ރާއްޖޭގެ ވެރިކަން ހިންގާ ޕާޓީގެ އަމަލުތަކުން ފަތުރުވެރިކަމަށް ނޭދެވޭ އަސަރުކުރާތީ ކަންބޮޑުވާކަމަށް އިދިކޮޅު ސިޔާސީ ޕާޓީ، އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން މިހެން ބުނެފައިވަނީ އެޕާޓީގެ ސެކްރެޓޭރިއަޓް ނެރުއްވާފައިވާ ބަޔާނެއްގަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވައި އިސްތިހާރުކޮށް ޕްރޮމޯޓު ކުރުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ ޙާއްސަ ކުންފުނި މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ)ގެ މަސައްކަތް ހުއްޓި ދިވެހިރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތް ކުރާ ދުވަސްވެރު (ހައި ސީޒަން) ކުންފުނި ސިފައިން އަދި ފުލުހުންގެ ބެލުމުގެ ދަށުގައިވާކަމީ އެމްޑީޕީން ކަންބޮޑުވާ ކަމެއް ކަމަށެވެ.
"ސިންގަޕޫރުގައި މިއަދު ފެއްޓޭ އައި.ޓީ.ބީ އޭޝިޔާ 2015 ގައި ބައިވެރިވުމަށް އެމް.އެމް.ޕީ.އާރު.ސީން ފުރާފައިވަނީ ރޭގެ ވަގުތެއްގައި، އާންމު ގޮތެއްގައި ތިން ހަތަރު ދުވަސް ކުރިން ދިވެހިރާއްޖޭގެ ސްޓޯލް ތައްޔާރު ކުރެވި އެކަމުގެ ހުރިހާ ކަމެއް ހުންނަނީ ނިމިފައި، ނަމަވެސް މިދުވަސްވަރު އެމް.އެމް.ޕީ.އާރު.ސީގެ ހިންގުމާއި ހުރިހާ މަސައްކަތެއް ހުއްޓިފައިވުމަކީ މިފަދަ ދޯދިޔާކަމެއް ވުމަށް މެދުވެރިވި އެއް ސަބަބު، މި ފާއިތުވީ ހަފްތާއިން ފެށިގެން ކުންފުނީގެ މެނެޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތާ ތަކުރާރުކޮށް ފުލުހުން ސުވާލުކޮށް އަދި އެ ކުންފުނީގެ އިދާރާވެސް ވަނީ ބަންދުކޮށްފައި، އެމް.އެމް.ޕީ.އާރު.ސީ އޮފީސް ބަންދުކޮށްފައިވުމުގެ ސަބަބުން ކުރިއަށް ރޭވިފައިވާ ބައެއް އެހެން ޕްރޮމޯޝަނަލް ފެއަރތަކުގައިވެސް ދިވެހިރާއްޖެ ތަމްސީލު ކުރެވޭނެ ކަމާ މެދު ޝައްކު އުފެދޭ،މައުލޫމާތު ލިބިފައިވާ ގޮތުގައި ޗައިނާގައި ބޭއްވުމަށް ރޭވިފައިވާ ރޯޑްޝޯ ކުރިއަށްދާނެ ކަމުގެ ޔަޤީން ކަމެއް ނެތް، އަދި ހަމަ މިއާއެކު އިނގިރޭސިވިލާތުގައި ކޮންމެ އަހަރަކުވެސް އޮންނަ ވަރލްޑް ޓްރެވެލް މާކެޓްގައި ބައިވެރިވުމާ މެދުވެސް ވަނީ ޝައްކު އުފެދިފައި" އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބެމުން އަންނަ ހީނަރުކަމަކީ ސަރުކާރުގެ ޢަމަލުތަކާ އަދި ދިވެހިރާއްޖެ ޑެސްޓިނޭޝަނެއްގެ ނުވަތަ ބްރޭންޑެއްގެ ގޮތުގައި ޕްރޮމޯޓުކުރުން ފެއިލްވެފައިވާކަމުގެ ހެއްކެއް ކަމަށެވެ. އަދި ރިސޯޓުތަކުގެ އޮކިއުޕަންސީ ރޭޓްވަނީ މިދިޔަ އަހަރުގެ މިމަހާ އަޅާ ބަލާއިރު %5 ދަށްވެފައި ކަމަށާއި އަދި މިއަހަރަށް ސަރުކާރުން ލަފާކުރި 1.4 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރުމުގެ ޓަރގެޓް ޙާސިލް ކުރުމަށް ސެޕްޓެމްބަރ ން ޑިސެމްބަރ މަހުގެ ނިޔަލަށް 613,445 ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތް ކުރަން ޖެހޭނެ ކަމަށް އަދި 2014 ވަނަ އަހަރު ސެޕްޓެމްބަރ ން ޑިސެމްބަރ މަހު ދިވެހިރާއްޖެއަށް ޒިޔާރަތްކުރީ 398,967 ކަމަށްވާއިރު މިއަހަރުގެ ލަނޑުދަނޑި ޙާސިލްވާނެ ކަމަށް ޤަބޫލެއް ނުކުރެވޭ ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.
"އެމް.އެމް.ޕީ.އާރު.ސީގެ މަސައްކަތް ހުއްޓި، ދާއިމީ ވަޒީރެއް މިނިސްޓްރީ އޮފް ޓުއަރިޒަމްގައި ނެތް މި ދަނޑިވަޅުގައި އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖެއަށް ޓްރެވެލް އެޑްވައިޒަރީއެއް ނެރުއްވާފައި، މިއީ މީގެ ކުރިން ޓްރެވެލް އެޑްވައިޒަރީގައި ބަޔާން ކުރާ މަޢުލޫމާތަށްވުރެ މާ ހަރުކަށި ޢިބާރާރުގެ ޓްރެވެލް އެޑްވައިޒަރީއެއް، މީގެ ކުރިން މިފަދަ ނޯޓިސްތަކުގައި ފާހަގަކުރަނީ މުޒާހަރާތަކުގެ މައުލޫމާތު، ނަމަވެސް އޮސްޓްރޭލިއާ ސަރުކާރުގެ މި ޓްރެވެލް އެޑްވައިޒަރީގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ޓެރަރިސްޓް ޙަމަލައެއް ހިނގާފާނެ ކަމުގެ ބިރު އޮތުމުން އޮސްޓްރޭލިއާ ރައްޔިތުން އެކަމަށް ސަމާލުވުމަށް" އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިފަދަ ނޯޓިސް ނެރުމުގެ ފުރިހަމަ ޒިންމާސަރުކާރުން ނަންގަވަން ޖެހޭނެ ކަމަށާއި މިއީ ބައިނަލްއަޤްވާމީ މުޖުތަމަޢާ ގުޅުން ބަދަހިނުކޮށް އެޤައުމުތަކުގެ މަޝްވަރާތަކަށް ގޮންޖެއްސެވުމުގެ ހިތި ނަތީޖާ ކަމަށެވެ.
މިފަދަ ނާޒުކު ޙާއްލެގައި ފަތުރުވެރިކަމުގެ ދާއިރާ އޮތް އިރު ދާއިރާ ޕްރޮމޯޓުކޮށް އިސްތިހާރުކުރުމުގެ މައި ކުންފުނީގެ މަސައްކްތް ހުއްޓިފައިވާކަމީ ބޮޑު މައްސަލައެކެވެ. އަދި ކުންފުނީގެ މަސައްކަތް ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތް އިންތިޒާމް ކުރުމަކީ ސަރުކާރުގެ ޒިންމާއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް