ނިމިގެންދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭ އިންގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމްއާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗުގައި ހިނގާދިޔަ ކަންތަކާއި ގުޅިގެން ޔުނައިޓެޑްގެ ފޯވާޑް ކްރިސްޓިއާނީ ރޮނާލްޑޯއަށް އޭނާގެ ކުލަބުން އަދަބުދީފައިވާއިރު، މި ކަމާއި ގުޅިގެން ރޮނާލްޑޯ ބަޔާނެއް ނެރެފިއެވެ.
ރޮނާލްޑޯގެ ކުލަބު މެންޗެސްޓަރ ޔުނައިޓެޑުން ރޮނާލްޑޯއަށް އަދަބު ދީފައިވަނީ އެންމެ ފަހުން ޓޮޓެންހަމާއި ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގެ ފަހު ހާފުގައި ކުޅެން އަރަން ކޯޗު އެންގުމުންވެސް އެކަމަށް އިންކާރުކޮށް ކުޅެން ނޭރި މައްސަލައާއި އެ މެޗު ނުނިމެނީސް، މެޗުގެ 89 ވަނަ މިނެޓުގައި ބެންޗު ދޫކޮށް ދިޔަ މައްސަލާގައިކަމަށް އިނގިރޭސި މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ޔުނައިޓެޑުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޔުނައިޓެޑުން ޗެލްސީއާ ދެކޮޅަށް އަންނަ ހަފުތާ ކުޅެން އޮތް މެޗުގެ ސްކޮޑުގައި ރޮނާލްޑޯ ނުހިމެނޭނެ ކަމަށާޢި އަދި ރޮނާލްޑޯ ޔުނައިޓެޑުގެ ފުރަތަމަ ޓީމު ކުޅުންތެރިންނާއި އެކު ފަރިތަކުރުންތަކުގައި ވެސް ބައިވެރި ނުވާނޭ ކަމަށެވެ. އަދި ޔުނައިޓެޑުން ވަކި އެއްޗެއް އަންގަން ދެން ރޮނާލްޑޯ ފަރިތަކުރުންތައް ކުރިޔަށް ގެންދާނީ ޔުނައިޓެޑުގެ ރިޒާވު ޓީމާއި އެކުގައި ކަމަށް ވެސް ބަޔާނުގައި ބުނެވައިވެއެވެ.
މި މައްސަލައާއި ގުޅިގެން ރޮނާލްޑޯ ވަނީ މިކަމަށް ރައްދުދީ ބަޔާނެއް ނެރެފައެވެ. ރޮނާލްޑޯގެ ބަޔާނުގައި ބުނެފައިވަނީ އޭނާގެ މުޅި ކެރިއަރުގައި ވެސް އަބަދުވެސް ކަންތައް ކުރާ ފަދައިން، އޭނާގެ އެކުވެރިންނާއި، ކޯޗުންނަށް އިހުތިރާމް ކުރާ ކަމަށާއި އަދި އެގޮތުގައި ޓީމާއި އެކު އުޅެން މަސައްކަތް ކުރާކަމަށެވެ. އަދީ އެއީ ކުޑަވެސް ބަދަލެއް ނާންނާނެ ކަމެއް ކަމަށާއި އޭނާ ވޭތުވެ ދިޔަ 20 އަހަރު ވެސް ކަންތައް ކޮސްފައިވާނީ އެގޮތައްކަމަށް ރޮނާލްޑޯގެ ބަޔާނުގައިވެއެވެ. އަދި މިހާތަނަށް ރޮނާލްޑޯ ކުޅުނު ކޮންމެ ކުލަބަކާއި މެދުވެސް އަމަލުކޮށްފައިވާނީ މި ބުނި ގޮތައް ކަމަށް ވެސް ރޮނާލްޑޯގެ ބަޔާނުގައި ބުނެފައިވެއެވެ.
އަދީ މީގެ އިތުރުން އޭނާގެ މުޅި ފުޓްބޯޅަ ކެރިއަރުގައި މިހާތަނަށް އައިރުވެސް ނިންމުންތައް ނިންމަނީ ކުލަބަށާއި އޭނާއަށް ފައިދާހުރި ގޮތަތައް ބަލާފަކަމަށް ވެސް ރޮނާލްޑޯ ބުނެފައިވެއެވެ. އަދި ރޮނާލްޑޯ އަކީ ޕްރޮފެޝަނަލް ކުޅުންތެރިއެއް ކަމަށާއި އެ ޕްރޮފެޝަނިލަޒަމް ހިފެހެއްޓުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ރޮނާލްޑޯ އޭނާގެ ބަޔާނުގައި ބުނެފައިވަނީ އޭނާ އަކީ ވަރަށް ކުޑައިރުން ފެށިގެން ފުޓްބޯޅަ ކުޅެން ފެށި ކުޅުންތެރިއެއް ކަމަށާއި މިހާތަނަށް ކުޅެފައިވާ ކޮންމެ ކުލަބަކަށް ވެސް މިސާލުދައްކަމުން އަންނަކަމަށެވެ. އަދި ކުލަބުގައި އެވަގުތަކު ތިބި ޒުވާން ކުޅުންތެރިންނަށް އެ ކުޅުންތެރިންގެ ކުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށާއި އެފަދަ ކުޅުންތެރިންނަށް އޭނާ އަކީ ނަމޫނާއެއް ކަމަށް އެ ކުޅުންތެރިން ބަލައިގެންފައިވާ ކަމަށް ވެސް ރޮނާލްޑޯ ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް