ޖާނުން ފިދާވެގެން ހަމަލާދީ ސޯމާލިއާގެ އެންމެ މަޝްހޫރު ނޫސްވެރިޔާ މަރާލައިފި

ސޯމާލިއާގެ އެންމެ މަޝްހޫރު ނޫސްވެރިޔާ އަބްދީއަޒީޒު މުހައްމަދު ގުލްޑް މަރާލައިފި އެވެ. އޭނާ މަރާލާފައިވަނީ މީހަކު ޖާނުން ފިދާވެގެން ދިން ހަމަލާއެއްގައި އެވެ. ރިޕޯޓުތައް ބުނާގޮތުގައި އަބްދީއަޒީޒަށް އަމާ...

21 Nov 2021 | 02:15

ސޯމާލިއާގެ އެންމެ މަޝްހޫރު ނޫސްވެރިޔާ އަބްދީއަޒީޒު މުހައްމަދު ގުލްޑް މަރާލައިފި އެވެ.

އޭނާ މަރާލާފައިވަނީ މީހަކު ޖާނުން ފިދާވެގެން ދިން ހަމަލާއެއްގައި އެވެ. ރިޕޯޓުތައް ބުނާގޮތުގައި އަބްދީއަޒީޒަށް އަމާޒުކޮށް ބޮން ގޮއްވި މީހާ ހުރީ އޭނާ ރެސްޓޯރެންޓަކުން ނުކުތް އިރު އަޒީޒުގެ ކާރު ކައިރީގައި އެވެ.

މި ހާދިސާގައި އިތުރު ދެ މީހަކު ޒަހަމްވެފައިވެ އެވެ. އޭނާ އެތަނަށް ކެއުމަކަށް ދިޔައީ ސޯމާލިއާގެ ގައުމީ ޓީވީގެ ވެރިއަކާއި އެކު އެވެ.

މި ހަމަލާގައި އަބްދީއަޒީޒު މަރުވުމުން އެ ގައުމުގެ ބޮޑުވަޒީރު މުހައްމަދު ހުސައިން ރޯބްލް ވިދާޅުވީ އެއީ ގައުމީ ބަތަލެއް ކަމަށެވެ. އަބްދީއަޒީޒު ދީނާއި ގައުމަށްޓަކައި ކުރި ބުރަ މަސައްކަތް ފާހަގަ ކޮށް ބޮޑުވަޒީރު ވަނީ ރައްޔިތުންނާއި އޭނާގެ އަމިއްލަ ނަމުގައި ޝުކުރު އަދާކޮށްފަ އެވެ.

މި ހަމަލާ ދީފައިވަނީ ސޯމާލިއާގައި ހަރަކާތްތެރިވާ އިސްލާމީ ހަރުކަށި ޖަމާއަތް ކަމަށްވާ އަލް ޝަބާބުންނެވެ. އެމީހުން އޭނާއާއި ދެކޮޅަށް ހަމަލާ ދިނީ އެ ޖަމާއަތާއި ދެކޮޅު މައުލޫމާތު ހޯދައި ފެތުރުމުގައި ހޯދަމުންދާ ކާމިޔާބާއި ގުޅިގެންނެވެ.

އަބްދީއަޒީޒު މަޝްހޫރުވެފައިވަނީ އަބްދީއަޒީޒު އެފްރިކާގެ ނަމުންނެވެ. އޭނާ ބޮޑަށް މަޝްހޫރުވީ އަލް ޝަބާބު ޖަމާއަތުން ރަހީނު ކުރި ބަޔަކާއި ސިއްރުން އިންޓަވިއު ކުރުމުގެ އިތުރުން އެ ޖަމާއަތާއި ދެކޮޅަށް އާންމު ކުރާ ރިޕޯޓުތަކުންނެވެ.

އަލް ޝަބާބު ޖަމާއަތަކީ 2016 ވަނަ އަހަރު ސޯމާލިއާގައި އުފެދުނު ޖަމާއަތެކެވެ. އެ ޖަމާއަތުން އެ ގައުމުގެ ސަރުކާރާއި ދެކޮޅަށް ހަނގުރާމަ ކުރުމުގެ އިތުރުން އަންހެނުންނާއި އަންހެން ކުދިން ވަގަށް ނެގުމަކީ ކުރާ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް