މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިފްތިތާހުކޮށްދެއްވި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އެއް މިލިއަން ގަސް އިންދުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން އިއްޔެ ފަށައިފިއެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ރިޔާސީ ވައުދެކެވެ.
މި ޕްރޮގްރާމްގައި ބައިވެރިވެ، ފަސް އަހަރުގެ ތެރޭގައި އެއް މިލިއަން ގަސް އިންދުމުގެ މަސައްކަތް އެމް.ޕީ.އެލްއިން މިއަދު ރަސްމީކޮށް ފެށީ ތިލަފުށީގައި ވިޔަފާރި ބަނދަރު އެޅުމަށް ހަމަޖައްސާފައިވާ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ބައިވެރިވެވަޑައިގަތެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވެ، އެމް.ޕީ.އެލްއިން ވަނީ މި ޕްރޮގްރާމްގެ ދަށުން އެއް މިލިއަން ގަސް އިންދަން ޕްލެޖްގައި ސޮއިކޮށް، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤަށް މި ޕްލެޖްގެ ލިޔުން ހަވާލުކޮށްފައެވެ. މި ޕްލެޖްގައި އެމް.ޕީ.އެލްގެ ފަރާތުން ސޮއިކުރެއްވީ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޕީ.އެލްގެ ސީ.އީ.އޯ ވަޖީހް ވިދާޅުވީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ތިމާވެށި އަންނަން އޮތް ޖީލުތަކަށް ހެޔޮ ގޮތުގައި ދަމަހައްޓައި، ގަސްގަހާ ގެހި ރައްކާތެރިކޮށް އިތުރުކުރުމުގެ މުހިންމުކަން ދެނެގަނެ، ސަރުކާރުން ފެށި މުހިންމު ޕްރޮގްރާމެއް ކަމަށެވެ.
އަދި، މި މަސައްކަތުގައި އެމް.ޕީ.އެލްގެ ހުރިހާ ޑިޕާޓްމަންޓްތަކާއި ރީޖަނަލް ޕޯޓްތަކުން ބައިވެރިވާނެ ކަމަށެވެ. އަދި މީގެ އިތުރުން ރާއްޖޭގެ ހުރިހާ ކައުންސިލްތަކާއި، އެކި ކްލަބު ޖަމިއްޔަތަކާއި ގުޅިގެން އެމް.ޕީ.އެލްއިން ގަސް އިންދުމުގެ ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށެވެ.
އެމްޕީއެލްގެ އަމާޒަކީ ދިވެހިރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގެ ބައިވެރިވުމާއެކު މިކަން (އެއް މިލިއަން ގަސް އިންދުމުގެ އަމާޒު) ހާސިލްކުރުން ކަމުގައި ސީ.އީ.އޯ ވަޖީހް ވިދާޅުވިއެވެ.
އެއް މިލިއަން ގަސް އިންދުމުގެ މަސައްކަތުގެ ތެރެއިން އެމް.ޕީ.އެލްއިން ވަނީ މި ހަފުތާގެ ތެރޭގައި 10،000 ގަސް އިންދުމަށް ނިންމައިފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤް ވިދާޅުވީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް އެންމެ ގިނަ ގަސް އިންދުމަށް ޕްލެޖްކުރީ އެމް.ޕީ.އެލް ކަމަށެވެ. އަދި މިކަމަކީ އެމް.ޕީ.އެލްގެ ފަދަ އެސް.އޯ.އީއަކުން އިސްނަގައިގެންކުރާ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް