ޕްރިމިއާ ލީގުގައި އެންމެ ފަހުން ޓޮޓެންހަމް އާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރުމަށް ރޮނާލްޑޯ އިންކާރުކޮށްފައިވާ ކަން މެންޗެސްޓަރ ޔުނައިޓެޑުގެ ކޮޗް އެރިކް ޓެން ހާގް ކަށަވަރުކޮށްދީފިއެވެ.
މާދަމާ ޗެލްސީއާއި ޔުނައިޓެޑް ބައްދަލުކުރާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ޓެން ހާގް ބުނީ މެޗަށް އެރުމަށް ބުނުމުން ރޮނާލްޑޯ އެކަމަށް އިންކާރުކޮށްފައިވާ ކަމަށެވެ. އަދި އެއީ އެފެންވަރުގެ ކުޅުންތެރިއެއްގެ ކިބައިން ފެނިގެން ވާނެ ކަމެއް ނޫންކަމަށާއި މިއީ ރޮނާލްޑޯގެ ފަރާތުން މިކަހަލަ ކަމެއް ފެނުނު ދެވަނަ ފަހަރުކަމަށް ޓެން ހާގް ބުންޏެވެ.
އަދި ކޮންމެ ކުޅުންތެރިއަކުވެސް ކުލަބުގެ އުސޫލުތަކާއި ހަމަތަކަށް ތަބާވާން ޖެހޭނެ ކަމަށާއި އެއީ ހަމަ އެކަނި ވަކި ކުޅުންތެރިއަކަށް އޮތް ކަމެއް ނޫންކަމަށް ވެސް ޓެންހާގް ބުންޏެވެ. ޓެން ހާގް ބުނީ ރޮނާލްޑޯ އަށް ފިޔަވަޅު އެޅި ނަމަވެސް އޭނާ އަދިވެސް ހުރީ ޔުނައިޓެޑުގެ ސްކޮޑުގެ މުހިންމު ކުޅުންތެރިއެއް ގޮތުގައި ކަމަށެވެ.
މީގެ އިތުރުން ޓެން ހާގް ބުނީ އޭނާ ޔުނައިޓެޑްގެ ކޯޗުކަމާއި ހަވާލުވި ހިސާބުން ގިނަ ޒިންމާތަކެއް ބޮލުގައި އެލީފައިވާ ކަމަށާއި އެ ޒިންމާތައް ރަނގަޅު ގޮތުގައި އުފުލާ، ކުލަބަށް ރަނގަޅު ކާމިޔާބީތަކެއް ހޯދައި ދިނުމަކީ އެންމެ ބޮޑު އަމާޒު ކަމަށެވެ. އެހެން ކަމުން ވަކި ކުޅުންތެރިއަކަށް ބެލުމެއް ނެތި ސްކޮޑުގައި ހިމެނޭ ހުރިހާ ކުޅުންތެރިންވެސް ހިމެނޭ ގޮތަށް ކާމިޔާބީތައް ހޯދުމަށް މަސައްކަތް ކުރުމަކީ އެންމެ ބޭނުންވާ ގޮތްކަމަށް ޓެން ހާގް ބުންޏެވެ.
ނިންމާލަމުން ޓެން ހާގް ބުނީ ކުލަބުގެ އުސޫލުތަކާއި ޚިލާފުވުމުން އަދަބު ދިނުމަކީ ވަކި ކުޅުންތެރިއަކަށް އޮތް ކަމެއް ނޫން ކަމަށާއި އެފަދަ އަމަލުތައް ކުރާ ހަމަ ކޮންމެ ކުޅުންތެރިއަކަށް ވެސް އެފަދަ ފިޔަވަޅުތައް އަޅާނެކަމަށެވެ.
" މެޗަށް އަރަން ރޮނާލްޑޯ އިންކާރުކުރި. އަދި މެޗު ނުނިމެނީސް ބެންޗު ދޫކޮށް ދިޔައީ. މިއީ އެފަދަ ކުޅުންތެރިންގެ ފަރާތުން ފެންނަން ޖެހޭނެ ކަމެއްނޫން. މިފަދަ ކަންކަން ބަލައެއް ނުގަނެވޭނެ. ރޮނާލްޑޯއަށް ފިޔަވަޅު އެޅި ނަމަވެސް އޭނާ އަކީ އަދިވެސް ޔުނައިޓެޑް ސްކޮޑުގެ މުހިންމު ކުޅުންތެރިއެއް." ޓެން ހާގް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް