އަންޑަމަން ކަނޑާއި ބަންގާޅު ކަނޑު ގުޅޭ ހިސާބުން ލޯ ޕްރެޝަރެއް އުފެދިފައިވާކަމަށް މޫސުމާއިބެހޭ ސަރަހައްދީ އިދާރާއިން ބުނެފިއެވެ.
އިންޑިއާގައި ގާއިމްކޮށްފައިހުންނަ ސަރަހައްދީ މޫސުމާއިބެހޭ އިދާރާއިން ބުނެފައިވަނީ އަންޑަމަން ކަނޑުގެ އުތުރުން ބަންގާޅު ކަނޑާ ގުޅޭ ސަރަހައްދުގައި ހުރި ސެޓަޕް އިއްޔެ ހެނދުނުގެ ވަގުތެއްގައި ލޯ ޕްރެޝަރަކަށް ބަދަލުވެފައިވާކަމަށެވެ.
ލަފާކޮށްފައިވާގޮތުގައި އެ، ލޯ ޕްރެޝަރު މާދަމާ ކޮޅިގަނޑަކަށް (ޑިޕްރެޝަނަކަށް) ބަދަލުވާނެއެވެ. އަދި ޖެހިގެން އަންނަ ދުވަހު (23 ވަނަ ދުވަހު) ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެދާނެއެވެ. އަދި ކޮޅިގަނޑުގެ މިސްރާބު އެ ހިސާބުން ބަދަލުވެ ބަންގާޅު ކަނޑުގެ މެދަކާއި ދިމާއަށް މިސްރާބު ބަދަލުވެދާނެކަމަށާއި އަދި ހޯމަ ދުވަހު (24 ވަނަ ދުވަހު) ކޮޅިގަނޑުގެ ބާރު އިތުރަށް ގަދަވެ، ތޫފާނަކަށް ބަދަލުވާނެއެވެ. އަދި ޖެހިގެން އަންނަ ދުވަހު (25 ވަނަ ދުވަހު) ބަންގްލަދޭޝްގެ އައްސޭރިއާއި އޮޑީޝާގެ އައްސޭރިފަށާއި ހަމައަށް ތޫފާން ފޯރާނެކަމަށްވެސް ބުނެފައިވެއެވެ.
މި ތޫފާނަށް ދޭނެ ނަމަކީ ތޫފާން ސިތުރަންގެވެ. މި ނަމަކީ ތައިލެންޑުން ދީފައިވާ ނަމެކެވެ. މި ތޫފާނަކީ މި އަހަރު މި ސަރަހައްދުގައި އުފެދޭ ދެވަނަ ތޫފާނެވެ. އެންމެ ފަހުން މި ސަރަހައްދުގައި އުފެދުނީ ތޫފާން އަސަނި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް