ޔުނައިޓެޑުން ރޮނާލްޑޯއަށް އަދަބު ދީފި

މެންޗެސްޓަރ ޔުނައިޓެޓުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއަށް އޭނާގެ ކުލަބު މެންޗެސްޓަރ ޔުނައިޓެޑުން އަދަބު ދީފިއެވެ. މެންޗެސްޓަރ ޔުނައިޓެޑުން ރޮނާލްޑޯއަށް އަދަބުދިންކަން އެޓީމުން މިރޭ ނެރުނު ބަޔާނެއްގައި...

20 Oct 2022 | 19:07

މެންޗެސްޓަރ ޔުނައިޓެޓުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއަށް އޭނާގެ ކުލަބު މެންޗެސްޓަރ ޔުނައިޓެޑުން އަދަބު ދީފިއެވެ.

މެންޗެސްޓަރ ޔުނައިޓެޑުން ރޮނާލްޑޯއަށް އަދަބުދިންކަން އެޓީމުން މިރޭ ނެރުނު ބަޔާނެއްގައި ކަށަވަރުކޮށްދީފައިވާއިރު، ރޮނާލްޑޯއަށް އަދަބު ދީފައިވަނީ ރޭ ޓޮޓެންހަމްއާއި ދެކޮޅަށް ޔުނައިޓެޑު ކުޅުނު މެޗުގައި ރޮނާލްޑޯ އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ރޮނާލްޑޯގެ މައްސަލައާއި ގުޅިގެން ޔުނައިޓެޑުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެންމެ ފަހުން ޓޮޓެންހަމާއި ދެކޮޅަށް ޔުނައިޓެޑު ކުޅުނު މެޗުގައި ރޮނާލްޑޯ އަމަލުކޮށްފައިވަނީ ޔުނައިޓެޑުގެ އުސޫލުތަކާއި މުޅިން ޚިލާފަށް ކަމަށާއި އެގޮތުން އެކަމުގެ އަދަބެއްގެ ގޮތުން އަންނަ ހޮނިހިރު ދުވަހު ލީގުގައި ވާދަވެރި ޗެލްސީއާއި ދެކޮޅަށް ޔުނައިޓެޑު ކުޅޭ މެޗަށް އެކުލަވާލި ސްކޮޑުގައި ރޮނާލްޑޯ ނުހިމަނަން ނިންމާފައިވާ ކަމަށެވެ. އަދި މިވަގުތު ޗެލްސީއާއި ދެކޮޅަށް ޔުނައިޓެޑުން ކުޅޭ މެޗަށް ކުރިޔަށް ގެންދާ ފަރިތަކުރުންތަކުގައި ވެސް ރޮނާލްޑޯ ބައިވެރި ނުވާނެކަމަށް އެ ކުލަބުގެ ބަޔާނުގައި ބުނެފައިވެއެވެ.

" އަންނަ ހޮނިހިރު ދުވަހު ޔުނައިޓެޑް ޗެލްސީއާއި ދެކޮޅަށް ކުޅެން އެކުލަވާލި ސްކޮޑުގައި ރޮނާލްޑޯ ނުހިމެނޭނެ. އަދި މިވަގުތު މުޅި ކުލަބުގެ ފޯކަސް ހުރީ އެމެޗަށް. އެ މެޗަށް ކުރިޔަށްގެންދާ ފަރިތަކުރުންތަކުގައިވެސް ރޮނާލްޑޯ ނުހިމެނޭނެ." ޔުނައިޓެޑްގެ ބަޔާނުގައި ބުނެފައިވެއެވެ.

ރޭ ޓޮޓެންހަމް ހޮޓްސްޕާސް އަތުން މެންޗެސްޓާ ޔުނައިޓެޑް ކުޅެ މޮޅުވި މެޗު ނިމުމުގެ ކުރިން، މެޗުގެ 89 ވަނަ މިނެޓުގައި ރޮނާލްޑޯ ވަނީ ބެންޗު ދޫކޮށް ޗޭންޖިން ރޫމަށް ގޮސްފައެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުން ރޮނާލްޑޯ ސްޓޭޑިއަމުން ނުކުމެގެން ދިޔައީ ސީދާ އޭނާގެ ގެއަށެވެ. އަދި ފަހު ހާފުގައި މެޗަށް އަރަން ކޯޗު ޓެން ހާގް ބުނުމުން ރޮނާލްޑޯ އެކަމާއި ދެކޮޅު ހަދައި މެޗަށް އެރުމަށް އިންކާރުކޮށްފައިވާ ކަމަށްވެސް ބައެއް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މެޗު ނުނިމެނީސް ރޮނާލްޑޯ ޗޭންޖިން ރޫމަށް ދިޔަކަން ފާހަގަކޮށް، ރޭގެ މެޗަށް ފަހު ޓެން ހާގާ މީޑިއާ އިން ސުވާލުކުރުމުން ބުނެފައިވަނީ ފަހުން އެ މައްސަލަ ބަލާނެ ކަމަށާއި މި ވަގުތު އެކަމާ ގުޅޭ އިތުރު ވާހަކައެއް ދައްކަން ބޭނުންނުވާ ކަމަށެވެ..

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް