މިސްރުގެ މަގުން ޣައްޒާއަށް ފޮނުވާ އެހީގެ ފުރަތަމަ ގާފިލާ ރަފާ ބޯޑަރު ހުރަސްކޮށްފިއެވެ.
މި ގާފިލާގައި ހިމެނެނީ ކުރިންވެސް އެއްބަސްވެ ހާމަކޮށްފައިވާފަދައިން 20 ލޮރީގެ އެހީއެވެ.
ހަމާސް އިން ބުނެފައިވާގޮތުގައި އެހީގެ ފުރަތަމަ ގާފިލާގެ ލޮރީތަކުގައި ހިމެނެނީ ބޭހާއި، ހޮސްޕިޓަލްތަކަށް ބޭނުންވާ އެހެނިހެން ސާމާނާއި ބައެއް ކާނާ (ހާއްސަގޮތެއްގައި ދަޅުގައި ބަންދުކޮށްފައިވާ ކާނާ) އެވެ.
އދ ގެ ބެލުމުގެ ދަށުން މި ގާފިލާ ރަފާ ބޯޑަރު ހުރަސްކުރަމުން އަންނައިރު އދ ގެ ސިއްހަތާއިބެހޭ ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ބުނެފައިވާގޮތުގައި އޭގެ ތެރެއިން ހަތަރު ލޮރީއެއްގައި ހިމެނެނީ ކޮންމެހެން ޒަރޫރީ އަދި މުހިންމު ސިއްހީ ހިދުމަތާ ގުޅޭ ސާމާނެވެ.
20 ލޮރީގެ އެހީ ރަފާ ބޯޑަރު ހުރަސްކޮށް ޣައްޒާއަށް ފޯރުކޮށްދޭން އެއްބަސްވުމަކަށް އައީ އެމެރިކާގެ ރައީސް ޖޯ ބައިޑަން އެކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކުރެން އެދުމުންނެވެ.
އެ އެއްބަސްވުމާއެކު އެހީގެ ގާފިލާގެ ދަތުރު މިއަދު ފަށާފައިވާއިރު އދ ގެ ކަމާބެހޭ އިދާރާތަކުގެ އިސްވެރިން ބުނެފައިވާގޮތުގައި 20 ލޮރީއަކީ ފުން، ބިޔަ ކަނޑަކަށް ފެން ތިއްކެއް ވައްޓާލުންހާ މަދު އަދަދެއްގެ އެހީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް