އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ އެދުމުގެ މަތިން އިޒްރޭލުގެ ބޮޑުވަޒީރު އެއްބަސްވެ، މިސްރުގެ ރައީސާއެކު މަޝްވަރާ ކުރެވި މިއަދުގެ ވަގުތެއްގައި 20 ލޮރީގެ އެހީގެ ގާފިލާއެއް ރަފާ ބޯޑަރު ހުރަސްކޮށް ޣައްޒާއަށް އެތެރެވެފައިވީނަމަވެސް މިހާރު އޮތީ މާ ބޮޑު ކަންބޮޑުވުމެކެވެ.
އެއީ އެ ގާފިލާގައި އެއްވެސް ވަރަކަށް ތެޔޮ ނެތް ކަމުގެ ކަންބޮޑުވުމެވެ.
ޣައްޒާގެ ބިމުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޖަމިއްޔާ ޖަމާއަތްތަކުން ބުނާގޮތުގައި އެ ގާފިލާގައި އެއްވެސް ވަރަކަށް ތެޔޮ ނެތުމަކީ މިހާރު އޮތް ހާލަތު އިތުރަށް އިންތިހާއަށް ގޯސްވާނެ ކަމެކެވެ.
ހޮސްޕިޓަލުތައް ހިންގަން ތެޔޮ ބޭނުންވެއެވެ. ބަލި މީހުން އުފުލާ އުޅަނދުތަކަށް ތެޔޮ ބޭނުންވެއެވެ. ފެން އުފައްދާ ޕްލާންޓްތައް ހިންގަން ތެޔޮ ބޭނުންވެއެވެ. ފެން އިސްކުރުތަކާއި ހަމައަށް ފެން ފޯރުވާނެ ޕަމްޕްތައް ހިންގަން ތެޔޮ ބޭނުންވެއެވެ. މިހާރުވެސް ތެޔޮ ނެތިގެން ސިއްހީ ހިދުމަތްދޭ ބައެއް ތަންތަން ބަންދުކޮށްފައިވާއިރު ޣައްޒާގައި ލޮނު ފެނަށް ހަދާ ޑީސެލިނޭޝަން ޕްލާންޓްވެސް މިހާރު ހުރީ ހުއްޓިފައެވެ.
މިކަމުގެ ކަންބޮޑުވުން ފާޅުކޮށް އދ ގެ ރިލީފް އެންޑް ވޯކްސް އޭޖެންސީ (އާރްއެންޑަބްލިއުއޭ) ގެ ތަރުޖަމާނު ޖޫލިއެއްޓާ ޓައުމާ ބުނެފައިވަނީ ތެލަކީ މިވަގުތުން ލާޒިމު އެހީއެއް ކަމަށާއި ތެޔޮ ނުލިބި އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ބަންދުވެދާނެކަމަށެވެ.
އެންމެ 20 ލޮރީއަށް ރަފާ ބޯޑަރު ހުޅުވާލި ހުޅުވާލުން އެންމެ 20 ލޮރީއާއި ހަމައިން ނިންމާ ނުލުމަށް އޭނާ ގޮވާލިއެވެ.
އެހެން ނަމަވެސް އިތުރު އެހީގެ ގާފިލާއަކަށް ފުރުސަތެއް ދޭނެ ވާހަކައެއް އަދި ދެކެވެމުން ނުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް