިސާ ދެއްކުން އަދި މިކަމާ ގުޅޭ އެހެން ހިދުމަތްތަކަށް ވެސް ރިކުއެސްޓްކުރެވޭނީ ހަމައެކަނި "ބަނދަރު ޕޯޓަލް"ގެ "މެރިން މޮޑިއުލް" މެދުވެރިކޮށް ކަމުގައި އެމްޕީއެލްއިން ބުނެއެވެ.
މެރިން އަދި ޕައިލަޓޭޖްގެ ޚިދުމަތްތައް އޮޓަމޭޓްކުރުމާއެކު، މި ކުންފުނީގެ ކަސްޓަމަރުންނަށް ޚިދުމަތް ހޯދުމުގައި އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމުގައި އެ ކުންފުނިން ގަބޫލުކުރެއެވެ.
އެމްޕީއެލްއިން ބުނެފައިވާގޮތުގައި އެ ކުންފުނީގެ މައިގަނޑު ހުރިހާ ޚިދުމަތްތަކަށް ރިކުއެސްޓްކުރުމާއި، ލިޔެކިއުން ހުށަހެޅުން އަދި ފައިސާ ދެއްކުން ވެސް އޮންލައިންކޮށް ކުރެވޭނެ ނިޒާމް މި ކުންފުނިން ޤާއިމްކޮށްފައިވާކަން އެ ކުންފުނިން އުފަލާއެކު ފާހަގަކުރެއެވެ. އަދި ކަސްޓަމަރުންނަށް މިހާރު ފޯރުކޮށްދެމުންދާ ޚިދުމަތްތައް ވެސް އިތުރަށް ކުރިއަރުވައި ހަރުދަނާކުރުމަށް މި ކުންފުނިން ކުރިއަށް އޮތް ތަނުގައި އިތުރު މަސައްކަތްތަކެއް ކުރާނެކަން އެމްޕީއެލްއިން ފާހަގަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް