އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބެއް ކަމުގައިވާ އެސްޓަން ވިލާގެ ކޯޗުކަމުން ސްޓީވެން ޖެރާޑް ވަކިކޮށްފި އެވެ.
އެސްޓަން ވިލާގެ ކޯޗުކަމުން ޖެރާޑް ވަކިކުރީ އޭނާ ކޯޗުކޮށްދެމުން ދިޔަ އެސްޓަން ވިލާއިން މި ސީޒަނުގައި ނެރެމުން އަންނަ ދައް ނަތީޖާތަކާއި ގުޅިގެންނެވެ. ރޭ ފުލަމް އަތުން ބަލިވި މެޗަށް ފަހު ޖެރާޑް ކޯޗުކަމުން ވަކިކުރިއިރު، އެސްޓަން ވިލާގެ ސްޕޯކްސް ޕާސަން ކްރިސްޓިއަން ޕާކްސްލޯ ބުނެފައިވަނީ ޖެރާޑް ވަކިކުރަން ނިންމީ ކުލަބުގެ ބޯޑުން ގިނަ މަޝްވަރާތަކެއް ކުރުމަށް ފަހު މިވަގުތު ކުލަބަށް އެންމެ ފައިދާ ހުރި ގޮތްކަމަށް ފެންނާތީކަމަށެވެ.
އަދި ޖެރާޑް ކުލަބަށް ކޮށްދިން ކަންތައްތަކަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށާއި އެދެނީ ޖެރާޑްއަށް ކުރިޔަށް އޮތް ތަނުގައި ރަނގަޅު ކާމިޔާބީތަކެއް ލިބުމަށް ކަމަށްވެސް ކްރިސްޓިއަން ޕާކްސްލޯ ބުނެފައިވެއެވެ. އަދި ކުލަބުން އަބަދުވެސް ޖެރާޑްގެ ޚިދުމަތްތައް ބަލައިގަންނާނޭ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
އަދި އެސްޓަން ވިލާއަށް އައު ކޯޗެއް ހޯދުމުގެ މަސައްކަތް ވެސް ކުލަބުގެ ފަރާތުން މިހާރު ކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް ކޯޗެއް ހަމަ ޖެހޭނެ ކަމަށް ވެސް ކްރިސްޓިއަން ޕާކްސްލޯ ބުންޏެވެ.
އެސްޓަން ވިލާގެ ކޯޗުކަމާއި ޖެރާޑް ހަވާލުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ތިން އަހަރާ ބައިގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން ޖެރާޑް އެސްޓަން ވިލާއަށް ކޯޗު ކޮށްދިން އެގާރަމަސް ދުވަހު، އޭނާގެ ކޯޗުކަމުގެ ދަށުން އެސްޓަން ވިލާ ކުޅުނު 40 މެޗުގެ ތެރެއިން މޮޅުވީ އެންމެ 13 މެޗުންނެވެ. 19 މެޗުން ވަނީ ބަލިވެފައެވެ. އެންމެ ފަހުން އެސްޓަން ވިލާއިން މި ސީޒަނުގައި ކުޅުނު ނުވަ މެޗުގެ ތެރެއިން އެޓީމަށް މޮޅުވެވިފައިވަނީ އެންމެ މެޗަކުންނެވެ. އެއީ އަމިއްލަ ރަށުގައި ސައުތެމްޕްޓަން އާއި ދެކޮޅަށް ކުޅުނު މެޗުންނެވެ.
އެސްޓަން ވިލާ މިވަގުތު އޮތީ ލީގުގައި މިހާތަނަށް ކުޅުނު 11 މެޗުން ލިބުނު ނުވަ ޕޮއިންޓާއި އެކު ތާވަލްގެ 17 ވަނާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް