ދެކުނުގެ ރަށެއްގެ ސްކޫލެއްގައި ކިޔަވަމުން އަންނަ ފިރިހެން ދަރިވަރުންތަކެއް ގްރޫމްކުރަން މަސައްކަތް ކުރިކަމުގެ ތުހުމަތު ކުރެވޭ ފިރިހެން ޓީޗަރު ސަސްޕެންޑް ކޮށްފިއެވެ.
ދުވަހަށް ކަށަވަރުކުރެވިފައިވާގޮތުގައި އެޑިއުކޭޝަން މިނިސްޓްރީއިން އެ ޓީޗަރު ސަސްޕެންޑް ކޮށްފައިވަނީ މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. ސަސްޕެންޝަނާއި ހަމައަށް ފާއިތުވި ދެ ދުވަހު އެ ޓީޗަރު ހުރީ ސިކް ލީވްގައެވެ.
ދިވެހި ފިރިހެން އެ ޓީޗަރަކީ އެ ސްކޫލުގައި ޕްރައިމަރީ ގްރޭޑްތަކަށް ކިޔަވައިދެމުންދިޔަ ޓީޗަރެކެވެ. އެ ޓީޗަރު ސަސްޕެންޑް ކޮށްފައިވާއިރު ދުވަހަށް އެނގިފައިވާގޮތުގައި އެ ޓީޗަރު ގެންދިޔައީ އުމުރުން 14 އަހަރުން މަތީ ދަރިވަރުންތަކަކަށް އެ ދަރިވަރުންނާއި ނުގުޅޭ ލިންކުތައް ފޮނުވުމާއި ގްރޫމް ކުރުމުގެ ގޮތުން އެކި ވާހަކަތައް ދައްކަމުންނެވެ. އަދި މި މައްސަލަ ފެންމަތިވީ އެއިން ކުއްޖަކަށް ޖިންސީ ގޯނާ ކުރަން ޓީޗަރު މަސައްކަތް ކުރި ހިސާބުންކަންވެސް ދުވަހަށް އެނގިފައިވެއެވެ.
މި މައްސަލައިގާ ފުލުހުން މިއަދު ރަސްމީކޮށް ބުނެފައިވަނީ ސައުތު ސެންޓްރަލް ޕޮލިސް (މ، ފ، ދ، ތ އަދި ލ) ގައި ހިމެނޭ ރަށެއްގެ ސްކޫލު ފިރިހެން ޓީޗަރަކު ދަރިވަރުންގެ އުމުރާއި ނުގުޅޭ ވާހަކަތައް ދައްކައި ގްރޫމް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ މިދިޔަ ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފައިވާކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް