އޮތީ ކޮރަޕްޝަނުން އޭ ފާސް އޮތް ދެ ޕާޓީ - އެއްވެސް ޕާޓީއަކަށް ތާއީދެއް ނުކުރާނަން: އުމަރު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއެއްގެ އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ނުކުރައްވާނެ ކަމުގައި ވަރަށް އަޑުހަރު މެސެޖަކާއެކު އުމަރު ވިދާޅުވެއްޖެއެވެ. އެގޮތުން އުމަރާއި އުމަރުގެ ޓީމުގެ ނިން...

21 Sep 2023 | 17:54

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއެއްގެ އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ނުކުރައްވާނެ ކަމުގައި ވަރަށް އަޑުހަރު މެސެޖަކާއެކު އުމަރު ވިދާޅުވެއްޖެއެވެ.

އެގޮތުން އުމަރާއި އުމަރުގެ ޓީމުގެ ނިންމުން ހާމަކުރަމުން މިރޭ އުމަރު ބުނީ ދެވަނަ ބުރަށް ގޮސްފައިމިވަނީ ކުރިންވެސް ވެރިކަންކުރި ދެ ޕާޓީ ކަމަށާއި އެއީ ޓެސްޓް ކުރެވިފައިހުރި ޕާޓީތައް ކަމަށެވެ.

" ކޮންމެ ބަޔަކު އަތުގަ އެބަ އޮތް އެމީހުން ވެރިކަން ކުރި ގޮތުގެ ރިޕޯޓް ފެންނަން، ހަނދާނުގަ އެބަހުރި އިއްޔެ ވެރިކަން ކުރި މީހުންނާ، މިއަދު ވެރިކަން ކުރި މީހުންނާ، މި ދެބައިވެސް އަޅުގަނޑުމެން ހަނދާން އެބަހުރި" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ހުރިހާ ޕާޓީތަކެއްގެ ވެރިކަމުގަވެސް ރާއްޖޭގެ ދަރަނި ވީ އިތުރު ކަމަށާއި އިންތިހާއަށް ލޯނުތައް ނަގާ ބޭކާރު ޕްރޮޖެކްޓްތައް ހިންގި ކަމަށެވެ. ދެ ޕާޓީގެ ވެރިކަމުގަވެސް މަގުތައް ނާމާންވި ކަމަށާއި މީހުން މެރުމާ މަސްތުވާތަކެތި ވިއްކުން އިތުރުވި ކަމަށެވެ. ދެ ޕާޓީގެ ވެރިކަމުގެވެސް އެތައް ކުދިންނެއް މަސްތުވާތަކެތީގެ ތެރެއަށް ވަދެގެން ދިޔަ ކަމަށާއި ދެ ޕާޓީގެ ވެރިކަމުގަވެސް، ކޮރަޕްޝަން އިންތިހާއަށް މައްޗަށް ދިޔަ ކަމަށެވެ.

"ދެ ޕާޓީންވެސް ވަނީ ކޮރަޕްޝަނުން އޭ މާކްސް ލިބިފަ، އެހެންވީމަ އަޅުގަނޑުމެން، އިތުރަށް މި ޕާޓީތައް ވަރުގަދަކޮށްދޭކަށް ނެތިން" ވަރަށް ސާބިތު ކަމާއެކު އުމަރު ވިދާޅުވިއެވެ.

އުމަރު އިތުރަށް ވިދާޅުވީ އުމަރާއި އުމަރުގެ ޓީމު ތިބީކީ، އިތުރަށް ރާއްޖެ ދަރަނިވެރި ކުރުވާއިރުގަ އެ މަސައްކަތުގަ ބައިވެރިވާކަށް ނޫން ކަމަށާއި މަގުތައް ނާމާންވާއިރުގަ އެ މަސައްކަތުގަ ބައިވެރިވާކަށްވެސް ނޫން ކަމަށެވެ.

މިސްރާބު ތަފާތު ސިޔާސީ އާ ފިކުރެއް އުފެއްދިއްޖެކަން ފާހަގަކުރައްވަމުން އުމަރު ވިދާޅުވީ ގަދަ ހަތަރެއްގައި ހިމެނި އެއްވަނަ ޑިވިޒަނަށް ކޮލިފައިވެސް ވެއްޖެ ކަމަށެވެ. އަދި އެއްވެސް ހާލެއްގަ އަޅުގަނޑުމެން މި ކްރިއޭޓް ކުރި އައިޑެންޓިޓީ ގެންގޮސް އެހެން ޕާޓީއެއްގެ ތެރެއަށްލާ މަޝްހުނި ކޮށްލަން ބޭނުން ނޫންކަމުގައިވެސް އުމަރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް