ޢައްޒާގެ ދެކުނުގައި ހުންނަ އަލް-ޤުދްސް ހޮސްޕިޓަލު ހުސްކުރަން އިޒްރޭލުގެ ފައުޖުތަކުން އަންގާފައިވާކަމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނެފިއެވެ.
އެގޮތުން ރޭގައި އެ ޖަމިއްޔާއިން ބުނެފައިވަނީ ޣައްޒާ ސިޓީގެ އަލް-ޤުދްސް ހޮސްޕިޓަލް ހުސްކުރަން އިޒްރޭލުގެ "އިޒްރެއިލީ އޮކިއުޕައިޑް ފޯސަސް" އިން އަންގާފައިވާއިރު އެ ހޮސްޕިޓަލުގައި މިވަގުތުވެސް 400 އަށްވުރެ ގިނަ ބަލި މީހުންނަށް ފަރުވާދެމުން އަންނަ ކަމަށާއި މަގުމަތިވެފައިވާ 12 ހާހެއްހާ ޣައްޒާގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
"އަލް އަހްލީ ހޮސްޕިޓަލަށް އަމާޒުވިފަދަ ހަމަލާއެއް އަމާޒުވުމުގެ ކުރިން ބައިނަލްއަގްވާމީ މުޖްތަމައުއިން ފިޔަވަޅެއް އަޅައިދިނުން އެދެން" ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނެފައިވެއެވެ.
އަލް-ޤުދްސް ހޮސްޕިޓަލަކީ ޣައްޒާ ސިޓީގެ ތެލް އަލް ހަވާ އަވަށުގައި ހުންނަ ހޮސްޕިޓަލެކެވެ. 2009 ވަނަ އަހަރު އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި އެ ހޮސްޕިޓަލު ވަރަށް ބޮޑަށް ހަލާކުކޮށްލިއެވެ.
ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނާގޮތުގައި އެ ހޮސްޕިޓަލު ހުސްކުރަން އަންގާފައިވަނީ މިއަދު ހެނދުނުގެ 06:00 ގެ ކުރިއަށެވެ. އިޒްރޭލުން އެހެން އެންގިނަމަވެސް އެއީކީ ކުރެވޭނެ ކަމެއް ނޫން ކަމުގައިވެސް އެ އެ ޖަމިއްޔާއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް