ފަލަސްތީނުގެ ޣައްޒާގައި ތިބި އާންމުންނަށް ބޭނުންވާ އިންސާނީ އެހީ ހިފައިގެން ދިޔަ ޓްރަކްތަށް ހޮނިހިރު ދުވަހު ރަފާ ބޯޑަރު ހުރަސްކޮށް ޣައްޒާއަށް ވަދެފައިވާއިރު، އެތަކެތި ވަނީ މިހާރު އދގެ ފަލަސްތީނުގެ ރެފިއުޖީ އެޖެންސީ ތަކާއި ހަވާލުކޮށްފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މިއީ އިޒްރޭލުން މިހާރު ކުރަމުންދާ ހަނގުރާމަ ފެށުނު ފަހުން އަދި އިޒްރޭލުން ހުއްޓުމެއް ނެތި ބޮމުގެ ހަމަލާތައް ދެމުން ދަނިކޮށް އެ ސަރަހައްދަށް ދިޔަ ފުރަތަމަ އިންސާނީ އެހީގެ ގާފިލާ އެވެ.
ސަލާމަތީ ބާރުތަކުން ބުނީ ޓްރަކްތަކުގެ ޑްރައިވަރުން ފަލަސްތީނުގެ ރަފާ ބޯޑަރަށް އައީ އެ މީހުންގެ އެހީ ހިފައިގެން ކަމަށާއި އެ ތަކެތި އދގެ ފަލަސްތީނުގެ ރެފިއުޖީ އެޖެންސީ ޔޫއެންއާރްޑަބްލިއުއޭއާ ހަވާލުކޮސްފައިވާ ކަމަށެވެ.
ޣައްޒާގެ ފެނާއި ނަރުދަމާގެ ޚިދުމަތްތަކަށް އަވަސް އެހީ ނުލިބިއްޖެނަމަ އެކަމުގެ ނުރައްކާތެރި ނަތީޖާ ނުކުންނާނެ ކަމުގެ އިންޒާރު އދ އާއި އިންސާނީ އެހީދޭ ޖަމިއްޔާތަކުން މީގެ ކުރިންވެސް ވަނީ ދީފައެވެ. އިޒްރޭލުން 14 ދުވަހު މެދުނުކެޑި ދެމުންގެންދާ ބޮމުގެ ހަމަލާތަކުގެ ސަބަބުން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނުގެ ދަތިކަން ބޮޑުވެ، ޣައްޒާގެ އިންސާނީ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.
ޣައްޒާގެ ހަމާސް ޖަމާއަތުގެ ސަރުކާރުގެ އޮފިޝަލަކު ނިއު އަރަބްއަށް ވިދާޅުވީ މިސްރުން ލިބުނު އެހީއަކީ ފުދޭ ވަރުގެ އެހީއެއް ނޫން ކަމަށެވެ. "މިހާ ލިމިޓެޑް ގާފިލާއަކުން ޣައްޒާއަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާއަށް ބަދަލެއް ނާންނާނެ" ސަލާމާ މައުރޫފް ވިދާޅުވި އެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދުވެ، ގިނަ ބަޔަކު ގެދޮރު ގެއްލި މަގުމަތިވެފައިވާއިރު، އެ މީހުންނަށް ވަނީ އިންސާނީ އެހީ ނިހާޔަތަށް ބޭނުންވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް