ދައުލަތުގެ ތިން ބާރުގެ އޮފީސްތައް ހިންގާ އިމާރާތްތަކުގައި އަލިފާން ރޯކުރުމަށް ހިތްވަރުދީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރުމުން ރޭ ހައްޔަރުކުރި ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު، 15 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން މިއަދު ނިންމައިފިއެވެ.
ބަންދުގެ މުއްދަތު އިތުރުކުރީ މި ސަރުކާރުގައި ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ފުރުއްދައި ހުރި ހަސަން ޒިހާންގެ ބަންދެވެ. އެ މުއްދަތު ކަނޑައެޅިކަން ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިޔާމް ވަނީ "ސަން" އަށް ކަށަވަރުކޮށްދެއްވާފައެވެ.
ޒިހާން އެ ޕޯސްޓުގައި ސުވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ސުޕްރީމް ކޯޓުގެ އިމާރާތުގައި ރޯނުކުރަނީ ކީއްވެގެންތޯއެވެ. އެ ތަންތަނުގައި ރޯކޮށްލައިފިނަމަ ”މަޖާވާނެ“ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
އެހެން ނަމަވެސް، ގަޑިއިރެއްހާ ވަގުތު ފަހުން އޭނާ އެ ޕޯސްޓު ފޭސްބުކުން ފުހެލާފައިވެއެވެ.
ޒިހާނަކީ އެމެރިކާގެ ނޭވަލް އެކެޑެމީން މަތީ ތައުލީމު ހާސިލުކޮށް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯހުގައި (އެމްއެންޑީއެފް) ނޭވަލް އާކިޓެކްޓެއްގެ ގޮތުގައި ހިދުމަތްކުރި ފަސްޓް ލެފްޓިނަންޓެކެވެ. ނިމިދިޔަ ސަރުކާރުގެ ފަހުކޮޅު އޭނާ ސިފައިންގެ ހިދުމަތުން ވަކިކުރި އިރު، އޭނާގެ ގާތް ފަރާތްތަކުން ބުނެފައިވަނީ އެއީ އޭރުގެ ސަރުކާރަށް ފާޑުކިޔުމުގެ ސަބަބުން ކަމަށެވެ.
އެއަށްފަހު މި ސަރުކާރުން ޒިހާން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމަށް އައްޔަންކުރި ނަމަވެސް، ފަހުން އެ މަގާމުން ވެސް އޭނާ ވަކިކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް