ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީއަށް ޒިޔާރަތް ކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް
ބޭހުގެ ރައްކާތެރިކަމާއި ފެންވަރާ މެދު ޢާންމުންގެ އިތުބާރު ދެމެހެއްޓުމަށް ރާއްޖެއާއި ޕާކިސްތާނާ ދެމެދު ރެގިއުލޭޓަރީ ދާއިރާގެ ގުޅުން ވަރުގަދަކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ ރައީސްގެ ދެ ކަނބަލުން ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ޕާކިސްތާނުގެ ބޭސް ރެގިއުލޭޓަރީ އިދާރާއަށް ކުރެއްވި ޒިޔާރަތުގައި އެވެ.
ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީ އޮފް ޕާކިސްތާން (ޑްރެޕް) ގެ އިސްވެރިންނާއި މުވައްޒަފުންނާ މުޚާތަބުކުރައްވަމުން ސާޖިދާ ވިދާޅުވީ، ކޮންމެ ހަރުދަނާ ޞިއްޙީ ނިޒާމެއްގެ ވެސް ބިންގަލަކީ ރައްކާތެރި، ފެންވަރު ރަނގަޅު ބޭހަށް ޢާންމުން ކުރާ އިތުބާރު ކަމަށެވެ.
ރަށްތައް ވަކިވަކިން އޮންނަ ރާއްޖެ ފަދަ ޖަޒީރާ ޤައުމަކަށް، ރައްކާތެރި އަދި ފެންވަރު ރަނގަޅު ބޭސް ހުސްނުވެ ލިބޭނެ ގޮތް ހެދުމަކީ ޤައުމީ ފެންވަރުގައި އެންމެ އިސްކަންދޭ ކަންކަމުގެ ތެރެއިން އެއް ކަން ކަމަށް މެޑަމް ސާޖިދާ ވިދާޅުވި އެވެ. މެޑަމް ވިދާޅުވީ ޢާންމުންގެ އިތުބާރު ދެމެހެއްޓޭނީ ސައިންޓިފިކް މިންގަނޑުތަކާއި، ބާރުގަދަ ރެގިއުލޭޓަރީ އިދާރާތަކާއި، ބައިނަލްއަޤުވާމީ ބިނާކުރަނިވި އެއްބާރުލުމުގެ ސަބަބުން ކަމަށެވެ.
ދެ ޤައުމުގެ ޒަމާންވީ ގުޅުން ފާހަގަކުރައްވަމުން، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ޕާކިސްތާނުން ދެއްވާ އެހީތެރިކަމަށް ސާޖިދާ ޝުކުރުއަދާކުރެއްވިއެވެ. ޚާއްޞަކޮށް ޕާކިސްތާނުގެ ޞިއްޙީ މާހިރުން ރާއްޖޭގައި ޚިދުމަތްކުރުމާއި، ދިވެހި ޑޮކްޓަރުންނާއި ނަރުހުންނާއި ޞިއްޙީ ޚިދުމަތްތެރިން ތަމްރީނުކުރުމުގައި ދެއްވާ އެއްބާރުލުން އެކަމަނާ ފާހަގަކުރެއްވިއެވެ.
ޕާކިސްތާނުގެ ސަރުކާރާއި ރައްޔިތުންނަށް ޝުކުރުދަންނަވައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގައި ޑްރެޕްގެ މުވައްޒަފުން ކުރާ މަސައްކަތަށް ވެސް ތަޢުރީފުކުރެއްވިއެވެ.
ޑްރެޕަށް ވަޑައިގަތުމުގެ ކުރިން ސާޖިދާ ވަނީ އިސްލާމްއާބާދުގައި ހުންނަ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތަށް ވެސް ޒިޔާރަތްކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް