ނޫސްވެރިކަން ކުރުމާ ހަބަރު ފެތުރުމުގައި ޒިންމާދާރުކަމާއެކު ކުރިއަށް ދިއުމަށް ވީމީޑީއާއަށާއި، ރާއްޖޭގެ އެންމެހާ ހަބަރު ފަތުރާ އޭޖެންސީތަކަށް ހއ އުލިގަމު ކައުންސިލުން ގޮވާލައިފި އެވެ.
އެ ކައުންސިލުން މިކަމަށް ގޮވާލީ ކައުންސިލް ރައީސް އިމާދު އަބްދުﷲ ސޮއިކޮށް ނެރުނު ބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ އުލިގަމުގައި ހަތިޔާރު ގުދަނެއް ހަދާވާހަކަ ހަވީރު ނޫހުގައި ޖެހުމާއެކު ވީމީޑިއާއިން އެކަމާބެހޭގޮތުން މައުލޫމާތު ސާފުކުރުމަށް ގުޅުމުން ކައުންސިލްގެ ރައީސް ދެއްވި ބައެއް ޖަވާބުތައް، ރައީސާ ހަވާލާދީ "ވީނިއުސް"ގައި ސާއިޢުކޮށްފައިވަނީ ޖަވާބުދެއްވިގޮތާ ހިލާފަށް ކަމުގެ ހަގީގަތް އޮޅޭގޮތަށް ކަމަށެވެ.
"މިކަމާބެހޭގޮތުން އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްޓީޑީސީއަށް ދޫކޮށްފައިވާ ބިމުގައި މަލްޓާގެ ބަޔަކު ހަރަކާތްތެރިވެ، އެ ސަރަހައްދަށް ރަށުގެ އެއްވެސް މީހަކަށް ނުވަދެވޭނޭހެން ބަންދުކޮށްގެން ބަޔަކު ފޯރިމަރަމުންދާކަމަށް ހަބަރުގައި ގެނެސްދީފައިވާތީ ސިފަވަނީ މަލްޓާގެ ބަޔަކު ހަތިޔާރު ގެންގުޅެ ހައި ސެކިއުރިޓީއާއެކު އެ ސަރަހައްދު ބަންދުކޮށްގެން ހަރަކާތްތެރިވާކަމަށެވެ. އެހެން ނަމވެސް އެކަމާ ގުޅޭގޮތުން ކައުންސިލުން ދަންނަވާފައިވާނީ، ކުރިން އެ ސަރަހައްދު އެއްވެސް މަސައްކަތެއް ހިނގަމުން ނުދާ ދުވަސްވަރުގައި އެ ސަރަހައްދަށް ވަދެ ނިކުމެއުޅުމުގައި އަމަލު ކުރެވެމުންދިޔަ ގޮތާ މިހާރު އަމަލު ކުރެވެމުންދާގޮތާ ތަފާތުކަން ހުރިކަމަށެވެ. އަދި އެއްވެސް މަސައްކަތެއް ހިނގަމުން ނުދާ ސައިޓަކާ، މަސައްކަތްތަކެއް ހިނގަމުންދާ ސައިޓަކށް ވަދެ ނިކުތުމުގައި ތަފާތުތަކެއް ހުންނާނެ ކަމީ ބުއްދީގެ ނަޒަރަކުން ބަލާއިރުވެސް ގަބޫލު ކުރެވޭނެ ކަމެއް" އުލިގަމު ކައުންސިލްގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ މިހާރުވެސް އެ ސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓަމުންދަނީ، އެމްޓީޑީސީން ސިޓީހޮޓާ ހަދަމުންދިޔަ ދުވަސްވަރުވެސް ސެކިއުރިޓީ ބަލަހައްޓަމުން ގެންދެވި އެމްޓީޑީސީގެ މުވައްޒަފުންގެ ގޮތުގައިތިބި އުލިގަމުން ރައްޔިތުން ކަމަށާއި އެ ސަރަހައްދަކީ ކަނޑައެޅިފައިވާ ލުއިފަސޭހަ އުސޫލެއްގެ ތެރެއިން ވަދެ ނިކުމެވޭގޮތަށް އޮތް ސަރަހައްދެއް ކަމަށެވެ. އަދި ވީނިއުސްގެ ހަބަރުގައި ގެނެސްފައިވާގޮތުން، އެކަން އިސްލާހު ކުރުމަށް، ތަކުރާރުކޮށް ވީމީޑިއާއަށް ގުޅުމުން އެ ފަރާތުން ފޯނަށް ޖަވާބު ދީފައި ނުވާ ކަމަށްވެސް އުލިގަމު ކައުންސިލްގެ ބަޔާނުގައި ބުނެފައި ވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެއްވެސް މީހަކު ދައްކާ ވާހަކައެއް ބަދަލުކޮށް ހަގީގަތާ ހިލާފަށް އެ ވާހަކައެއް ފެތުރުމުގެ އިހުތިޔާރު އެއްވެސް ނޫހަކަށް ނުވަތަ އެ ނޫންވެސް ފަރާތްކަށް ލިބިގެން ނުވާ ކަން ހަނދުމަކޮށްދޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް