ފާއިތުވި ފަސް އަހަރުގެ ތެރޭގައި އިންޑިއާގެ ދިފާއީ އުފެއްދުންތައް އެކްސްޕޯޓް އަށް ގުނަ އިތުރުވެފައިވާ ކަމަށާއި އެކްސްޕޯޓަށް ފަސް ބިލިއަން ޑޮލަރުގެ އަމާޒެއް ކަނޑައަޅާފައިވާ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
އާ އިންޑިޔާ ކުރިއަށް ދަނީ ވިސްނުމާއި، އިނޮވޭޝަން އަދި އިމްޕްލިމެންޓޭޝަންގެ މަންތަރާއެކުކަން ފާހަގަކުރައްވަމުން މޯދީ ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ދިފާއީ އެކްސްޕޯޓް އަށް ގުނަ އިތުރުވެފައިވާ ކަމަށެވެ. ދިފާއީ ސާމާނާއި އާލާތްތައް 75 އަށް ވުރެ ގިނަ ގައުމަށް އެކްސްޕޯޓް ކުރަމުން މިދަނީ. 2021-22 ވަނަ އަހަރު އިންޑިއާއިން ދިފާއީ އެކްސްޕޯޓް ކުރި މިންވަރު ވަނީ 1.59 ބިލިއަން ޑޮލަރަށް އަރާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެން އަމާޒު ހިފާފައި މިވަނީ 5 ބިލިއަން ޑޮލަރަށް ނުވަތަ 40،000 ކްރޯޑް ރުޕީސް އަށް ވާސިލްވުމަށް" ކަމަށެވެ.
މިފަހަރު ޑެފްއެކްސްޕޯ އަކީ އިންޑިއާގެ ކުންފުނިތަކާ އެކު ޖޮއިންޓް ވެންޗާތައް ހިންގާ އަމިއްލަ ކުންފުނިތަކާއި ބޭރުގެ އުފެއްދުންތެރިންނަށް ހާއްސަ ކޮށްފައިވާ ކުންފުންޏެކެވެ. މޯދީ ވަނީ އެ ފުރުސަތުގެ ބޭނުންހިފައި، ހަމައެކަނި ގައުމުގެ ތެރޭގައި ހޯދޭނެ ސާމާނުގެ އިތުރު ދެ ލިސްޓެއް އިއުލާނު ކުރައްވައިފަ އެވެ. އެ ލިސްޓަށް ފަހު "މޭކް އިން އިންޑިއާ" ސްކީމްގެ ދަށުން ގަންނަ މިފަދަ 411 ދިފާއީ ސާމާނު ހުންނާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މޯދީ ވިދާޅުވި ގޮތުގައި އިންޑިއާގެ ޓެކްނޮލޮޖީއަށް މުޅި ދުނިޔެ ބަރޯސާވަމުން ދަނީ އިންޑިއާގެ އަސްކަރިއްޔާއިން އެމީހުންގެ ގާބިލްކަން ސާބިތުކޮށްދީފައިވާތީ އެވެ. އޭނާ މިސާލު ދެއްވީ ނޭވީ އާއި ކޮޗިން ޝިޕްޔާޑް ލިމިޓެޑުން އުފެއްދި އަދި ޑިޒައިންކޮށްފައިވާ އެންމެ ޒަމާނީ މަތިންދާބޯޓު އުފުލާ އުޅަނދު، އައިއެންއެސް-ވިކްރާންތު އެ ކުންފުނީގެ ފްލީޓުގައި ހިމެނުމަށެވެ. ހަމައެފަދައިން ވައިގެ އަސްކަރިއްޔާއިން "މޭކް އިން އިންޑިއާ" ގެ ދަށުން އުފެއްދި "ޕްރަޗަންދު" ލައިޓް ކޮމްބެޓް ހެލިކޮޕްޓަރުތައް ހިމަނައި، އެ ހެލިކޮޕްޓަރުތަކުން ދިފާއީ ގާބިލްކަން ދައްކުވައިދޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ދިފާއީ ދާއިރާގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ބޮޑުވަޒީރު ވިދާޅުވީ އިންޑިއާއިން ޔޫޕީ އާއި ޓެމިލް ނާޑޫގައި ދެ ޑިފެންސް ކޮރިޑޯ ހަދަމުންދާ ކަމަށާއި ދުނިޔޭގެ ބޮޑެތި ގިނަ ކުންފުނިތަކެއް އިންޑިއާގައި އިންވެސްޓް ކުރަން އަންނަ ކަމަށެވެ. "މި ދާއިރާއަށް މިފަދަ މިންވަރެއްގެ އިންވެސްޓްމަންޓްތަކުގެ ސަބަބުން އެ ދާއިރާތަކުން ޒުވާނުންނަށް ވަޒީފާގެ ބޮޑެތި ފުރުސަތުތައް ފަހިވެގެންދާނެ" މޯދީ ވިދާޅުވިއެވެ.
މީގެ އިތުރުން މޯދީ ވަނީ އިންޑިއާއިން ޑިފްއެކްސްޕޯ އާއި އިންޑިއަން އޯޝަން ރީޖަން ޕްލަސް (އައިއޯއާރް+) ގެ ދެވަނަ ކޮންކްލޭވް އަދި އިންޑިއާ-އެފްރިކާ ޑިފެންސް ޑައިލޮގް ބޭއްވުމާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ.
"މިއަދު ބައިނަލްއަގްވާމީ ސަލާމަތާއި ދުނިޔޭގެ ވިޔަފާރީގެ ތެރެއިން މެރިޓައިމް ސެކިއުރިޓީ އަކީ މުޅި ދުނިޔޭގައި ވެސް އިސްކަންދޭ ކަމެއްގެ ގޮތުގައި ވަނީ އުފެދިފައި. ގްލޯބަލައިޒޭޝަންގެ ޒަމާނުގައި ވެސް މާޗަންޓް ނޭވީގެ ދައުރު ވަނީ ފުޅާވެފަ އެވެ. އިންޑިޔާއާ މެދު ދުނިޔޭގެ އުންމީދުތައް އިތުރުވެ، އިންޑިއާއިން އެކަންކަން ފުއްދައިދޭނެކަމުގެ ޔަޤީންކަން ދުނިޔޭގެ މުޖުތަމަޢަށް އަރުވަމެވެ. އެހެންވީމާ، މި ޑިފެންސް އެކްސްޕޯއަކީ ވެސް އިންޑިއާއާ މެދު މުޅި ދުނިޔެ އިން ކުރާ އިތުބާރު ރަމްޒުކޮށްދޭ އެކްސްޕޯއެއް،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ހިންދުސްތާން އެރޮނޯޓިކްސް ލިމިޓެޑް (އެޗްއޭއެލް) އިން ޑިޒައިންކޮށްފައިވާ އެޗްޓީޓީ-40 އިންޑިޖިނިއަސް ޓްރެއިނާ އެއާކްރާފްޓް އިންޑިއާ ޕެވިލިއަންގައި އިފްތިތާހު ކޮށްދެއްވި ކަމަށާއި އެ މަތިންދާބޯޓު އެރޮބެޓިކްސް، އިންސްޓްރޫމަންޓް ފްލައިން އަދި ކްލޯޒް ފޯމޭޝަން ފްލައިޓްތަކަށް ވެސް ބޭނުން ކުރާނެ ކަމަށް އެޗްއޭއެލްގެ އޮފިޝަލުން ވިދާޅުވި އެވެ.
ޒަމާނީ ސިސްޓަމްތަކާއި ޕައިލެޓް ފްރެންޑްލީ ފީޗާތައް ހިމެނޭ މި މަތިންދާބޯޓުގައި ނެވިގޭޝަން އަދި ނައިޓް ފްލައިންފަދަ ސެކަންޑަރީ ރޯލްތައް އަދާކުރާނެ އެވެ. މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް އާއި ގުޖުރާތުގެ ޗީފް މިނިސްޓަރު ބޫޕެންދްރަބާއީ ޕަޓޭލް ބައިވެރިވެވަޑައިގެންނެވި އެވެ.
ދިފާއީ އުފެއްދުންތަކާއި ޓެކްނޮލޮޖީގެ ހިދުމަތުގެ ގާބިލުކަން ދައްކުވައިދޭ އިންޑިޔާ ޕެވިލިއަން އިފްތިތާހުކޮށްދެއްވީ ބޮޑުވަޒީރު އެވެ. މި ޕެވިލިއަންގައި އެމްއެސްއެމްއީއިން ބޮޑެތި ޕްރައިވެޓް އަދި ޕަބްލިކް ސެކްޓާ ވިޔަފާރިތަކަށް ހަދާފައިވާ ޕްރޮޑަކްޓްތަކާއި ސޮލިއުޝަންތައް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް