ޣައްޒާ ދޫކޮށް ރަފާ ބޯޑަރު ސަރަހައްދަށް ނުދާ ކޮންމެ މީހަކާމެދު އަމަލުކުރާނީ ޓެރަރިސްޓެއްގެ ގޮތުގައި ކަމަށްބުނެ އިޒްރޭލުން ޣައްޒާގެ ރައްޔިތުންނަށް މިއަދު އިންޒާރު ދީފިއެވެ.
ޣައްޒާގެ ބިމުން ޚަބަރުތައް ގެނެސްދެމުން އަންނަ އަލް ޖަޒީރާގެ ހިތްވަރުގަދަ އަންހެން ނޫސްވެރިޔާ ޔުމްނާ އަލްސައްޔިދު މިއަދު ބުނެފައިވަނީ ޣައްޒާގެ ރައްޔިތުންގެ ފޯނުތަކަށް ކޯލެއް މިއަދު ލިބެމުން އަންނަ ކަމަށާއި އެ ކޯލުގައި އިއްވަނީ ރެކޯޑުކޮށްފައިވާ މެސެޖެއް ކަމަށެވެ.
އެ މެސެޖުގައި ބުނަނީ ޣައްޒާ ދޫކޮށް މިސްރުގެ އައްސޭރިއަށް ރަފާ ބޯޑަރު ސަރަހައްދަށް ދިއުމަށް ކަމަށާއި ނުދާ ކޮންމެ މީހަކީ ޓެރަރިސްޓެއްގެ ގޮތުގައި ބަލާނެ ކަމަށެވެ. އަދި އެމީހަކާމެދު އަމަލުކުރާނީ ޓެރަރިސްޓަކާމެދު އަމަލުކުރާ ގޮތަށް ކަމުގައި އެ މެސެޖުގައި ބުނާކަމަށްވެސް ޔުމްނާ ބުނެފައިވެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އިޒްރޭލުގެ ފައުޖުތަކުން މިހާރު ތައްޔާރުވަމުން އަންނަނީ އެއްގަމު މަގުން ޣައްޒާގެ ތެރެއަށް ވަދެގަންނާށެވެ. އެއީ ހަނގުރާމައިގެ ދެވަނަ މަރުހަލާ ކަމުގައި އިޒްރޭލުންވެސް ބުނެފައިވެއެވެ. އަދި ތިން ވަނަ މަރުހަލާއަކީ ހަމާސް ޖަމާއަތް އެކުގައި ނައްތާލާ ޣައްޒާއާއި އިޒްރޭލުން ހަވާލުވުން ކަމުގައިވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް