މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ކޯޓު އަމުރުގެ ދަށުން ތިން ގެއެއް ބަލައިފާސްކޮށް ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި މި އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން އޮކްޓޫބަރު 19 ވަނަ ދުވަހުއެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ލ. ކަލައިދޫ / އެވަރގްރީން، މުޙައްމަދު އައިޝަރު ޔޫސުފް (22އ)، ކ. ކާށިދޫ / އަންދަލީބުގެ، މުޙައްމަދު މައިހާން ފަޔާޒް (19އ) އަދި ދ. ކުޑަހުވަދޫ / ރަނަކުރި، އިބްރާހީމް މާޖިދު (31އ) އެވެ.
މި ތިން މީހުން ހައްޔަރުކޮށް، ތިން ގެ ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި 86000 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާކަމަށާއި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 1142.04 ގްރާމް ކަމުގައި ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލައާ ގުޅިގެން މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު އައިޝަރު ޔޫސުފް 15 ދުވަހަށް އަދި މުޙައްމަދު މައިހާން ފަޔާޒާއި އިބްރާހީމް މާޖިދު ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް