ހަނގުރާމައިގެ މައިދާނުގައި ދުޝްމަނުންނާ ހަނގުރާމަކުރަނިކޮށް ޝަހީދުވާ މީހުންގެ މައްޗަށް ކަށު ނަމާދު ކުރުން ނޯންނަކަމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވެފައިމިވަނީ ހަމާސްގެ އައު ލީޑަރު ޝަހީދުވުމުން، ރާއްޖޭގެ މިސްކިތްތަކުގައި ޣައިބަށް ކަށުނަމާދުކުރުމުގެ ހުއްދައަށް އެދުމުން އެ ހުއްދަ ދޭން މިނިސްޓަރު ދެކޮޅު ހެއްދެވިކަމަށް އަޑު ފަތުރާފައިވާ ދަނޑިވަޅެއްގައެވެ.
ޑރ. ޝަހީމް މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެގޮތަށް ކަށު ނަމާދު ކުރެވިދާނެކަމަށް ދެކެނީ ވަރަށް މަދު އިލްމުވެރިއެއް ކަމަށެވެ. ޖާއިޒުކަމަށް ދެކޭ އިލްމުވެރިން ވެސް ބުނަކީ ވާޖިބު ކަމެއް ނޫންކަމަށެވެ.
"ދީނުގެ ކަންކަމުގައި އަޅުގަނޑުމެން ޢަމަލުކުރަންވާނީ ދީނުގައި އޮންނަ ރަނގަޅު ގޮތަށް، ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޞައްޙަ ސުންނަތުގައި އޮންނަ ގޮތަށް، އުޙުދު ހަނގުރާމައިގައި ޝަހީދުވި މާތް ޞަޙާބީންގެ މައްޗަށް ކީރިތި ރަސޫލާ صلى الله عليه وسلم ކަށު ނަމާދު ކުރައްވާފައި ނުވޭ، އެހަނގުރާމައިގައި އެކަލޭގެފާނުގެ މާތް ބޮޑު ބޭބޭފުޅު ޙަމްޒަތުގެފާނުގެ ވެސް ޝަހީދުވެވަޑައިގެންނެވ، ޙަމްޒަތުގެފާނުގެ މައްޗަށް ވެސް، އެހެން ބޭކަލެއްގެ މައްޗަށް ވެސް ވަޅުލުމުގެ ކުރިން ކަށު ނަމާދުކުރައްވާފައިނުވޭ" މިނިސްޓަރ ވިދާޅުވެފައިވެއެވެ.
ޑރ. ޝަހީމް އިތުރަށް ވިދާޅުވެފައިވަނީ ޝަހީދުން ވަޅުލަނީ ނުހިނަވައި އެމީހުންގެ ލެއާއެކުގައި ކަމަށާއި ޝަހީދުންގެ މައްޗަށް ކަށު ނަމާދު ކުރުމެއް ނެތް ކަމަށެވެ. ޝަހީދުންނަކީ މަރުވިޔަސް، ދިރި ތިބި ބައެއް ކަމަށާއި ޝަހީދުންގެ މައްޗަށް އޮތީ ހެޔޮ ދުޢާކުރުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް